އެވަޓަންގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލަށް މެންޗެސްޓާ ސިޓީ ދަތުރު ކޮށްފި އެވެ.
ޑޮމެސްޓިކް ސީޒަންގެ ތިން ތަށި ކާމިޔާބު ކުރި އިނގިރޭސި ހަމައެކަނި ޓީމުގެ ޝަރަފު 2019 ގައި ހޯދި ސިޓީން މިހާރު އޮތީ އެ ކާމިޔާބު ތަކުރާރު ކުރުމުގެ މަރުހަލާ އާ ކައިރީގަ އެވެ. އެ ޓީމު އޮތީ ލީގް ކަޕްގެ ފައިނަލުގަ އެވެ. މިހާރު އެފްއޭ ކަޕް ސެމީ ފައިނަލުގައި އޮތުމުން އަންނަ މަހު ވެމްބްލީގައި އެއް ހަފުތާ ތެރޭ ދެ ފަހަރަށް ސިޓީން ކުޅޭނެ އެވެ.
މި ސީޒަންގައި ހަތަރު ތަށި ހޯދޭނެ ފުރަތަަމަ ކުލަބަކަށް ސިޓީއަށް ވުމުގެ ފުރުސަތު އެބައޮތެވެ. އެ ޓީމު އޮތީ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގަ އެވެ.
އެވަޓަންގެ ނާކާމީޔާބާއެކު ތައްޓެއް ހޯދުމަށް 25 އަހަރު ދިގު އިންތިޒާރެއް ކުރި އެ ކުލަބަށް އަނެއްކާ ވެސް އިންތިޒާރު ދިގުވީ އެވެ.
ސިޓީގެ ކޯޗް ގާޑިއޯލާ ބުނީ، އެންމެ ފަހުގެ އިންޓަނޭޝަނަލް ބުރޭކްގެ ފަހުން ސިޓީން ކުޅުނު އެންމެ ވަރުގަދަ މެޗަކީ ރޭ އެވަޓަން އާ ދެކޮޅަށް ކުޅުނު މެޗު ކަމަށެވެ. މެޗުގެ ފަހު ވަގުތާ ހަމައަށް ދިޔައިރު ވެސް ނަތީޖާއަށް ބަދަލެއް ނައެވެ. ސިޓީގެ ލަނޑު 84 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިލްކޭ ގުންޑޯގަން އެވެ. ސިޓީގެ ދެ ވަނަ ލަނޑު ކެވިން ޑި ބްރައިން ކާމިޔާބު ކުރީ 90 ވަނަ މިނެޓްގަ އެވެ.