އެޗްޕީއޭގެ ނިންމުމާހެދި ފުޓްބޯޅައިގެ ހަރަކާތްތައް މެދުކަނޑާލައިގެން އޮންނަން ޖެހުމުން އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށާއި ކުލަބުތަކަށް ކުރަމުންދާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ލީގް މެދުކަނޑާލާފައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އޭގެ ފަހުން ކޮވިޑުން ރައްކާތެރި ވުމަށް އެފްއޭއެމް އާއި ކުލަބުތަކުން ގިނަ ފިޔަވަޅުތަކެއް އެޅި އެވެ. ގައުމީ ވެކްސިން ކެމްޕޭންގެ ފުރަތަމަ ޑޯޒްގެ ވެކްސިން ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ ހުރިހާ ކުޅުންތެރިންނާއި ކުލަބުތަކުގެ ކޯޗުން އަދި އޮފިޝަލުން ވަނީ ޖަހާފަ އެވެ. ކުރިން އޮތް ފިޔަވަޅުތަކަށް ވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެންވެސް ލީގް އަލުން ފެށުމުގެ ހުއްދަ ނުލިބުމުން، ބައްސާމްގެ ފަރާތްޕުޅުން ވަނީ އެކަންބޮޑުވުންތައް އާންމު ކުރައްވާފަ އެވެ.
ބައްސަމްގެ ފަރާތްޕުޅުން، މިއަދު ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ، ކޮވިޑްގެ ހާލަތު ކޮންމެ ގޮތަކަށް އޮތްނަމަވެސް އެހެން ވަޒީފާތަކަށާއި އިގްތިސޯދީ އެހެން ދާއިރާތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، އާންމުދަނީ ހޯދުމުގެ ޕްރޮފިޝަންއެއްގެ ގޮތުގައި އޮތް ފުޓްބޯޅައަށް ފުރުސަތު ނެތުމަކީ ކަންބޮޑުވާން ޖެހޭ އަދި ސީރިއަސްކޮށް ވިސްނަން ޖެހޭ މައްސަލައެއް ކަމަށެވެ.
"ފުޓްބޯޅައަކީ ދިވެހިރާއްޖޭގައި އެންމެ ގިނަ ބަޔަކު ޕްރޮފިޝަނަލް ގޮތެއްގައި ޝާމިލުވާ އެއް ކުޅިވަރެވެ. މިއީ އެތައް ބަޔަކު އާންމުދަނީ ހޯދުމުގެ ގޮތުން އަދާ ކުރާ ވަޒީފާއެއްވެސް މެއެވެ.،" ބައްސާމްގެ ފަރާތްޕުޅުން ނެރުއްވި ބަޔާނުގައި ލިޔުއްވާފައި ވެއެވެ.
"ކަންމިހެން އޮތްއިރު ކޮވިޑް-19 އިގެ ސަބަބުން މިދިޔަ އަހަރުން ފެށީގެން ރާއްޖޭގެ ފުޓްބޯޅަ ހުއްޓާލަން ޖެހުމުން ފުޓްބޯޅަ ކުޅުންތެރިންނަށާއި ކުލަބުތަކަށް މާލީ ގޮތުންނާއި އެނޫން ގޮތްގޮތުންވެސް ގިނަ ގެއްލުންތަކެއް ވަނީ ކުރިމަތި ވެފަ އެވެ. އެތައް ކުޅުންތެރިންނެއް ދިރިއުޅުމަށް ކުރާ މަސައްކަތް ހުއްޓާލައިގެން ހުސްކޮށް ތިބެން ޖެހުމުގެ ސަބަބުން އަތްމަތި ދަތިވެފައި ވެއެވެ."
ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރޯދައިގެ ފަހުން ގައުމީ ޓީމުން ވާދަ ކުރާނެކަން ފާހަގަކޮށް ބައްސާމް ވިދާޅުވީ، އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގައުމީ ޓީމަށް ތައްޔާރު ވުމަށް އެއްވެސް ވަރަށްކަށް ފުރުސަތު ލިބެމުން ނުދާކަމީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު މެޗުތައް ހޯސްޓް ކުރުމަށް، އިންޑިއާ އާ ވާދަކޮށް ރާއްޖެއިން ފުރުސަތު ހޯދާފައިވީ ނަމަވެސް، އެޗްޕީއޭގެ ނިންމުންތަކާ ހެދި ރާއްޖޭގެ ކުޅުންތެރިންނަށް އެ ފުރުސަތުގެ ހަގީގީ ފައިދާ ނުލިބިދާނެތީ ބައްސާމް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ބައްސާމް ވިދާޅުވީ، ސަރަހައްދީ ފުޓްބޯޅައިގައި ރާއްޖެއާ ވާދަ ކުރަން ޖެހޭ ގައުމުތަކުގެ ކޮވިޑްގެ ހާލަތު ރާއްޖެއަށް ވުރެ ގޯސްކޮށް އޮތް އިރުވެސް އެ ގައުމުތަކުގައި ފުޓްބޯޅައިގެ ހަރަކާތްތައް މެދުކެނޑުމެއް ނެތި ހިނގަމުންދާ ކަމަށެވެ.
ކުރިއަށް އޮތް އޭޕްރީލް އަދި މެއި މަހު ރާއްޖޭގެ ކުލަބުތަކާ ވާދަ ކުރަން ޖެހޭ ގައުމުތައް ކަމަށްވާ ބަންގުލަދޭޝް އާއި ބޫޓާން އަދި އިންޑިއާގެ ޓީމުތައް ވަރަށް ފުރިހަމައަށް ތައްޔާރު ވަމުންދާއިރު ދިވެހި ޓީމުތަކަށް އެ ފުރުސަތު ނެތުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.
މިދިޔަ މަހު ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް ހުއްޓާލަން އެޗްޕީއޭއިން އެންގީ، ތިން ވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތް ފެށެން ހަތަރު ދުވަހަށް ވެފައި ވަނިކޮށް ކަމަށާއި ފުޓްބޯޅައިގެ ހަރަކާތްތައް މެދުކަނޑާލުމުން އެ ޑިވިޝަންގައި ވާދަ ކުރާ ކުލަބުތަކަށާއި ކުޅުންތެރިންނަށްވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާކަން ބައްސާމް ފާހަގަ ކުރެއްވި އެވެ.