ޖެހިޖެހިގެން ނުވަ އަހަރު ވަންދެން، ސެރީ އާ ގެ ޗެމްޕިއަންކަން ފުލުފުލުގައި ހޯދަމުން ދިޔަ ޔުވެންޓަސްގެ ބާރު ކެނޑި އަލުން ސެރީ އާ ހޯދުމުގެ އުންމީދު ފަނޑު ވެއްޖެ އެވެ.
ރޭ ބެނެވެންޓޯ އާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް ބަލިވީ 1-0 ންނެވެ. ރޭ ގެ މެޗާ ހަމައަށް ފިލިޕޭ އިންޒާގީ ކޯޗް ކޮށްދެމުން ގެންދާ ބެނެވެންޓޯ ޖެހިޖެހިގެން 11 މެޗުން މޮޅު ވެވިފައެއް ނުވެ އެވެ. ޔުވެންޓަސްގެ މިހާރުގެ ކޯޗް އެންޑްރެއާ ޕިރްލޯގެ ކުރީގެ ޓީމު މޭޓް އިންޒާގީ އަތުން ޔުވެންޓަސް ބަލިވީ 72 މިލިއަން ޔޫރޯގެ އަގަކަށް ގެނައި މިޑްފީލްޑަރު އާތޯ މެލޯއަށް ހެދުނު ގޯހަކުންނެވެ. ބެނެވެންޓޯގެ ލަނޑު ކާމިޔާބު ކުރީ އަޑޯލްފޯ ގައިޗް އެވެ.
ޔުވެންޓަސް އާއި އެއް ވަނައިގައި އޮތް އިންޓަ މިލާން އާ ދެމެދު 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ފިއޮރެންޓީނާ އާ ދެކޮޅަށް ކުޅުނު މެޗު މިލާން ކާމިޔާބު ކުރީ، 3-2 ންނެވެ. ޒްލަޓާން އބްރޮހިމޮވިޗާއި، ބްރައިހިމް ޑިއާޒް އަދި ހަކާން ކަންހުގުލޫގެ ލަނޑުތަކުން މޮޅުވެ މިލާން ވަނީ، ވާދަވެރި އިންޓަ މިލާން އާ ހަ ޕޮއިންޓަށް ފަރަގ ކުޑަ ކޮށްފަ އެވެ. މެޗުގައި ފިއޮރެންޓީނާގެ ލަނޑުތައް ކާމިޔާބު ކުރީ ޕުލްގާ އާއި ފްރޭންކް ރިބެރީ އެވެ.