ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ހޮޓާ ރެސްޓޯރެންޓްތަކަށް ގެއްލުންވަމުންދާތީ ކުއްލި މައްސަލައެއް

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހޮޓާ ރެސްޓޯރެންޓްތަކަށް ގެއްލުންވަމުންދާތީ އެކަން ހައްލު ކުރަން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަކަމަށް 24 މެމްބަރަކު ވޯޓު ދެއްވި އެވެ

އެ މައްސަލަ ހުށަހަޅުއްވަމުން ސަލީމް ވިދާޅުވީ ކޮވިޑާ ގުޅިގެން ހޮޓާ ވިޔަފާރިތައް ބަނގުރޫޓްވެ އަލުން ކޮޅަށް ޖެހުމަށްވެސް މިހާރު ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ދިގުދެމިގެން ގޮސް ވިޔަފާރި ހާއްސަކޮށް ގްރޭޓާ މާލެ އޭރިއާގައި ވަނީ މުޅިން ހުއްޓުމަކާ ހަމައަށް ގޮސްފައި. ގައުމުގެ އާންމު އިގްތިސާދުން މިކަަމުން ފޯރާ ގެއްލުން ގިނަ ގުނަ" ސަލީމް ވިދާޅުވި އެވެ.

ކޮވިޑަކީ ނުރައްކާތެރި ބައްޔެއްކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ އެ ހާލަތާ ގުޅިގެން ރާއްޖޭގައި އެޅީ ކޮންމެވެސް އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން އިއުލާންކޮށްފައިވާ އިމެޖެންސީ ހާލަތު ދިގު ދަންމައި އެތަކެއް ވިޔަފާރިތަކަށް އަސަރުކޮށް ބަނގުރޫޓްވާން ދޫކޮށްލައިގެން ނުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ބަދަލުގައި ދިރިއުޅުމައިގެން ކުރިއަށް ދެވޭނެގޮތްތައް ދެއްކުން މާ ބުއްްދިވެރިކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ދާފި ފަހަކާ ޖެހެންދެން އާންމުންނަށް ކެފޭ/ ރެސްޓޯރެންޓްތަކަށް ވަދެވެނީވެސް ރޭގަނޑު އަށެއް ޖަހަންދެނެވެ. އަދި އޭގެ ފަހުން ހަމައެކަނި ދެމުންގެންދިޔައީ ޓޭކްއަވޭގެ ހިދުމަތް އެކަންޏެވެ. ނަމަވެސް މިހާރު ރޭގަނޑު 10:30 އާ ހަމަައަށް އާންމުންނަށް ކެފޭތަކަށް ވަދެވެ އެވެ. ނަމަވެސް އެކަން އެގޮތަށް އޮތް އިރުވެސް ފިހާރަތަކާއި މަގުތަކުގައި މީހުން ރޭގަނޑު ލަސްވަންދެން ތޮއްޖެހޭތަން ފެންނަމުން ފެނެއެވެ. އެކަން އެހެން އޮތުމުން އެޗްޕީއޭގެ ގައިޑްލައިންތަކާ މެދު ސަލީމް ސުވާލު އުފެއްދެވި އެވެ.

ކެފޭތަކަށް ގެއްލުންވަމުންދާތީ ސަލީމް އެދިވަޑައިގެންނެވީ އެވިޔަފާރިތަކަށް ލުއިދިނުމަށެވެ. އެ ލުއިތަކުގެ ތެރޭގައި ޖީއެސްޓީ ދެއްކުމުގައި ލުއިތައް ދިނުމާއި އަދި އެކަށީގެންވާ މުއްދަތަކަށް ފެނާއި ކަރަންޓް ކަނޑާނުލާނެގޮތަށް އިންތިޒާމް ކުރުމާއި އަދި އެހެން ވިޔަފާތިތަކެކޭ އެއްފަދައިން ކެއިން ބުއިމުގެ ހިދުމަތް ދޭ ގަޑިތައް ތަފާތުނުކުރެވޭ ގޮތަށް ހެދުމެވެ.