ބުންޑެސްލީގާ

ގުލެޖްބާކްގެ ކޯޗަކަށް ޒަބީ އޮލޮންސޯ ހަމަޖައްސަނީ

އަންނަ ސީޒަންގައި ބުރޫޝިއާ މޮންޗެންގުލެޖްބާކްގެ ކޯޗަކަށް، ސްޕެއިންގެ ކުރީގެ މިޑްފީލްޑާ ޒަބީ އޮލޮންސޯ ހަމަޖައްސަން އެ ކުލަބުން ނިންމައިފި އެވެ.

މިހާރު ރެއާލް ސޮސިއެޑާޑްގެ ބީ ޓީމުގެ ކޯޗް ޒަބީއަށް، މޮންޗެންގުލެޖްބާކް ވެގެން ދާނީ ސީނިއާ ކޯޗިން ކެރިއާގައި އޭނާ މަސައްކަތް ކުރާ ފުރަތަމަ ކުލަބަށެވެ. ޔޫއެފާ އޭ ލައިސެންސް 2018 ގައި ފުރިހަމަ ކުރުމަށް ފަހު އޭނާ ވަނީ ރެއާލް މެޑްރިޑްގެ 14 އަހަރުން ދަށުގެ ޓީމަށް ކޯޗް ކޮށްދީފަ އެވެ. ޔޫއެފާ ޕްރޯ ލައިސެންސް ހާސިލު ކުރީ 2019 ގަ އެވެ.

ގުލެޖްބާކްގެ ކޯޗް މަގާމު ޖޫންގައި ހުސް ވަނީ، އެ ޓީމުގެ މިހާރުގެ ކޯޗް މާކޯ ރޯސް އަންނަ ސީޒަންގައި ބުރޫޝިއާ ޑޯޓަމުންޑަށް ބަދަލުވާން ހަމަޖެހިފައި ވުމުންނެވެ.

ސޮސިއެޑާޑް، ލިވަޕޫލް، ރެއާލް އަދި ބަޔާން މިޔުނިކަށް ކުޅެފައިވާ އޮލޮންސޯ، ކުރިމަގުގައި ބަޔާންގެ ކޯޗަކަށް ގެންދިއުމަށް އެ ކުލަބުން ޝައުގވެރިކަން ފާޅު ކުރި އެވެ. ބަޔާންގެ ޗެއާމަން ކާލް ހެންޒް ރުމޭނިގޭ 2019 ގައި ވިދާޅުވެފައި ވަނީ، ބަޔާން އިން އޮލޮންސޯ އަލުން އެ ޓީމަށް ގެންނަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ވެގެން ދާނީ ސްޓްރެޓެޖިކް ނިންމުމަކަށް ކަމަށެވެ. އެއީ ޒަބީއަށް ހަތަރު ބަހުން ފަރިތަކަމާއެކު ވާހަކަ ދައްކަން އެނގޭތީ ކަމަށް ރުމޭނިގޭ ވިދާޅުވި އެވެ. އޭގެތެރޭގައި ޖަރުމަން ބަސް ހިމެނެ އެވެ.

ވޯލްޑް ކަޕް 2010 އަދި ޔޫރޯ 2008 އަދި 2012 ސްޕެއިންއަށް ކަމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި އޮލޮންސޯ ފުޓްބޯޅަ ކުޅުން ހުއްޓާލީ 2017 ގަ އެވެ.