ޖަރުމަނު ލީގުގައި ރޭ އަމިއްލަ ދަނޑުގައި އާރުބީ ލައިޕްޒިގް 1-2 އިން ބަލިކޮށް ލީގުގެ އެއްވަނަ މަގާމަށް ބޮރޫޝިއާ ޑޯޓްމަންޑް އަރައިފި އެވެ.
ޑޯޓްމަންޓުން ލައިޕްޒިގް ކޮޅަށް ފުރަތަމަ ގޯލު ޖެހީ 20 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މާކޯ ރިއުސް އެވެ. އޭގެފަހުން 39 ވަނަ މިނެޓުގައި އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެމްރޭ ޗޭން އެވެ.
ދެވަނަ ހާފުގައި ލައިޕްޒިގްގެ އެމިލް ފޯސްބާގް ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު މެޗުގެ ބާކީ ބައިގައި އިތުރު ގޯލެއް ޖަހަން ކުރި މަސައްކަތް ލައިޕްޒިގަށް ކާމިޔާބެއްނުވި އެވެ.
ޑޯޓްމަންޑުން ވަނީ އެންމެ ފަހުން ކުޅުނު 10 މެޗުން ވެސް މޮޅުވެފަ އެވެ. އޭގެތެރޭގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޗެލްސީ އަތުން 0-1 އިން މޮޅުވި މެޗު ވެސް ހިމެނެ އެވެ. ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ދެކޮޅަށް މި ހަފްތާ ދެވަނަ ލެގް ކުޅުމަށް ފަހު އަންނަ ހޮނިހިރު ދުވަހު ލީގުގައި ޑޯޓްމަންޑް ކުޅޭނީ ޝާލްކޭއާ އެވެ.
ޑޯޓްމަންޑަށް އެންމެ ފަހުން ޖަރުމަނު ލީގު ލިބުނީ 2012 ވަނަ އަހަރު ޔާގެން ކްލޮޕްގެ ކޯޗުކަމުގަ އެވެ. އޭގެފަހުން ބަޔާން މިއުނިކުން ވަނީ ޖެހިޖެހިގެން 10 ފަހަރު ޖަރުމަނު ލީގު ކާމިޔާބުކޮށްފަ އެވެ.
އެއްވަނައިގައި ޑޯޓްމަންޑް އޮތީ 23 މެޗުން ލިބުނު 49 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ބަޔާން މިއުނިކަށް 22 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ. ލީގުގައި މިއަދު ސްޓަޓްގާޑްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ބަޔާނަށް އަލުން އެއްވަނަ މަގާމް ލިބޭނެ އެވެ. ޖަރުމަނު ލީގުގެ ތިންވަނައިގައި އޮތީ 43 ޕޮއިންޓް ލިބިފައިވާ ޔޫނިއަން ބާލިން އެވެ.