އަންނަ ސީޒަންގައި، ބުރޫޝިއާ މޮންޗެންގުލްޖްބާކްގެ ކޯޗަކަށް ވާން، ސްޕެއިންގެ ކުރީގެ މިޑްފީލްޑާ ޒަބީ އޮލޮންސާ އާއެކު އެއްބަސްވުމެއް ހެދިފައި ނެތް ކަން ކަށަވަރު ވެއްޖެ އެވެ.
ކުރިން ލިވަޕޫލް، ރެއާލް މެޑްރިޑް އަދި ބަޔާން މިޔުނިކަށް ކުޅެފައިވާ އޮލޮންސޯ މިހާރު މަސައްކަތް ކުރަމުން ދަނީ، އޭނާގެ ބޯއީ ހުޑް ކުލަބު ރެއާލް ސޮސިއެޑާޑްގެ ބީ ޓީމުގެ ކޯޗަކަށެވެ. ޔޫއެފާ ޕްރޯ ކޯޗިން ލައިސެންސް 2019 ގައި ފުރިހަމަ ކުރި، އޮލޮންސޯ ސީނިއާ ޓީމުގެ ކޯޗަކަށް ގެންދިއުމަށް ބައެއް ކުލަބުތަކުން ޝައުގުވެރިވެ އެވެ. އޭގެ ތެރޭގައި ގުލެޖްބާކް ވެސް ހިމެނެ އެވެ. އެހެން ނަވެސް ޖަރުމަންގެ ޓެބްލޮއިޑް ނޫހެއް ކަމަށްވާ ބީލްޑުން އިއްޔެ ފެތުރި ޚަބަރުގައި ސައްހަ ކަމެއް ނެތް ކަން ވަނީ ޔަގީންވެފަ އެވެ. ޖަރުމަންގެ އިތުބާރު ހުރި ބައެއް މަސްދަރުތަކުން ބުނެފައި ވަނީ އޮލޮންސޯ އާއެކު އެފަދަ އެއްބަސްވުމެއް ގުލެޖްބާކުން މިހާތަަނަށް ހަދާފައި ނުވާ ކަމަށެވެ.
ގުލެޖްބާކުގެ މިހާރުގެ ކޯޗް މާކޯ ރޯސް، މި ސީޒަނަށް ފަހު ބުރޫޝިއާ ޑޯޓަމުންޑްގެ ކޯޗް ކަމާ ހަވާލު ވުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެންވެ އެ ޓީމުން ދަނީ ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އޮލޮންސޯ އާއެކު ސޮސިއެޑާޑުން ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަ ވާނެ އެވެ. ރެއާލް މެޑްރިޑްގެ 15 އަހަރުން ދަށުގެ ޓީމަށްވެސް ކުރިން ކޯޗް ކޮށްދިން އޮލޮންސޯގެ ކިބައިގައި އެލީޓް ކޯޗަކަށް ވުމުގެ ސިފަތައް އެބަހުރި ކަަމަށް ބައެއް ތަޖުރިބާކާރުން ލަފާ ކުރެ އެވެ. އެނާ ވަނީ ޔޫރަޕްގެ މަޝްހޫރު ކޯޗުން ކަމަށްވާ، ރަފާ ބެނިޓޭޒް، ހޯޒޭ މޮރީނިއޯ، ކާލޯ އަންޗެލޯޓީ އަދި ޕެޕް ގާޑިއޮލާގެ ދަށުން ކުޅެ ކާަމިޔަބު ހޯދާފަ އެވެ.
ބަޔާން މިޔުނިކްގެ ކޯޗަކަށް ކުރިމަގުގައި އޭނާ ގެންދިއުމުގެ އެ ކުލަބުން ޝައުގުވެރި ވެއެވެ. ބަޔާންގެ ޗެއާމަން ކާލް ހެންޒް ރުމޭނިގޭ 2019 ގައި ވިދާޅުވެފައި ވަނީ، ބަޔާން އިން އޮލޮންސޯ އަލުން އެ ޓީމަށް ގެންނަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ވެގެން ދާނީ ސްޓްރެޓެޖިކް ނިންމުމަކަށް ކަމަށެވެ. އެއީ އޮލޮންސޯއަށް ހަތަރު ބަހުން ފަރިތަކަމާއެކު ވާހަކަ ދައްކަން އެނގޭތީ ކަމަށް ރުމޭނިގޭ ވިދާޅުވި އެވެ. އޭގެތެރޭގައި ޖަރުމަން ބަސް ހިމެނެ އެވެ.