މެންޗެސްޓާ ޔުނައިޓެޑްގައި، ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ކުރަމުން ދަނީ އާދަޔާ ހިލާފު މަސައްކަތެއް ކަމަށް ސޮލްޝަޔާ އާއެކު ޔުނައިޓެޑަށް ކުޅުނު ޑޭވިޑް ބެކަމް ބުނެފި އެވެ.
ބެކަމް އާއި ސޮލްޝަޔާ ވަނީ ހަތް އަހަރު ޔުނަައިޓެޑްގައި ހޭދަ ކޮށްފަ އެވެ. އެއީ 1996 އިން 2003 އަކަށެވެ. އެ މުއްދަތުގައި ޕްރިމިއާ ލީގް ފަސް ފަހަރު އަދި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް ކާމިޔާބު ކުރި އެވެ. މި ސީޒަންގައި ޔުނައިޓެޑް އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އަދި އެލެކްސް ފާގަސަން 2013 ގައި ރިޓާޔާ ކުރި ފަހުން ޖެހިޖެހިގެން ތިން ސީޒަންގައި ގަދަ ތިނެއްގައި ފުރަތަމަ ފަހަރަށް ނިންމާނެ ކަމަށް ވަރަށް ބޮޑަށް ވަނީ ބެލެވިފަ އެވެ.
އެހެން ނަމަވެސް ޗެމްޕިއަންސް ލީގްގައި ގުރޫޕް ސްޓޭޖުން ޔުނައިޓެޑް ކެޓުމާއި އެފްއޭ ކަޕް ކުއާޓާ ފައިނަލުން ކަޓައިގެން ދިއުމުން ސޮލްޝަޔާ އަށް އޮތް ފާޑުކިޔުން ވެސް އެހާ ބޮޑެވެ. އަދި ޖަނަވަރީ މަހު އެއް ވަނައިގައި އޮތް ނަމަވެސް އެ މަގާމުގައި ނުހިފެހެއްޓުމުން ސޮލްޝަޔާ ހޫނު ފެނަށް ވެއްޓުނެވެ
ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ބެކަމް ގަބޫލު ކުރަނީ، ޔުނައިޓެޑްގެ ވަޒީފާއަށް ސޮލްޝަޔާއަކީ ގާބިލު ކޯޗް ކަމަށެވެ. ބެކަމް ބުނީ، ޔުނައިޓެޑްގެ ކޯޗަކަށް ހުންނަ މީހަކަށް އަބަދުވެސް ފާޑު ކިއުން އޮންނާނެ ކަމަށެވެ. އެހެން ވަނީ ކުރިން ކާމިޔާބު ހޯދިފައި މިހާރު އެފެންވަރަށް ކާމިޔާބު ނުލިބޭތީ ކަމަށް ބެކަމް ބުންޏެވެ. އަދި ޔުނައިޓެޑްގައި ފާޑު ކިއުން އޮންނާނީ ކޯޗަށް އެކަނި ނޫން ކަމަށާއި ކުޅުންތެރިންނާއި ކުލަބުގެ ވެރިންނަށްވެސް އެ ފާޑު ކިއުން އަމާޒުވާނެ ކަން އޭނާ ފާހަގަ ކުރި އެވެ.
"އޮލޭ ވަނީ ދިގު މުއްދަތެއް ފުޓްބޯޅައިގައި ހޭދަ ކޮށްފަ އެހެންވީމަ އޭނާ އަށް ފާޑު ކިޔުންތަކާ ކުރިމަތިލުމުގެ ގަބާިލުކަން ހުންނާނެ. އޭނާ އަކީ ވަރަށް މަޑުމައިތިރި މީހެއް. އެގޮތުގައި އޭނާ ދަނީ އޭނާގެ މަސައްކަތުގައި ކުރިއަށް އަހަރެން ގަބޫލު ކުރާ ގޮތުގައި އޭނާ ޔުނައިޓެޑްގައި ކުރަނީ އާދަޔާ ހިލާފް މަސައްކަތެއް،" އީއެސްޕީއެންގައި ވާހަކަ ދައްކަމުން ބެކަމް ބުންޏެވެ.
"ނަތީޖާތައް ފެންނަން ފަށައިފި. އަދި އެކަން އެގޮތގައި ދަނީ ހިފަހައްޓަމުން. ސަބަބަކީ އޮލޭގެ ފަހަތުގައި ސަޕޯޓަރުން ތިބުން. ސަޕޯޓަރުން އޮލޭ ދެކެ ލޯބވޭ. އަހަރެމެން އެންމެން އޭނާ ދެކެ ލޯބިވޭ. އަހަރެމެން އެންމެން ބޭނުން ޔުނައިޓެޑްގައި އޭނާ ރަނގަޅު މަސައްކަތެއް ކުރަން. އެހެންވީމަ ފާޑު ކިޔުން އަންނަ އިރު އޭނާ އަކީ އެކަން ނަގަން ހުންނަ މީހާ."
ބެކަމް ބުނީ، މިއަހަރު ޖޫން ޖުލައިއަށް ފަސް ކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް އިންގުލެންޑަށް ކާމިޔާބު ކުރެވިދާނެ ކަން އޭނާ ގަބޫލު ކުރާ ކަމަށެވެ.