ނަސްރުގެ ދުވަސް

ނޮވެމްބަރު 3 ގެ ހަމަލާއިން ތަޖުރިބާ ހޯދަންޖެހޭ ވަގުތު އައިސްފައި

Nov 3, 2015

ނަސްރުގެ ދުވަހުގެ ގޮތުގައި ނޮވެމްބަރު 3 ފާހަގަ ކުރާއިރު 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ބިރުވެރި ކަމާއި އަދި އެ ދުވަހު ދިން ގެއްލުން ބޮޑު ހާދިސާ، ދިވެހި ތާރީހު ފޮހެއެއް ނުލެވޭނެ އެވެ. ދިވެހިންނަށް ޖެހެނީ ނޮވެމްބަރު 3 ގެ ހާދިސާއިން އަބަދުވެސް އިބުރަތް ލިބިގަންނާށެވެ.

މީގެ 27 އަހަރު ކުރީގެ އެ ހަމަލައަށްފަހު މިއަދު ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލައިގެން ރައީސް އަބްދުﷲ ޔާމީން އަަހާރަކޮށްލަން ދިން ހަަމަލައާއަކީ ނޮވެމްބަރު 3 އަށް ފަހު ރާއްޖެއަށް ކުރިމަތިވެ އެންމެ ބޮޑު އުދުވާނީ ހަމަލަަ އެވެ.

މިދިއަ މަހު އެމަނިކުފާނު ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަަށްފަހު، މާލެ އަށް ވަޑައިގަތް ވަގުތު، ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލުމުގެ ބިރުވެރި ޢަމަލަކީވެސް ވެރިކަމުގެ ދަހިވެތިކަމުގައި ދީފައިވާ ޙަމަލާއެއްކަން މިހާރު ޔަޤީންކުރެވިފަ އެވެ.

ރައީސް ޔާމީން މިއަދު ނަސްރުގެ ދުވަހާ ގުޅުވައި ނެރުއްވެވި ހިތޯބުގައި ވެސް ވިދާޅުވެފައިވަނީ އެ ހަމަލާއަކީ ވެރިކަމުގެ ދަހިވެތި ކަމުގައި ދީފައިވާ ހަމަލާއެއް ކަމަށެވެ. އަދި ރައީސް ވިދާޅުވި ގޮތުގައި ނޮވެމްބަރު 3 ގެ ހަމަލައިން ދިވެހިން ލިބިގަންނަންވީ އެންމެބޮޑު އިބުރަތަކީ، ގައުމުގެ އަމާންކަމާއި ސުލްޙަވެރިކަން ނަގާލަން ދަހިވެތިވެފައިވާ ބަޔަކު، ރާއްޖޭގެ އެތެރެ އާއި ބޭރުގައި، ސިއްރާއި ފާޅުގައި އުޅެމުންދިއުމެވެ.

އެ ހަމަލައިމް އަންގައިދެނީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކުގެ ހިޔަލުގައި، ކަނޑުފަޅުތަކުންނާއި، އެއްގަމުން ލިބޭ ރޯދީގައި އުޅެމުންދާ އުފާވެރި ހިތްގައިމު ދިރިއުޅުން ދިވެހިންގެ ކިބައިން ނިގުޅައިގަތުމަށްޓަކައި ކެތްމަދުވެފައިވާ ބަޔަކު އޭރުވެސް އަދި މިއަދުވެސް ތިބުމެވެ.

ވަރަށް ގިނަ ފަހަރަށް ވެރިކަމުގެ ބާރު ހާސިލުކުރުމުގެ އުންމީދުގައި ތިބޭ ބައެއް ފަރާތްތަކަށް މުހިންމުވަނީ ގައުމުގެ މަސްލަހަތަށްވުރެ އެމީހުންގެ އަމިއްލަ މަސްލަހަތެވެ. ވެރިކަމާއި ބާރުވެރިކަން ހޯދަން އޮތް ޖާއިޒު މަގު އިހުތިޔާރު ކުރުމުގެ ބަދަލުގައި، ވަގުތީ އުފަލަށް އެތައް ބައެއްގެ ހިތުގައި ބިރުވެރިކަން އުފައްދައި، ނުރައްކާތެރި އަމަލު ހިންގުމަށް އެފަދަ ބަޔަކު ފަހެއް ނުޖެހެ އެވެ. ނޮވެމްބަރު 3 ގެ ހާދިސާއިން ވެސް "ފިނިފެންމާ" ހާދިސާއިން ވެސް އަދި އޭގެ ކުރީގެ ހާދިސާތަކުން ވެސް ޔަގީންވާ ކަމަކީ އެއީ އެވެ
.
"ދިވެހި ގައުމަށް އިހުލާސްތެރިވެވަޑައިގަތުމަށާއި، ވެރިކަމުގެ ދަހިވެތިކަމުގައި އެކި ފަރާތްތަކުން ރާވާ ރޭވުންތަކަށް ސަމާލުވެ ތިއްބެވުމަށް، މިއަދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ އަދި އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހު އިސްކުރެއްވުމަށް ގޮވާލަމެވެ. އަޅުގަނޑުމެންނަށް މުހިންމީ، މި ލޮބުވެތި ގައުމެވެ. މި ލޮބުވެތި ފަސްގަނޑެވެ. މިއީ، އަޅުގަނޑުމެން އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއްދީ، ވިސްނަންޖެހޭނެ ކަމެކެވެ." ރައީސް ޔާމީން ވިދާޅުވި އެވެ.

ނޮވެމްބަރު 3 ގެ ހާދިސާއާ ގުޅިގެން ހައްޔަރު ކުރި މީސްމީހުންގެ ތެރެއިން އިސް މީސްމީހުން ތަހުގީގަށް ދީފައިވާ ބަޔާންތަކުން ސާބިތުވެ އެނގުނު މުހިންމު އެއް ކަމަކީ ވެރިކަން ބަދަލުކުރުމަށް އެމީހުން މަސައްކަތް ކުރި މައިގަނޑު ސަބަބަކީ އޭރުގެ ސަރުކާރުގެ ސިޔާސަތާ މެދު އެމީހުން ހިތްހަމަނުޖެހުމެވެ. ސަރުކާރުގެ ސިޔާސަތު ހުރި ގޮތުން އެމީހުންނަށާއި ރައްޔިތުންނަށް ދަތި، އުދަގުލާ ކުރިމަތިލާން ޖެހުމެވެ. ގާނޫނުތަކާއި ގަވައިދުތައް ހެދިފައި ހުރި ގޮތުން ވިޔަފާރީގެ ރޮނގުން އެ މީހުން ބޭނުން ގޮތަކަށް އެމީހުންނަށް ކުރިއަށްދާން ދަތިވުމެވެ. އެމީހުންގެ ނަޒަރުގައި އެކަމުގެ ހައްލަކީ ވެރިކަން ބަދަލުކުރުމެވެ. ހަތިޔާރު ބޭނުންކޮށްގެން ރައްޔިތުން ޝަހީދުކޮށްލައިގެން ވިޔަސް ވަރިހަމަ އެވެ.

އެހެން ގައުމުތަކެކޭ އެއް ގޮތަށް ރާއްޖޭގައި ވެސް ވެރިކަމާ ތޮޅުމަކީ ޒަމާނުއްސުރެ ރާއްޖޭގައި ހިނގަމުންދާ ކަމެކެވެ. ވެރިކަން ބަދަލު ކުރުމުގެ ރޫހަކީ ވެރިކަމަށް ދަހިވެތިވެފައިވާ މީހުންގެ ހިތުގައި އަބަދުވެސް އުފެދި އާލާވަމުންދާ ކަމެކެވެ. ބައެއް ފަހަރަށް ވެރިކަން ބަދަލުކޮށްފައި ވަނީ ކަނޑިބަޑި ބޭނުންކޮށްގެންނެވެ. ބައެއް ފަހަރަށް ކުލީ ސިފައިން ގެނެސްގެންނެވެ. އަނެއް ބައި ފަހަރަށް ގުޅަކުޅޭ ފަސްގަނޑަށް މީހުން ޖަމާކޮށްގެންނެވެ. ނޮވެމްބަރު 3، 1988 ގައި މަސައްކަތް ކޮށްފައިވަނީ ޒަމާނީ ހަތިޔާރާ އެކު، ދިވެހީންގެ ބަޔަކު ތަމަޅައިންގެ ބަޔަކާ ގުޅިގެން ރާއްޖޭގެ ވެރިކަމުގެ މައްޗަށް ގަދަވެގަންނާށެވެ. ސެޕްޓެމްބަރު 28 ގައި މަސައްކަތް ކޮށްފައި ވަނީ ބޮމެއް ގޮއްވާލައިގެނެވެ. އެކަން އެގޮތަށް ނުވީ އެވެ.

ނޮވެމްބަރު 3 ގެ ހަމަލާ އިން ލިބިދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ ގާނޫނީ ގޮތުން އުފެދިފައި އޮންނަ ސަރުކާރާ މެދު ހިތްހަމަނުޖެހިއްޖެ ނަމަ ހަތިޔާގެ ބޭނުންކުރުމުގައި ހުރި ނުބައި އަދި އަނިޔާވެރިކަމުގެ ބޮޑުކަމެވެ. އަދި އެއީ މިޒަނާމުގައި ގަބޫލުކުރެވޭނެ ފަދަ އަމަލަކަށް ނުވާނެ ކަމެވެ. އަދި ނޮވެމްބަރު 3 ގެ ހަމަލާގެ ފަހަތުގައި އޮތް ހަގީގަތްތައް ސިޔާސީ ހިޔާލު ތަފާތުވުމުގެ ތެރޭގައި ބަދަލުނުކުރެވޭނެ ކަމެވެ. "ފިނިފެންމާ" ގެ ހަގީގަތީ ވެސް މިއީ އެވެ. އެހެންވެ މިއީ ނޮވެމްބަރު 3 ގެ ހަމަލަ އާއި 28 ސެޕްޓެމްބަރުގެ ހަމަލައިން ރާއްޖެ އިބުރަތް ހޯދައި ތެދުވަންވީ ވަގުތެވެ.

ހަގީގަތުގައި ސްރީ ލަންކާ އިން ހަތިޔާރާ އެކު ފުރައިގެން އައި ޓެރަރިސްޓުންތަކަކަށް ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލަ މާލޭގައި އެހާ ފަސޭހައިން އުފެއްދުނީ ގައުމީ ސަލާމަތާ ގުޅޭ ކަމާ ބެހޭ ފަރާތްތަކުގެ ފަރުވާކުޑަކަމުންނެވެ. "ފިނިފެންމާ" ކަންކަން ނިއުޅެމުން ދާވަރަކަށް މިފެންނަނީ އެ މަންޒަރެވެ.

ނޮވެމްބަރު 3 ގެ ހާދިސާ ގައުމަށް ކުރިމަތިވީ ދިވެހި ސަރުކާރާއި ސިފައިން އެފަދަ ކަމެއް ކުރިމަތިވެދާނޭކަމަށް ނުވިސްނައި ނިދާފައި ތިއްބަ އެވެ. އެހެންވެ ސްރީ ލަންކާ އިން ރާއްޖެ އަށް ހަމަލާދޭން ކަނޑު މަގުން އައި ދުޝްމަނުންނަށް ރާއްޖެ އަށް ފައިބައި ހަމަލާ ދިނުމުގެ މަގު އޮތީ ވަރަށް ބޮޑަށް ތަނަވަސްވެފަ އެވެ. ނަތީޖާއަކަށްވީ ސިފައިންގެ އާއި ރައީސުލްޖުމްހޫރިއްޔާ އުޅުއްވާ ގެކޮޅާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ މުހިންމު ބައެއް އެހެން އޮފީސްތަކާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭބޭފުޅުންގެ ގޭގޭ ދޮށަށް ގޮސް ހަމަލާ ދިނުމެވެ.

ސިފައިންނަށް ސިފައިންގެއިން ބޭރަށް ނުނިކުމެވި ސިފައިންގެ ތެރޭގައި ތާށިވެފައި ތިބެން ޖެހުމެވެ. ތަމަޅައިންނާއި އެމީހުންނާއެކު އައި ދިވެހީންނަށް ރަށުތެރޭގައި ބޭނުން ގޮތަކަށް އުޅެ ފިހާރަތައް ފަޅައި ލޫޓުވުމުގެ ފުރުސަތު ލިބުމެވެ. ސިފައިން ތިބީ ސިފައިންގެ ތެރޭގައި ބަންދުވެފަ އެވެ.

ބަލަން ޖެހޭވަރަށް ބަލަން ޖެހޭ ކަންތައްތައް ނުބެލެހެއްޓުމުގެ ސަބަބުންނެވެ. އެކަމުގެ ހިތި ނަތީޖާއަކަށްވީ ދުޝްމަނުންގެ ހަމަލާތަކުގެ ޝިކާރައަކަށް ވެގެން ސިފައިންނާއި އާންމުންގެ އެތައް ބަޔަކު ޝަހީދުވެގެން ދިއުމެވެ. ރާއްޖޭގެ ޓޫރިޒަމާއި އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބުމެވެ. ރާއްޖޭގެ ތަރައްގީ އަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ އަހަރުތަކެއް ފަހަތަށް ސޮއްސައިގެން ދިއުމެވެ. އެތައް ހާސް ބަޔަކަށް ނަފުސާނީ ބޮޑެތި ގެއްލުންތަކެއް ލިބި ރާއްޖޭގެ އުމުރާނީ ތަރައްގީގެ މުހިންމު ބައިތަކެއް ފުނޑުފުނޑުވެގެން ދިއުމެވެ.

ނޮވެމްބަރު 3 ގެ ގެއްލުން ބޮޑު ހާދިސާ ގައުމަށް ކުރިމަތި ކުރުވީ ވެރިކަމަށް ދަހިވެތިވެފައި ތިބި ބަޔަކު ރާއްޖޭގެ ގާނޫނީ ވެރިކަން އަޅުވެތިކޮށް ގައުމުގެ ވެރިކަމަށް ގަދަކަމުން ވެރިވެގަންނާށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ ކުރިއަށް ތިއްބެވި ބައެއް ވެރިންގެ އާރާއިބާރު ނައްތާލާށެވެ. ދިވެހި ސިފައިންނަށް އެހީތެރިކަން ފޯރުވުމަށް ސަރުކާރުން އިންޑިއާ ސިފައިން ރާއްޖެ ގެނައުމުން ދުޝްމަނުންނަށް ޖެހުނީ އަވަސްއަވަހަށް ފިލައިގެން، ފުރައިގެންދާށެވެ. ބަނދަރުގައި އޮތް ސަރުކާރުގެ އާގު ބޯޓެއް ހައިޖެކު ކޮށްގެން ފިލަން ދަތުރުކުރި ޓެރަރިސްޓުންނަށް ހަމަލާދީ އެ މީހުން ހައްޔަރު ކުރީ އިންޑިއާގެ ކަނޑުގެ ސިފައިންގެ އެހީގަ އެވެ.