ނަސްރުގެ ދުވަސް

ނޮވެމްބަރު 3: އަބަދު އިބުރަތް ހޯދާ ދުވަސް

Nov 3, 2022
3

ނަސްރުގެ ދުވަހުގެ ގޮތުގައި ނޮވެމްބަރު 3 ފާހަގަ ކުރާއިރު ނޮވެމްބަރު 3، 1988 ވަނަ ދުވަހުގެ ބިރުވެރި ކަމާއި އެ ދުވަހު ދިން ގެއްލުން ބޮޑު ހާދިސާ، ދިވެހި ތާރީހު ފޮހެ ނުލެވޭނެ އެވެ. ދިވެހިންނަށް ޖެހެނީ ނޮވެމްބަރު ތިނެއްގެ ހާދިސާއިން އަބަދުވެސް އިބުރަތް ލިބިގަންނާށެވެ.

މީގެ 34 އަހަރު ކުރީގެ އެ ހަމަލާއަކީ ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު އުދުވާނީ ހަމަލަަ އެވެ. ނޮވެމްބަރު 3 ގެ ހަމަލައިން ދިވެހިން ލިބިގަންނަންވީ އެންމެ ބޮޑު އިބުރަތަކީ، ގައުމުގެ އަމާންކަމާއި ސުލްޙަވެރިކަން ނަގާލަން ދަހިވެތިވެފައިވާ ބަޔަކު، ރާއްޖޭގެ އެތެރެ އާއި ބޭރުގައި، ސިއްރާއި ފާޅުގައި އަބަދުވެސް އުޅޭނެ ކަމެވެ.

އެ ހަމަލާ އިން އަންގައިދެނީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކުގެ ހިޔަލުގައި، ކަނޑުފަޅުތަކުންނާއި، އެއްގަމުން ލިބޭ ރޯދީގައި އުޅެމުންދާ އުފާވެރި ހިތްގައިމު ދިރިއުޅުން ދިވެހިންގެ ކިބައިން ނިގުޅައިގަތުމަށްޓަކައި ކެތްމަދުވެފައިވާ ބަޔަކު އޭރުވެސް އަދި މިއަދުވެސް ތިބުމެވެ.

ވަރަށް ގިނަ ފަހަރަށް ވެރިކަމުގެ ބާރު ހާސިލުކުރުމުގެ އުންމީދުގައި ތިބޭ ބައެއް ފަރާތްތަކަށް މުހިންމުވަނީ ގައުމުގެ މަސްލަހަތަށްވުރެ އެމީހުންގެ އަމިއްލަ މަސްލަހަތެވެ. ވެރިކަމާއި ބާރުވެރިކަން ހޯދަން އޮތް ޖާއިޒު މަގު އިހުތިޔާރު ކުރުމުގެ ބަދަލުގައި، ވަގުތީ އުފަލަށް އެތައް ބައެއްގެ ހިތުގައި ބިރުވެރިކަން އުފައްދައި، ނުރައްކާތެރި އަމަލު ހިންގުމަށް އެފަދަ ބަޔަކު ފަހެއް ނުޖެހެ އެވެ.

ނޮވެމްބަރު 3 ގެ ހާދިސާއާ ގުޅިގެން ހައްޔަރު ކުރި މީސްމީހުންގެ ތެރެއިން އިސް މީސްމީހުން ތަހުގީގަށް ދީފައިވާ ބަޔާންތަކުން ސާބިތުވެ އެނގުނު މުހިންމު އެއް ކަމަކީ ވެރިކަން ބަދަލުކުރުމަށް އެމީހުން މަސައްކަތް ކުރި މައިގަނޑު ސަބަބަކީ އޭރުގެ ސަރުކާރުގެ ސިޔާސަތާ މެދު އެމީހުން ހިތްހަމަނުޖެހުމެވެ. ސަރުކާރުގެ ސިޔާސަތު ހުރި ގޮތުން އެމީހުންނަށާއި ރައްޔިތުންނަށް ދަތި، އުދަގުލާ ކުރިމަތިލާން ޖެހުމެވެ. ގާނޫނުތަކާއި ގަވައިދުތައް ހެދިފައި ހުރި ގޮތުން ވިޔަފާރީގެ ރޮނގުން އެ މީހުން ބޭނުން ގޮތަކަށް އެމީހުންނަށް ކުރިއަށްދާން ދަތިވުމެވެ. އެމީހުންގެ ނަޒަރުގައި އެކަމުގެ ހައްލަކީ ވެރިކަން ބަދަލުކުރުމެވެ. ހަތިޔާރު ބޭނުންކޮށްގެން ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު މަރައިގެން ވިޔަސް ވަރިހަމަ އެވެ.

އެހެން ގައުމުތަކެކޭ އެއް ގޮތަށް ރާއްޖޭގައި ވެސް ވެރިކަމާ ތޮޅުމަކީ ޒަމާނުއްސުރެ ހިނގަމުންދާ ކަމެކެވެ. ވެރިކަން ބަދަލު ކުރުމުގެ ރޫހަކީ ވެރިކަމަށް ދަހިވެތިވެފައިވާ މީހުންގެ ހިތުގައި އަބަދުވެސް އުފެދި އާލާވަމުންދާ ކަމެކެވެ. ބައެއް ފަހަރަށް ވެރިކަން ބަދަލުކޮށްފައިވަނީ ކަނޑިބަޑި ބޭނުންކޮށްގެންނެވެ. ބައެއް ފަހަރަށް ކުލީ ސިފައިން ގެނެސްގެންނެވެ. އަނެއް ބައި ފަހަރަށް ގުޅަކުޅޭ ފަސްގަނޑަށް މީހުން ޖަމާކޮށްގެންނެވެ. ނޮވެމްބަރު 3، 1988 ގައި މަސައްކަތް ކޮށްފައިވަނީ ޒަމާނީ ހަތިޔާރާ އެކު، ދިވެހީންގެ ބަޔަކު ތަމަޅައިންގެ ބަޔަކާ ގުޅިގެން ރާއްޖޭގެ ވެރިކަމުގެ މައްޗަށް ގަދަވެގަންނާށެވެ.

ނޮވެމްބަރު 3 ގެ ހަމަލާ އިން ލިބިދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ ގާނޫނީ ގޮތުން އުފެދިފައި އޮންނަ ސަރުކާރާ މެދު ހިތްހަމަނުޖެހިއްޖެ ނަމަ ހަތިޔާރުގެ ބޭނުންކުރުމުގައި ހުރި ނުބައި އަދި އަނިޔާވެރިކަމުގެ ބޮޑުކަމެވެ. އަދި އެއީ މިޒަނާމުގައި ގަބޫލުކުރެވޭނެ ފަދަ އަމަލަކަށް ނުވާނެ ކަމެވެ. ނޮވެމްބަރު 3 ގެ ހަމަލާގެ ފަހަތުގައި އޮތް ހަގީގަތްތައް ސިޔާސީ ހިޔާލު ތަފާތުވުމުގެ ތެރޭގައި ބަދަލުނުކުރެވޭނެ ކަމެވެ.

ހަގީގަތުގައި ސްރީ ލަންކާ އިން ހަތިޔާރާ އެކު ފުރައިގެން އައި ޓެރަރިސްޓުންތަކަކަށް ނޮވެމްބަރު 3ގެ އުދުވާނީ ހަމަލަ މާލޭގައި އެހާ ފަސޭހައިން އުފެއްދުނީ ގައުމީ ސަލާމަތާ ގުޅޭ ކަމާ ބެހޭ ފަރާތްތަކުގެ ފަރުވާކުޑަކަމުންނެވެ.

ނޮވެމްބަރު 3 ގެ ހާދިސާ ގައުމަށް ކުރިމަތިވީ ދިވެހި ސަރުކާރާއި ސިފައިން އެފަދަ ކަމެއް ކުރިމަތިވެދާނޭ ކަމަށް ނުވިސްނައި ނިދާފައި ތިއްބަ އެވެ. އެހެންވެ ސްރީލަންކާ އިން ރާއްޖެ އަށް ހަމަލާދޭން ކަނޑު މަގުން އައި ދުޝްމަނުންނަށް ރާއްޖެ އަށް ފައިބައި ހަމަލާ ދިނުމުގެ މަގު އޮތީ ވަރަށް ބޮޑަށް ތަނަވަސްވެފަ އެވެ. ނަތީޖާއަކަށްވީ ސިފައިންގެ އާއި ރައީސުލްޖުމްހޫރިއްޔާ އުޅުއްވާ ގެކޮޅާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ މުހިއްމު ބައެއް އެހެން އޮފީސްތަކާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭބޭފުޅުންގެ ގޭގޭ ދޮށަށް ގޮސް ހަމަލާ ދިނުމެވެ.

ސިފައިންނަށް ސިފައިންގެއިން ބޭރަށް ނުނިކުމެވި ސިފައިންގެ ތެރޭގައި ތާށިވެފައި ތިބެން ޖެހުމެވެ. ތަމަޅައިންނާއި އެމީހުންނާއެކު އައި ދިވެހީންނަށް ރަށުތެރޭގައި ބޭނުން ގޮތަކަށް އުޅެ ފިހާރަތައް ފަޅައި ލޫޓުވުމުގެ ފުރުސަތު ލިބުމެވެ. ސިފައިން ތިބީ ސިފައިންގެ ތެރޭގައި ބަންދުވެފަ އެވެ.

ބަލަން ޖެހޭވަރަށް ބަލަން ޖެހޭ ކަންތައްތައް ނުބެލެހެއްޓުމުގެ ސަބަބުންނެވެ. އެކަމުގެ ހިތި ނަތީޖާއަކަށްވީ ދުޝްމަނުންގެ ހަމަލާތަކުގެ ޝިކާރައަކަށް ވެގެން ސިފައިންނާއި އާންމުންގެ އެތައް ބަޔަކު ޝަހީދުވެގެން ދިއުމެވެ. ރާއްޖޭގެ ޓޫރިޒަމާއި އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބުމެވެ. ރާއްޖޭގެ ތަރައްގީ އަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ އަހަރުތަކެއް ފަހަތަށް ސޮއްސައިގެން ދިއުމެވެ. އެތައް ހާސް ބަޔަކަށް ނަފުސާނީ ބޮޑެތި ގެއްލުންތަކެއް ލިބި ރާއްޖޭގެ އުމުރާނީ ތަރައްގީގެ މުހިންމު ބައިތަކެއް ފުނޑުފުނޑުވެގެން ދިއުމެވެ.

ނޮވެމްބަރު 3 ގެ ގެއްލުން ބޮޑު ހާދިސާ ގައުމަށް ކުރިމަތި ކުރުވީ ވެރިކަމަށް ދަހިވެތިވެފައި ތިބި ބަޔަކު ރާއްޖޭގެ ގާނޫނީ ވެރިކަން އަޅުވެތިކޮށް ގައުމުގެ ވެރިކަމަށް ގަދަކަމުން ވެރިވެގަންނާށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ ކުރިއަށް ތިއްބެވި ބައެއް ވެރިންގެ އާރާއިބާރު ނައްތާލާށެވެ. ދިވެހި ސިފައިންނަށް އެހީތެރިކަން ފޯރުވުމަށް ސަރުކާރުން އިންޑިއާ ސިފައިން ރާއްޖެ ގެނައުމުން ދުޝްމަނުންނަށް ޖެހުނީ އަވަސް އަވަހަށް ފިލައިގެން، ފުރައިގެންދާށެވެ. ބަނދަރުގައި އޮތް ސަރުކާރުގެ އާގު ބޯޓެއް ހައިޖެކު ކޮށްގެން ފިލަން ދަތުރުކުރި ޓެރަރިސްޓުންނަށް ހަމަލާދީ އެ މީހުން ހައްޔަރު ކުރީ އިންޑިއާގެ ކަނޑުގެ ސިފައިންގެ އެހީގަ އެވެ. މިއީ ނޮވެމްބަރު 3ގައި ދިވެހިން ލިބިގަންނަންވީ އިބްރަތެވެ.