ދ. ކުޑަހުވަދޫން ގޯތި ދޫނުކުރާތާ ފަސް އަހަރު ފަހުން ގޯތި ދޫކުރަން ނިންމައިފި އެވެ.
ކުޑަހުވަދޫން މިބުރުގައި ދޫކުރުމަށް ނިންމާފައިވަނީ 243 ގޯތި ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގޯއްޗަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު ކުރިއަށް އޮތް އޭޕްރީލް މަހުގެ އަށްވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް އެދޭ ކަމަށެވެ.
ކުޑަހުވަދޫން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އެރަށުގެ ދެކުނު ފަރާތުން ހިއްކާފައިވާ ބިމުންނެވެ. ދޫކުރާ ކޮންމެ ގޯއްޗެއްގެ ބޮޑުމިނުގައި 2000 އަކަފޫޓް ހުންނާނެ ކަމަށްވެސް ކައުންސިލުން މައުލޫމާތުދެ އެވެ.
ކައުންސިލުން އިތުރަށް ބުނީ ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ޕޮއިންޓް ދޭނެ އުސޫލެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.
ރަށްރަށުގައި ހިއްކާފައިވާ ބިންތަކުން މީހުން ދިރިއުޅުމަށް ގޯތި ދޫކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.