ސިވިލް ސާވަންޓުންނާ ގުޅޭ ގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ދެއްކެވި ވާހަކަތަކަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ސިވިސް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހުށަހަޅުއްވައިފައިވާއިރު އެއާ ގުޅޭގޮތުން މިދިޔަ އަންގާރަ ދުވަހު މަޖިލީހުގައި ބޭއްވި ބަހުސްގައި ސަލީމް ވިދާޅުވި ގޮތުގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް އެހެނިހެން އާންމު ރައްޔިތުންހެން ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމެއް ނޯންނާނެ އެވެ. އެމީހުންނަކީ ވަކި ހުދޫދެއެއްގައި ވަކި އުސޫލުތަކަކާއި ވަކި ޑިސިޕްލިންއަކަށް ތަބާވާން ޖެހޭބައެކެވެ.
އެގޮތުން ވަޒީފާގައި އެއްބަސްވުމުގައި ސިވިލް ސާވަންޓުން ސޮއި ކުރަނީ އާންމު ރައްޔިތުންނަށް ލިބޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނި ކުރިޔަސް އެކަމަށް އެއްބަސް ވެގެން ކަމަށް އޭނަ ވިދާޅުވި އެވެ.
"ފޭސްބުކްގައި ބޭނުންހާ އެއްޗެއް ނުލިޔެވޭނެ. ބޭނުންހާ އެއްޗެއް ނުދެއްކޭނެ. އޭނާއަކީ ފޭސް ލެސް މީހެއްްގެ ގޮތުގައި ތަޖުރިބާކާރުން ބުނަނީ. އޭނާއަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަ މަޑުންލައިގެން ހުންނަން ޖެހޭނެ މީހެއް،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ދެން ނެންގެވި މައްސަލައަކީ އިންތިހާބުތަކުގައި ސިވިލް ސާވަންޓުން ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް ވާހަކަ ދެއްކުމެވެ. ސަލީމްގެ ނަޒަރުގައި އެފަދަ ވާހަކަތައް ފޭސްބުކް ފަދަ ޕްލެޓްފޯމްތަކުގައި ލިޔެވިގެން ނުވާނެ އެވެ.
ސަލީމް ދެއްކެވި ވާހަކަތައް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު އެ ވާހަކަތަކަކީ ސިވިލް ސާވަންޓުންގެ ދޫ ބަންދު ކުރުމުގެ މަގްސަދުގައި ދައްކާ ވާހަކަތަކެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފަ އެވެ.
"އަހަރެން ސިވިލް ސާވަންޓެއްގެ ގޮތުގައި މަސައްކަތް ކުރާތާ އަށް އަހަރުވެއްޖެ. އަޅުގަނޑުމެންނަކީ އަޅުންނެއް ނޫން. އަޅުގަނޑުމެންގެ ވެސް މޫނެއް ވޭ. އަޑެއް އޮވޭ" ހަމްދޫން ކިޔާ މީހަކު ނުރުހުން ފާޅުކޮށް ކުރި ޓުވީޓެއްގައި ވެއެވެ.
ނުރުހުން ފާޅުކުރި އެހެން މީހަކު ބުނި ގޮތުގައި ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގެއް ސިވިލް ސާވިސްގެ އުސޫލުތަކެއް ކަމަށް ބުނެ ނިގުޅައި ނުގަނެވޭނެ އެވެ. ސިވިލް ސާވަންޓުންގެ ކިބައިން މަދަނީ އަސާސީ ހައްގުތައް ނިގުޅައި ނުގަނެވޭނެ ކަމަށް ރާއްޖޭގެ ސުޕްރީމްކޯޓުން 2005 ވަނަ އަހަރު ނިންމާފައި ވެއެވެ.
ސަލީމްގެ ވާހަކަތަކަށް އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް އިއްޔެ މަޖިލީހުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ހާއްސަކޮށް އޭނާގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވީ "ކަށްވަޅަށް ދާންދެން އަނގަ މަޑުންލައިގެން ހުންނަން ޖެހޭނެ މީހެއް" ކަމަށް ސަލީމް ވިދާޅުވެފައި އޮތުމަށެވެ. ސަލީމްގެ އެ ވާހަކަ ސައީދު ސިފަ ކުރެއްވީ އޭރެއްގައި އޮންނަ ސަރުކާރަކުން ކޮންމެ ކަމެއް ކުރިޔަސް މަޑުމަޑުން ތިބެން އެންގި އެންގުމެއްގެ ގޮތުގަ އެވެ.
އެވާހަކަތަކާ ދެން އޭނާ ގުޅުވާލެއްވީ ވެރިކަން ކުރާ އެމްޑީޕީން އިދިކޮޅުގައި އޮވެ ދެއްކެވި ވާހަކަތަކާ އެވެ. މިހާރު ދައްކާ ވާހަކައާ ކުރިން ދެއްކި ވާހަކަ ފުށުއަރާތީ "ދެ އަނގައިން" ދައްކާ ވާހަކަތަކުގެ ނިޔަތާމެދު އޭނާ ސުވާލު އުފެއްދެވި އެވެ.
"ވަރަށް ބޮޑަށް ގާނޫނުތައް ހެދެމުން ދިޔަ ދުވަސްވަރު އެމްޑީޕީން މަގުމައްޗަށް ނުކުމެމި ގޮވާލަނީ މަދަނީ ބަސްނޭހުމަކަށް ދާން. ސިވިލް ސާވަންޓުން ވެސް މަސައްކަތް ހުއްޓާލަން. އެއްގޮތަކަށް ވެސް އޭރު އޮތް ސަރުކާރު ބުނާ ބަހެއް އަހައިގެން ނުވާނެޔޭ. ސަރުކާރު ބަދަލު ކުރެވޭނީ މަދަނީ ބަސްނާހައިގެންނޭ" މާޒީ ހަންދާން ކޮށްދެއްވަމުން ސައީދު ވިދާޅުވި އެވެ.