އެމްޑީޕީ

ތިމާއެދޭ ފިކުރުގެ ވަކާލާތަށް ހުރަސް އަޅައިގެން ނުވާނެ: އަނަސް

Mar 26, 2021
1

ހިޔާލުފާޅުކުރުމާއި ތިމާ އެދޭ ފިކުރާ ވިސްނުމުގެ ވަކާލާތަށް ހުރަސް އަޅާ ބިރުދައްކައިގެން ނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މާލެ ސިޓީގެ މޭޔަރު ކަމަށް އެ ޕާޓީން ވާދަކުރާ އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންނަށް އެހެނިހެން އާންމު ރައްޔިތުން ފަދައިން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގެން ނުވާ ބައެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ އަންގާރަ ދުވަހު އޮތް ޖަލްސާގައި ވާހަކަދައްކަވާފައެވެ.

ސަލީމް ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް އެހެނިހެން އާންމު ރައްޔިތުން ފަދައިން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގެން ނުވާ ކަމަށެވެ. އެމީހުންނަކީ ވަކި ހުދޫދެއެއްގައި ވަކި އުސޫލުތަކަކާއި ވަކި އަހްލާގުތަކަކަށް ތަބާވާން ޖެހޭ ބައެއް ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ވަޒީފާގައި އެއްބަސްވުމުގައި ސިވިލް ސާވަންޓުން ސޮއި ކުރަނީ އާންމު ރައްޔިތުންނަށް ލިބޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނި ކުރިޔަސް އެކަމަށް އެއްބަސް ވެގެން ކަމުގައިވެސް ވިދާޅުވި އެވެ.

"ފޭސްބުކްގައި ބޭނުންހާ އެއްޗެއް ނުލިޔެވޭނެ. ބޭނުންހާ އެއްޗެއް ނުދެއްކޭނެ. އޭނާއަކީ ފޭސްލެސް މީހެއްްގެ ގޮތުގައި ތަޖުރިބާކާރުން ބުނަނީ. އޭނާއަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަ މަޑުންލައިގެން ހުންނަން ޖެހޭނެ މީހެއް،" ސަލީމް ވިދާޅުވި އެވެ.

އެ ވާހަކަތަކަށް އިޝާރާތް ވާގޮތަށް ކުރެއްވި ޓްވީޓެއްގައި އަނަސް ވިދާޅުވީ ހިޔާލުފާޅުކުރުމާއި ތިމާ އެދޭ ފިކުރާ ވިސްނުމުގެ ވަކާލާތަށް ހުރަސް އަޅާ ބިރުދެއްކުމަކީ އަދި އެ ހައްގުތައް ހަނިކުރުމަކީ އެމްޑީޕީގެ ގޮތެއް ނޫން ކަމަށެވެ. އެ މަގަށް އެ ޕާޓީން މަސައްކަތް ނުކުރާނެ ކަމަށާ އަދި މިހާރު ފަށާފައިވާ ކައުންސިލް އިންތިހާބުގެ ކެންޕެއިން ރަށްވެހި ފަތިސްވެސް ބައްޓަން ނުވާނެ ކަމަށެވެ.

އަދި އަނަސް ވަނީ އޭނާވެސް އެފަދައިން ދުވަހެއްގައިވެސް އަމަލު ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އެ މަގަށް މި ޕާޓީ [އެމްޑީޕީ] އެއް، ރަށްވެހި ފަތިސް ކެންޕެއިނެއް، އަޅުގަނޑެއް ދުވަހެއްގައިވެސް އަމަލެއް ނުކުރާނަން،" މާލެ މޭޔަރު ކަމަށް ކެންޕެއިން ކުރައްވަމުން ގެންދަވާ އަނަސް ވިދާޅުވިއެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންނާ ގުޅޭގޮތުން ސަލީމް ދެއްކެވި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް އެތައް ބަޔަކު ވަނީ ސަލީމަށް ފާޑު ކިޔާފަ އެވެ. ނަމަވެސް ސަލީމް އިއްޔެވެސް ވަނީ އޭނާ ދެއްކެވި ވާހަކަތައް ދިފާއު ކުރައްވާފައެވެ. އަދި އޭނާއަށް ފާޑުކިޔަނީ ދެއްކެވި ވާހަކަތަކުން ކުޑަ ތަންކޮޅެއް އަޑުއަހައިގެން ކަމަށާ މުޅި ވާހަކަ އަޑުއެއްސެވިނަމަ އެގޮތަށް ވިދާޅުނުވާނެ ކަމަށެވެ. ނަމަވެސް އެ ވާހަކަތަކާމެދު ހިތްހަމަނުޖެހޭ މީހުންގެ ކިބައިން އޭނާ ވަނީ މައާފަށް އެދިވަޑައިގެންފައެވެ.