އާދަމް ޝަރީފު އުމަރު

ސިވިލް ސާވިސް ކޮމިޝަނަކީ ސިޔާސީ ޖަގަހައެއް: ޝަރީފް

ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަނަކީ ސިޔަސީ ޖަގަހައެއް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ މިއަދު މަޖިލީހުގެ ތަޅުމުގައި ސަރުކާރުގެ ފަރާތުން، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ، ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭގޮތުން ބަހުސްކުރއްވަމުން ނެވެ.

އާދަމް ޝަރީފް ވިދާޅުވީ ގައުމު ކުރިއަށް ގެންދިއުމުގައި ސީއެސްސީގެ ހިދުމަތަކީ ބަރޯސާވާންޖެހޭ ދާއިރާއެއް ކަމަށެވެ. އެދާއިރާއަށް ގާނޫނަކުން ބަދަލު ގެނައި ކަމުގައި ވިއަސް، ގަވައިދަކުން ބަދަލު ގެނައި ކަމުގައި ވިސްނުން ބައްޓަން ކުރަން ޖެހޭނީ ކުރެވޭ މަސައްކަތަކުން ހިދުމަތްތައް އަވަސް ކޮށްދިނުމާއި އެ މުވައްސަސާއެއް ނުވަތަ އެ ދާއިރާއެއްގެ ހިންގުން ވަރުގަދަ ކުރުމަށް ކަމަށެވެ.

އެ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހު ތަކަކީ އޭނގެ ސަބަބުން އިހްލާސްތެރިކަމާއިއެކު މަސައްކަތް ކޮށްފިނަމަ އަދި އެ ދެވޭ އިމްތިޔާޒްތައް ނުވަތަ މަސްއޫލިއްޔަތުންތައް ރަނގަޅަށް އަޅާކުރާނަމަ ފައިދާވާނެ އިސްލާހުތަކެއް ކަމަށް ގަބޫލްކުރައްވާ ކަމަަށް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ސީއެސްސީގެ މަސައްކަތް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގައި މިހާރު ތަންފީޒުކުރަމުންދާ ސިވިލް ސާވެންޓުންގެ މަސައްކަތުގެ ފެންވަރު ބަލާ ނިޒާމް-- އެޕްރޭޒަލް ސިސްޓަމް-- ހަރުދާ ކުރުން ކަމަށެވެ. އެ ސިސްޓަމް ވާންޖެހޭނީ ދެފުއްފެންނަ ނިޒާމަކަށް ކަމަށެވެ.

"ރާއްޖޭގެ ބައެއް ތަންތަނުގައި އެޕްރޭޒަލް ހެދިކަމުގައި ވިއަސް، އޭނގެ ނަތީޖާއާއި ދޭތެރޭގައި މިއަދު ސިވިލް ސާވިސް ކޮމިޝަނުން ވެސް އަދި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވެސް ވިސްނަން ޖެހޭ ކަމަށް ދެކެން. ރާއްޖޭގެ އެޕްރޭޒަލް ސިސްޓަމް މިހާރު ހުރި ގޮތުން އޭނގެ ޒާތުގައި މުވައްޒަފުންނަށާއި މުވައްސަސާއަށް އަންނަން ޖެހޭނެ ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށް ގަބޫލެއް ނުކުރެވޭ. އެޕްރޭޒަލް ހެދުމުގައި ހާޒިރީއަށް ދީފައި އިންނަނީ ފަސް ޕަސެންޓް. ހާޒިރީއަށް ދީފައި އިންނަ ފަސް ޕަސެންޓުން މުވައްޒަފު ޗުއްޓީ ނެގުމާއި ސަލާމް ބުނުމާއި، މި ކަހަލަ އެތައް ކަމެއްގެ ތެރެއިން ކަންކަން ރޭވިފައި އިންނަ ގޮތުން އެ ފަސް ޕަސެންޓަކީ އޭގެ ޒާތުގައި ވަޒީފާގެ ކުރިއެރުމަށް ވެސް އަދި އިތުރު އެލަވަންސެއް ދޭން ކަނޑައަޅާނަމަވެސް އޭގެ މާބޮޑު ބުރަދަނެެއް ހުރި ކަމެއް ނޫން. މިގެ ސަބަބުން އެޕްރޭޒަލް ހެދުމުގައި އޭގެ އެންމެ ފުރިހަމަ ނަތީޖާ ނުނިކުއްނާނެ ކަން ގަބޫލް ކުރަން." އާދަމް ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގެ ސިވިލް ސާވިސްގެ ހިދުމަތް ރަނގަޅު ކުރާނަމަ އެޕްރައިޒަލް ސިސްޓަމް މިހާރަށްވުރެ އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ސިންގަފޫރުފަދަ ގައުމުތަކުގައި އެކަން ވަރަށް ރަނގަޅަށް ކުރަމުންދާ ކަމަށާއި ރާއްޖޭގައި އެ ސިސްޓަމް އެކުލަވާލާފައިވާ ގޮތުން ސީއެސްސީގެ ހިދުމަތްތައް ތަރައްގީ ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ސީއެސްސީގެ މުވައްޒަފުން މީގެ ކުރިއާ ހިލާފަތް މަސައްކަތް ކުރަން ޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. މި ވެރިކަމުގައި ސީއެސްސީއާއި އެތަނުގެ މުވައްޒަފުންނަށް މީގެ ކުރީ ސަރުކާރަކުން ބިރު ނުދައްކާވަރަށް ބިރުދައްކަމުންދާ ކަމަށް އާދަމް ޗަރީފް ތުހުމަތުކުރެއްވެވި އެވެ.

"ސީއެސްސީގެ ގަވައިދުގެ ތެރެއިން މިހާރު އެ ކޮމިޗަންގެ މުވައްޒަފުންނަށް ސިޔާސީ އެއްވެސް ކަމަކާއި ބެހޭގޮޮތުން އަނގަހުޅުވާލުމަކީ ވެސް އޭނގެ ސަބަބުން އަބަދު ލިބޭކަމަށްވެފައި މިއޮތީ. އޮޅުމަކުން ނަމަވެސް ސިޔާސީ ޕޯސްޓަކަށް ލައިކެއް ދެވުނަސް ފިޔަވަޅު އެޅޭގޮތައް ބަދަލު ވަމުން ގޮސް މިހާރު ސިވިލް ސާވެންޓުން މިތިބީ އަނގަ ބަންދުކޮށްފައި އަތުގައި ބިޑިއަޅުވާފައި. އެމީހުންނަކަށް ހަގީގަތުގައި މިނިވަންކަމެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ." އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަން ހިނގަމުން ދަނީ ސިޔާސީ ޖަގަހައެއް ހެންނެވެ. އެ ކޮމިޝަންގައި ތިބީ އެމްޑީޕީގައި އިސްކޮށް މަސައްކަތްކުރި ގިނަ ބަޔެއް ކަމަށެވެ. ސީއެސްސީ ސަރުކާރުން ވަރަށް ބޮޑަށް ކޮންޑްރޯލްކުރާ ކަމަށް ވެސް ތުހުމަތުކުރި އެވެ. އަދި އެތަން ހިންގަމުންދަނީ ސަރުކާރުން ބޭނުންވާ ގޮތައް ކަމަށް ވިދާޅުވި އެވެ. ސިވިލް ސާވިސްގެ މުވައްޒަފުންގެ ހައްގުތައް މިއަދު ސިވިލް ސާވިސް ކޮމިޝަނަކުން ރައްކާތެރިކޮށްނުދޭ ކަމަށާއި މިއީ ރާއްޖޭގައި ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.