އަހުމަދު ސަލީމް

މަޖިލީހުގެ ނައިބް ރައީސަކަށް ސަލީމު ހޮވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް އެމްޑީޕީގެ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމު ހޮވައިފި އެވެ.

މަޖިލީހުގެ ނައިބް ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި މިއަދާ ހަމައަށް ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއާއި ދެކޮޅަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަނިކޮށް އީވާ އިސްތިއުފާގެ ސިޓީ ހުށަހެޅުއްވުމާ ގުޅިގެންނެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ހިމެނޭ މެންބަރުންގެ ތެރެއިން މަޖިލީހުގެ ނައިބް ރައީސް ކަމަށް ޝައުގުވެރިވާ ބޭފުޅުން މިއަދު ފުރުސަތު ހުޅުވާލުމުން އެ މަގާމަށް އެމްޑީޕީގެ ތިން މެންބަރުން ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. އެގޮތުން ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ އަހްމަދު ސަލީމުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ނެގުނު ސިއްރު ވޯޓު ކާމިޔާބު ކުރެއްވީ އަހްމަދު ސަލީމު އެވެ. އޭނާ 26 ވޯޓު ހޯއްދެވިއިރު ރޮޒައިނާއަށް 23 ވޯޓު ލިބިވަޑައިގަތެވެ. އަދި ޖާބިރަށް ހަތަރު ވޯޓު ލިބިވަޑައިގަތެވެ.

މަޖިލީހުގެ ނައިބް ރައީސް ހޮވުމަށް މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނިންމުމާ އެއްގޮތަށް މަޖިލީހުގެ ނައިބް ރައީސް ކަމަށް އެންމެ ފުރަތަމަ ހުށަހެޅުއްވީ ސަލީމުގެ ނަމެވެ. އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުގެ މި ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލްހަކީމް އެވެ. އެކަމަކު ސަލީމުގެ ނަން ހުށަހަޅުއްވާފައި ވަނިކޮށް އެމްޑީޕީގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ މަޖިލީހުގެ ނައިބް ރައީސް ކަމަށް ޖާބިރުގެ ނަން މަޖިލީހުގެ ތަޅުމަށްވެސް ހުށަހަޅުއްވާފަ އެވެ. މިހުށަހެޅުމަށް ދަ ޑިމޮކްރެޓްސްގެ ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ތާއީދުކުރެއްވި އެވެ.

އެހެންވެ ސަލީމާއި ޖާބިރާ ދެ ބޭފުޅުންގެ ތެރެއިން މެންބަރުންނަށް ފެނިވަޑައިގަންނަވާ ބޭފުޅަކަށް ވޯޓު ދެއްވުމަށް މަޖިލީހުގެ ރިޔާސަތުން ހުޅުވާލުމުން ނެގުނު ސިއްރު ވޯޓު ކާމިޔާބު ކުރެއްވީ ސަލީމު އެވެ. އޭނާއަށް 51 މެންބަރުން ތާއީދުކުރެއްވިއިރު ޖާބިރަށް ތާއީދުކުރެއްވީ 23 މެންބަރުންނެވެ.

އަހްމަދު ސަލީމު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ މިހިނގާ 19 ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުގައި ވާދަކުރައްވައިގެންނެވެ. އޭނާ އަކީ މަޖިލީހުގެ އެންވަޔަރަންމަންޓް ކޮމިޓީގެ މުގައްރިރުކަންވެސް މަޖިލީހުގެ މިދައުރުގައި ކުރައްވަމުން ގެންދަވާ މެންބަރެވެ.