ފައިޒާ

ރާއްޖެއަށް ފައިޒާ ވެކްސިން ގެެނެސްފި

ފައިޒާ-ބަޔޯންޓެކް ވެކްސިން ރާއްޖެއަށް ގެނެސްފި އެވެ. މިއަދު ރާއްޖެއަށް ގެނެސްފައިވަނީ 5,850 ޑޯޒް ވެކްސިނެވެ.

މިއީ ކޮވެކްސް ފެސިލިޓީއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންއެވެ. ރާއްޖެއަށް ފައިޒާ ވެކްސިން ގެނެސްފައި މިވަނީ ޗައިނާގެ ސިނޯފާމާއި ފައިޒާ-ބަޔޯންޓެކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އިން މި މަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނިކޮށެވެ.

ރާއްޖެ ވަނީ ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފައެވެ. ކޮވެކްސް މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ލިބޭނެ އެވެ. މީގެ ކުރިންވެސް ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް 12،000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފައިވެއެވެ. އެއީ ކޮވިޝީލްޑް ވެކްސިނެވެ.

ކޮވެކްސް ފެސިލިޓީއިން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 108،000 ޑޯޒް އާއި ފައިޒާގެ 5،850 ޑޯޒް ލިބޭނެ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮވިޑް ވެކްސިން ޕްރަގްރާމް ކުރިއަށްދާއިރު އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓެޑުން ތިން ލައްކަ ވެކްސިން ޑޯޒް ގަންނަން މިހާރު ވަނީ އޯޑަރު ދީފައެވެ.