ޓެކްނޯލޮޖީ

އެޕަލް ވޮޗް: ދެން އޮތް ޓާގެޓަކީ އެތުލީޓުން

Mar 27, 2021

ސްމާޓްވޮޗް މާކެޓްގައި އެޕަލް ވަރެއް ނެތެވެ. އަހަރަކު އެއްފަހަރު ބަދަލުކުރާ ސީރީޒެއްގައި ވާދަވެރިންނަށް ވުރެ ގިނަ އާމްދަނީ ކޮންމެ ކްއާޓަރެއްގައި ހޯދަ އެވެ. އާ ޓެކްނޮލޮޖީ ތައާރުފުކޮށް އާ ސިނާއަތްތަކުން ކަސްޓަމަރުން ހޯދުން އެޕަލްއަށް އެއްވެސް ކަމަކަށް ނުވެ އެވެ. އެޕަލްގެ ވިސްނުމުގައި ދެން ތިބީ އެތުލީޓުންނެވެ.

ބްލޫމްބާގް ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އެތުލީޓުންނަށް ހާއްސަ ގަޑިއެއް އެޕަލްއިން އެބަ އުފައްދަ އެވެ. އެޕަލްއިން މިހާރު ގަޑީގެ ތޮށިގަނޑު ޑިޒައިން ކުރަނީ އެވެ. އެތުލީޓުންނަށް ހާއްސަ ކުރާތީ ތޮށިގަނޑުގައި ވެސް އެސިފަ ހުންނަން ޖެހެ އެވެ. މޫސުމީ ބަދަލުތަކަށް، ވެހޭހާ ވާރެއާ އަތްވަށް ކެތް ކުރެވެން ޖެހެ އެވެ. މިލިޓަރީ ސްޓައިލް ކޮންމެވެސް ވަރަކަށް ހުރުން ރަނގަޅެވެ.

ގަޑީގެ ތޮށިގަނޑު އެލްމީނިއަމް ނުވަތަ ސްޓެއިންލެސް ސްޓީލުން އުފެއްދުން ކަމަކު ނުދާނެ އެވެ. އެންމެ ރަނގަޅުވާނީ ޖެހޭ ތަނެއްގެ ސަބަބުން ކޫރުން ނޭޅޭ ކަހަލަ ރަބަރެކެވެ. މިކަން އެޕަލްއަށް މާބޮޑަށް ވެސް އެނގެ އެވެ.

އެޕަލްއިން އެތުލެޓިކް ގަޑިއަށް ގެންނަ ފީޗާތަކަށް ބަލާއިރު، މާބޮޑު ތަފާތުތަކެއް ނުހުންނާނެ އެވެ. ކަސްރަތުކުރާ މީހުންނަށް އެޕަލް ގަޑިތަކުގައި މިހާރު ހުރި ފީޗާތައް އެތުލީޓުންނަށް ވެސް ކަމުދާނެ އެވެ. ހާޓް ރޭޓް މޮނީޓަރިން، ބްލަޑް އޮކްސިޖަން ސެންސަރު އަދި އީސީޖީ ވެސް ހިމަނަމާ ހިނގާށެވެ. އެޕަލް އަކީ ވަރަށް ތަރުތީބު ކުންފުންޏެކެވެ. އެހެންކަމުން އެތުލީޓުންނަށް ހާއްސަ ސްޕޮންސާޑް ފީޗާއެއް ހިމަނާނެ ކަމަށް ބަލަމާހެވެ.

މިއަހަރު ސެޕްޓެމްބަަރުގައި ސީރީޒް 7 އާއެކު ނޫން ނަމަ 2022 ގައި ސީރީޒް 8 އާއެކު ވެސް އެތުލީޓުންނަށް ހާއްސަ ގަޑި ތައާރުފު ކޮށްފާނެ އެވެ. އެޕަލްއިން އުފެއްދުމެއް މާކެޓަށް ނެރެނީ އެ އުފެއްދުމަކާ ބެހޭ ގޮތުން ސަޕޯޓަރުން ވާހަކަގާއި ޒަމާން ހޭދަކުރާ ފަހުންނެވެ.