މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ އާ ގާނޫނަށް އަމަލު ކުރަން ފަށައިފި

ދިވެހި ފުލުހުންގެ ހިދުމަތުގެ އާ ގާނޫނަށް އަމަލު ކުރަން ފަށައިފި އެވެ. ގާނޫނަށް އަމަލު ކުރަން ފަށާފައިވަނީ މިރޭ 12 އިން ފެށިގެންނެވެ.

ފުލުހުންގެ ހިދުމަަތުގެ ބިލް ފާސްކޮށްފައިވާ ޑިސެންބަރު 6، 2020 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައެވެ. އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ ޑިސެންބަރު 27، 2020 ގައެވެ. ގާނޫގައި ބުނަނީ އަމަލު ކުރަން ފަށާނީ ބިލް ތަސްދީގު ކުރާތާ ތިން މަސް ފަހުން ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކޮމީޝަނަރު އޮފް ޕޮލިސް މިރޭ ވިދާޅުވީ އުވިދިއަ ގާނޫނުގެ ދަށުން މިއަދާ ހަމައަށް ވަޒީފާގައި ތިބި ހުރިހާ ފުލުހުން އައު ގާނޫނުގައި ކަނޑައެޅިފައިވާ ފުލުހުންގެ ހުވާ މިއަދު ކުރާނެ ކަމަށެވެ. އަދި ރައްޔިތުން އުންމީދުކުރާފަދަ މުއައްސަސާއަކަަށް ފުލުހުންގެ މުއައްސަސާ ވެގެންދާނެ ކަމަށެވެ.

ފުލުހުން ރޭ ބުނީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު މިހާރު ބޭނުންކުރާ ބައެއް ރޭންކުތައް އުވިގެންދާނެތީ އާ ގާނޫނުގައި ބަޔާންކުރާ ރޭންކުތަކަށް މުވައްޒަފުން ކަނޑައެޅުމުގެ އިދާރީ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ހާރު ބޭނުންކުރާ 15 ރޭންކުގެ ބަދަލުގައި އާ ގާނޫނުގައި ކަނޑައެޅިފައިވަނީ 11 ރޭންކެވެ. މިބަދަލާއި އެކު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިން ފެށިގެން ދަށުގެ ރޭންކުތަކަށް ގްރޭޑް ކަނޑައެޅުމަށްވެސް ގާނޫނު ލާޒިމުކުރެއެވެ. މިހާރު ކުރެވެމުންދަނީ ރޭންކުތަކާއި ގްރޭޑްތަކަށް މުވައްޒަފުން ކަނޑައެޅުމުގެ މަސައްކަތް ކަމަށް ފުލުހުން ބުންޏެވެ.

ބިލުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތައް ބަޔާންކޮށްފައިވެއެވެ. މި ބިލުން ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީއާއި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރު ކުރުމާއި، ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުމާއި، އަމާންކަމާއި ދާހިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ގާނޫނީ ބާރާއި އިހްތިޔާރު ފުލުހުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ. ހަމައެހެންމެ، ރައްޔިތުންނާ ގުޅިގެން ހިދުމަތްދިނުން އިސްކޮށް، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި ފުލުހުންގެ ހިދުމަތުގެ އެންމެހައި މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމާއި ފުލުހުންގެ ހިދުމަތުގެ އަމާޒާއި މަގްސަދާއި މަސްއޫލިއްޔަތާއި ހިދުމަތާއި ބާރާއި އިހްތިޔާރުތައް ގާނޫނުއަސާސީއާއި އިންސާނީ ހައްގުގެ ހަމަތަކުގެ ތެރެއިން އެކަށައަޅައި ބަޔާންކުރުމާއި ދިވެހި ފުލުހުންގެ ޚިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުން މިބިލުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު ފުލުހުންގެ ގާނޫނު ގެ ދަށުން ގާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް"، މި ގާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ހިދުމަތް" އަށް ބަދަލުވާނެއެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ހިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސާވިސް"ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ފުލުހުންގެ ހިދުމަތުގެ ހާއްސަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ހިދުމަތެއްގެ ގޮތުގައި ހިމެނުމާއި، މުޅި ދިވެހިރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ހިދުމަތެއްގެ ގޮތުގައި ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، އަދި ވަޒީފާއާބެހޭ ޤާނޫނުން އިސްތިސްނާ ލިބިގެންވާ ހިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ.