މުހައްމަދު ހަމީދު

"އާ ގާނޫނާއެކު ރައްޔިތުން އެދޭފަދަ މުއައްސަސާއަކަަށްވާނެ"

Mar 27, 2021
10

ދިވެހި ފުލުހުންގެ ހިދުމަތުގެ އާ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ރައްޔިތުން އުންމީދުކުރާފަދަ މުއައްސަސާއަކަަށް ފުލުހުންގެ މުއައްސަސާ ވެގެންދާނެ ކަމަށް ކޮމިޝަަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަަތުގެ ބިލް ފާސްކޮށްފައިވާ ޑިސެންބަރު 6، 2020 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައެވެ. އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ ޑިސެންބަރު 27، 2020 ގައެވެ. ގާނޫގައި ބުނަނީ އަމަލު ކުރަން ފަށާނީ ބިލް ތަސްދީގު ކުރާތާ ތިން މަސް ފަހުން ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކޮމީޝަނަރު އޮފް ޕޮލިސް ވިދާޅުވީ އުވިދިއަ ގާނޫނުގެ ދަށުން މިއަދާ ހަމައަށް ވަޒީފާގައި ތިބި ހުރިހާ ފުލުހުން އައު ގާނޫނުގައި ކަނޑައެޅިފައިވާ ފުލުހުންގެ ހުވާ މިއަދު ކުރާނެ ކަމަށެވެ. އަދި ރައްޔިތުން އުންމީދުކުރާފަދަ މުއައްސަސާއަކަަށް ފުލުހުންގެ މުއައްސަސާ ވެގެންދާނެ ކަމަށެވެ.

ފުލުހުން ރޭ ބުނީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު މިހާރު ބޭނުންކުރާ ބައެއް ރޭންކުތައް އުވިގެންދާނެތީ އާ ގާނޫނުގައި ބަޔާންކުރާ ރޭންކުތަކަށް މުވައްޒަފުން ކަނޑައެޅުމުގެ އިދާރީ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ހާރު ބޭނުންކުރާ 15 ރޭންކުގެ ބަދަލުގައި އާ ގާނޫނުގައި ކަނޑައެޅިފައިވަނީ 11 ރޭންކެވެ. މިބަދަލާއި އެކު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިން ފެށިގެން ދަށުގެ ރޭންކުތަކަށް ގްރޭޑް ކަނޑައެޅުމަށްވެސް ގާނޫނު ލާޒިމުކުރެއެވެ. މިހާރު ކުރެވެމުންދަނީ ރޭންކުތަކާއި ގްރޭޑްތަކަށް މުވައްޒަފުން ކަނޑައެޅުމުގެ މަސައްކަތް ކަމަށް ފުލުހުން ބުންޏެވެ.