ދުނިޔެ

ޕެރިހުގެ ބައެއް މަގަށް މަރާލާފައިވާ ނޫސްވެރިންގެ ނަންދީފީ

ޕެރިސް (އަލްޖަޒީރާ) - މީޑިޔާގެ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ފަރާތުން ޕެރިހުގެ މަގުތަކެއްގެ ނަން ނޫސްވެރިން ތަކެއްގެ ނަމަށް ވަގުތީ ގޮތުން ބަދަލު ކޮށްފިއެވެ.

އެ ޖަމާއަތުން ބޭނުން ކުރި ނަން ތަކަކީ މަރަލާފައިވާ ނޫސްވެރިންނާއި ގެއްލުވާލާފައިވާ އަދި އަނިޔާ ލިބިފައިވާ އެކި ނޫސްވެރިންގެ ނަން ތަކެވެ. މި ޖަމިއްޔާއިން އިއްޔެ މި ހަރަކާތް ހިންގީ އދ. އިން ފާހަގަ ކުރާ ނޫސްވެރިންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކާ ދެކޮޅު ދުވަހާ ދިމާކޮށެވެ.

ނަން ބަދަލު ކުރެވުނު މަގުތަކަކީ މަރާއި އެކި ކަހަލަ އަނިޔާތަކާ ކުރިމަތިލާން ޖެހިފައިވާ ބާރަ ނޫސްވެރިޔަކު ނިސްބަތްވާ ގައުމުތަކުގެ އެންބަސީ ހުންނަ މަގުތަކެވެ. މިގޮތުން އެއް މަގަށް ނަން ދީފައި ވަނީ ޕާކިސްތާނުގެ ނޫސްވެރިޔާ ސައީދު ސަލީމް ޝެހެޒާދުގެ ނަމުންނެވެ. އޭނާ އަކީ މީގެ ހަތަރު އަހަރު ކުރިން އިސްލާމް އާބާދުގައި ކިޑްނެޕްކޮށް އަނިޔާކޮށް މަރާލާފައިވާ ނޫސްވެރިޔެކެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބުނީ މި ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ ނޫސްވެރިންނަށް ބޭއިންސާފުން އަމަލުކުރާ ގައުމުތަކުގެ ސަރުކާރުތަކުގެ ސަމާލުކަމަށް މީޑިޔާގެ މިނިވަންކަމުގެ މުހިންމުކަން ގެނައުން ކަމަށެވެ. އަދި ނޫސްވެރިންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ ބަދަލު ކުށްކުރާ ފަރާތްތަކަށް ދިނުމަށް ބާރުއެޅުން ކަމަށެވެ.

ފާއިތުވެ ދިޔަ ދިހަ އަހަރުގެ ތެރޭގައި މީޑިޔާގައި ކުރާ މަސައްކަތްތަކަކާ ގުޅިގެން 700 އެއްހާ ނޫސްވެރިން މަރާލާފައި ވެއެވެ. ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ގައުމު ތަކުގެ ތެރޭގައި ސީރިޔާ އާއި މެކްސިކޯ ފާހަގަ ކުރެވެއެވެ. ދިވެހި ރާއްޖޭގައި ވެސް ނޫސްވެރިންނާ ދެކޮޅަށް އެކި ވަރުގެ ހަމަލާތައް ދީފައި ވެއެވެ. މިގޮތުން އެންމެ ފާހަގަ ކުރެވެނީ މިދިޔަ އަހަރުގެ އޯގަސްޓު މަހު ގެއްލުނު މިނިވަން ނޫހުގެ ރިޕޯޓަރު އަހުމަދު ރިލްވާނުގެ މައްސަލައެވެ. ދިވެހި ސަރުކާރުން ދާދި ފަހުން ވަނީ މި މައްސަލައިގެ އެންމެ ފުނަށް ވާސިލުވެ، ކަމުގެ ހަގީގަތް ހޯދާނެ ކަމަށް ބުނެފައެވެ.