ރައީސް މުހައްމަދު ނަޝީދު

"ފައްޔާޒު ފޮރުވަން ކުރާ މަސައްކަތުން ރައީސް ހަލާކުވާނެ"

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ފޮރުވަން ކުރާ މަސައްކަތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް "ހަލާކު" ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ވަނީ މިނިސްޓަރު ފައްޔާޒަށް އަމާޒުކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި މިރޭވެސް ފާޑުވިދާޅުވެފައެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު އެކުލަވައިލާ ސޮއި ހަމަ ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ އަހަރު މަސައްކަތް ކުރައްވާފައި ވެއެވެ. ނަަމަވެސް އެ މަސައްކަތަށް މެންބަރުންގެ ފުރިހަމަ ތާއީދު ނުލިބުމުން އެމްޑީޕީގެ ގައުމީ މަޖިލީހަށް އެ މައްސަލަ ހުށައަޅަން ނަޝީދު ނިންމެވިއެވެ. އޭގެ ފަހުންވެސް ފައްޔާޒަށް އަމާޒުކޮށް ރައީސް ނަޝީދު ގެންދަވަނީ ތަފާތު ތުހުމަތުތައް ކުރައްވަމުންނެވެ.

ރައީސް ނަޝީދު މިރޭ ވިދާޅުވީ ފައްޔާޒް އިސްމާއީލް ފޮރުވަން ކުރާ މަސައްކަތުން ރައީސް "ހަލާކު" ވާނެ ކަމަށެވެ. ނަޝީދު އެ އިޝާރާތް ކުރައްވަނީ ފައްޔާޒު މަގާމުން ދުރުކުރުމަށް އެމަނިކުފާނު އެކި ގޮތްގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ރައީސް ސޯލިހު ހުރަސް އަޅުއްވަމުން ގެންދަވާ ގެންދިއުމަށް އަދި ފައްޔާޒު ދިފާއު ކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް ކަމަށް ބެލެވެއެވެ.

އެ މެސެޖަށް ފައްޔާޒު ވަނީ ރައްދުވެސް ދެއްވާފައެވެ. ފައްޔާޒު ވިދާޅުވީ އޭނާ "ފޮރުވަން" ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ހުދުމުހުތާރު ނިޒާމެއް އޮތް ނޯތުކޮރެއާއަށް އިޝާރާތް ކޮށް ވިދާޅުވީ ރާއްޖޭގައި ބޭނުންހާ ގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށެވެ.

ރައީސް ނަޝީދު މިރޭވެސް ވިދާޅުވީ އެމަނިކުފާނު ނިކުމެ ހުންނެވީ ކޮރަޕްޝަން ހުއްޓުވަން ކަމަށާ އެއީ ވަކި މީހާ ޒާތީވުމެއް ނޫން ކަމަަށެވެ.

އެ ވާހަކަތަކާއި ގުޅިގެން ފައްޔާޒު ވަނީ އާންމުންނަށް އިވޭ ނުވަތަ ފެންނާނެހެން އެ ވާހަކަތައް ދެއްކެވުމަށް ރައީސް ނަޝީދަށް ދައުވަތު ދެއްވާފައެވެ. އެ ދައުވަތު ގަބޫލުކުރައްވާ ރައީސް ނަޝީދު ވަނީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް އެކަން ކުރުން ރަނގަޅު ނޫންތޯ ސުވާލު ކުރައްވާފައެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންއަށް އިޝާރާތް ކުރައްވާ ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް) ހަމަޖެއްސެވުމަށް އެދިވަޑައިގެންނެވިއެވެ. އެމަނިކުފާނު ވިދާޅުވީ މާދަމާވެސް އެ ކަމަށް ހުންނެވީ ތައްޔާރަށް ކަމަަށެވެ.

ފައްޔާޒުވެސް ވިދާޅުވީ ރައްޔިތުން ކުރިމަތީ އެ ވާހަކަ ދެއްކެވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް ފައްޔާޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު އަމަލު ކުރައްވާ ގޮތަށް އަމަލު ކުރައްވައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މަގާމުން ދުރު ކުރަން ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތީ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައްދަލުވުންތަކެއްވެސް މީގެ ކުރިން ބާއްވަވާފައެވެ. އަދި އެމަނިކުފާނު ވަނީ ފައްޔާޒަށް އިތުބާރު ކުރައްވާ ކަމަށާ މަގާމުން ދުރުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެ ގިނަ މީޑިއާތަކަކަށް އިންޓަވިއުވެސް ދެއްވާފައެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ވަޒީރު ކަމުގެ މަގާމުން އެކަހެރިވެވަޑައިގަތުމަށް ދަންނަވަން ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީއަކުންވެސް ވަނީ ކުރިން ދަންނަވާފައެވެ.

ސެޕްޓެންބަރު 9، 2020 ގައި ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ޕާޓީގެ ޗެއާޕާސަނަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ މަގާމުން ފައްޔާޒު އެކަހެރިވެ ވަޑައިގަންނަވަން އެ މަނިކުފާނު ދެކެ ވަޑައިގަންނަވާތީ އަދި އެކަމަށް އެދި ވަޑައިގަންނަވަނީ ފައްޔާޒު ހުންނަވައިފި ނަމަ އެމްޑީޕީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ.

އަދި އެ ޕާޓީގެ ކުރު ވެރިކަމެއް ކުރިން ނިމިގެން ދިޔައިރު އެންމެ ސާފު އެއް ސިފައަކީ ޕާޓީގެ އިސް މަގާމްތައް ފުރުއްވި ބޭފުޅުންގެ ކޮރަޕްޝަންގެ އަމަލުތައް މަދުވުން ކަމާއި އެމްޑީޕީއަކީ އަބަދުވެސް ސާފު ޕާޓީއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކަމަށެވެ. އަދި އެ ސިޓީގައި ފައްޔާޒަށް ކުރެވޭ ތުހުމަތުތައް ބަލަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

"...މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީ ކަމެއް ނޫނެވެ. ޕާޓީން އަޅުގަނޑާ ހަވާލުވެފައި ވަނީ ސިޔާސީ މަސައްކަތެވެ. އަޅުގަނޑު ފާހަގަ މިކުރަނީ ސިޔާސީ ނަޒަރުން ދެކޭ ނަމަ މިނިސްޓަ ފައްޔާޒަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ދަންނަވަމެވެ،"