ހައިކޯޓް

ވިމްލާއަށް 78 މިލިއަން ދިނުމަށް ކުރި ހުކުމް ބާތިލްކޮށްފި

Mar 29, 2021

ދައުލަތުން ވިމްލާ ކޮންސްޓްރަކްޝަނަށް 78 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ސިވިލް ކޯޓުން ފެބްރުއަރީ 29، 2016 ގައި ދައުލަތުގެ މައްޗަށް މި ހުކުމް ކުރީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ގެއްލުންވި ގއ. އަތޮޅުގެ ހަތަރު ރަށެއްގައި ވިމްލާ ކުންފުނިން އަޅައިދިން ގެތަކަށް ދައުލަތުން ފައިސާ ނުދައްކާތީ އެ ފައިސާ ހޯދުމަށް ދައުލަތާ ދެކޮޅަށް ދައުވާކުރުމުންނެވެ.

ގއ. އަތޮޅުގެ ވިލިގިއްޔާއި، މާމެންދޫއާއި ނިލަންދޫއާއި ދާންދޫގައި ޖުމްލަ 298 ހައުސިން ޔުނިޓް އަޅަން ވިމްލާ އިން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އޮކްޓޫބަރު 20، 2008 ގައެވެ.

ދައުލަތުގެ ހައިސިއްޔަތުން ހައުސިން މިނިސްޓްރީން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި އިއްވާފައިވާ ހުކުމްގައި ބުނެފައިވަނީ ދައުލަތާ އެކު ވިމްލާ އިން ހަދާފައިވާ އެއްބަސްވުމުގައި ދެ ފަރާތުގެ ދެމެދުގައި ހިލާފެއް އުފެދިއްޖެނަމަ އަމަލުކުރާނެ އުސޫލުތަކަކަށް ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

އެގޮތުން ހިލާފު އުފެދޭ މައްސަލަތަކުގައި އެކަމެއް ހައްލުކުރުމަށްޓަކައި ދެ ފަރާތުން އެންމެ ފުރަތަމަ ވާހަކަ ދައްކައިގެން ހައްލެއް ހޯދުމަށް އެއްބަސްވެފައިވާ ކަން ހައިކޯޓުގެ ހުކުމްގައި ފާހަަގަކޮށްފައިވެ އެވެ. އެގޮތަށް ހައްލެއް ނުލިބިއްޖެނަމަ އެޖުޑިކޭޓަރަށް ހުށަހަޅައިގެން ހައްލު ހޯދުމަށްވެސް އެއްބަސްވެފައިވެ އެވެ. ނަމަވެސް އެޖުޑިކޭޓަރަކީ ފިނޭންސް މިނިސްޓްރީގެ ދަށުގައިވާ ޓެންޑާ އިވެލުއޭޝަން ބޯޑު ކަމަށްވެފައި އެއީ މައްސަލައިގެ އެއް ހަސްމު ކަމަށްވާ ދައުލަތުގެ ބައެއް ކަމަށް ވިމްލާ އިން ވަނީ އިސްތިއުނާފްގެ ޝަރީއަތުގައި ބުނެފަ އެވެ. އެޖުޑިކޭޓަރަށް ހުށަހަޅައިގެން މައްސަލަ ނިންމި ގޮތާ މެދު ހިތްހަމަ ނުޖެހިއްޖެނަމަ އަމަލުކުރަން އޮންނަ އުސޫލަކީ އާބިޓްރޭޝަނަށް ހުށަހެޅުން ކަމަށް ދެ ފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ކަމަށްވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ ކޯޓަށް މައްސަލައެއް ހުށަހެޅުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ މަރުހަލާތަކަކަށް ދެ ފަރާތުން އެއްބަސްވެފައިވީ އިރު އެ މަރުހަލާތައް ފުރިހަމަ ނުކޮށް ޝަރީއަތަށް މައްސަލަ ހުށަނޭޅޭނެ ކަމަށް 2013 ވަނަ އަހަރު ހައިކޯޓުން ކޮށްފައިވާ ހުކުމެއްގައި ކަނޑައަޅާފައިވާ ކަމަށެވެ.

މީގެއިތުރުން ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގައި ކޮންޓްރެކްޓަރު ހުށަހަޅާ އިންވޮއިސްތަކަށް ފައިސާ ދައްކަންޖެހޭނީ ޕްރޮޖެކްޓް މެނޭޖަރު އެ އިންވޮއިސްތަކަށް ރުހުންދިނުމުން ކަމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަން ވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ. ނަމަވެސް ވިމްލާ އިން ދައުވާގައި ފާހަގަކޮށްފައިވާ ފަސް އިންވޮއިސް އަށް ހޯދަން ހުށަހަޅާފައިވާ 78 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ޕްރޮޖެކްޓް މެނޭޖަރު އެ އިންވޮއިސް ތަކަށް ރުހުން ދީފައި ނުވަނީސް ކަން އެނގެން އޮތް ކަމަށްވެސް ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވަނީ ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް 78 މިލިއަން ރުފިޔާ ވިމްލާ އަށް ދެއްކުމަށް ކޮށްފައިވާ ކޮށްފައިވާ ހުކުމަކީ ބާތިލް ހުކުމެއް ކަމަށެވެ. ހައިކޯޓުގައި މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީއާއި، ޝުއައިބް ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޝުއައިބް އެވެ.

ހައިކޯޓުން މިއަދު ހުކުމް ކުރި މައްސަލަ އެކޯޓުގައި އިސްތިއުނާފް ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މިމައްސަލަ މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅިގެން މައްސަލަ އަށް ހައްލެއް ލިބޭތޯ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އަދި މިމައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިސަރުކާރުން ވެސް ކުރިން ބުނެފައިވެ އެވެ.