ދިއްފުށި

އަތޮޅުތަކުގައި 833 އެކްޓިވް ކޭސް

އަތޮޅުތަކުގައި އެކްޓިވް ކޭސްތަކުގެ އަދަދު 833 އަށް އަރައިފި އެވެ. މިއީ އަތޮޅުތަކުގައި އެކްޓިވް ކޭސްތައް އެންމެ ގިނަ ދުވަސްވަރެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 58 ރަށެއްގައި އެކްޓިވް ކޭސްތައް އެބަހުއްޓެވެ. ޕޮޒިޓިވް ކޭސްތައް އެންމެ ގިނަައީ ޅ. ފެލިވަރުގައެވެ. އެރަށުގައި 245 މީހަކަށް ބަލިޖެހިފައިވެއެވެ. އެއީ 109 ދިވެހިންނާއި 136 ބިދޭސީންނެވެ. ޕޮޒިޓިވް މީހުން ދެން އެންމެ ގިނައީ ނައިފަރުގައެވެ. އެ ރަށުގައި 141 މީހަކަށް ބަލި ޖެހިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 125 ދިވެހިންނާއި 16 ބިދޭސީންނެވެ.

ކ. ހުރާގައިވެސް ޕޮޒިޓިވް ނަންބަރު ވަނީ 100 އިން މަތީގައެވެ. އެރަށުގައި 110 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެއީ 91 ދިވެހިންނާއި 19 ބިދޭސީންނެވެ. ކ. ދިއްފުށީގައި 92 މީހަކަށް ބަލިޖެހިފައިވެއެވެ. ޅ. ހިންނަވަރުގައި 19 ޕޮޒިޓިވް ކޭސް އެބަހުއްޓެވެ.

ދ. ކުޑަހުވަދޫގައި 19 މީހަކު ޕޮޒިޓިވްވެފައިވާއިރު ނ. ޅޮހީގައި 13 މީހަކު އަދި ކުޅުދުއްފުށީގައި ނުވަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ރަށްތައް

  • ޅ. ފެލިވަރު - 245 މީހަކު ޕޮޒިޓިވް
  • ޅ. ނައިފަރު - 141 މީހަކު ޕޮޒިޓިވް
  • ކ. ހުރާ - 110 މީހަކު ޕޮޒިޓިވް
  • ކ. ދިއްފުށި - 92 މީހަކު ޕޮޒިޓިވް
  • ޅ. ހިންނަވަރު - 19 މީހަކު ޕޮޒިޓިވް
  • ދ. ކުޑަހުވަދޫ - 19 މީހަކު ޕޮޒިޓިވް
  • ނ. ޅޮހީ - 13 މީހަކު ޕޮޒިޓިވް

އަތޮޅުތެރޭގައި ކޮވިޑް އެންމެ ބޮޑަށް ފެތުރިފައިވާ ދުވަސްވަރަކީ މިއީއެވެ. ކޮވިޑްގެ ހާލަތު އެންމެ ބޮޑު ރަށްރަށުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޅ. ނައިފަރާއި ކ. ހުރާގައި ވަނީ ފިޔަވަޅުތައް އަޅާފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ބުނެފައިވަނީ ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓައިލަން އަންގާ ކަމަށެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ.

އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށާއި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޑެލިވަރީގެ ހިދުމަތް ދިނުމެއް ނުހިމެނެއެވެ.

މީގެ އިތުރުން ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުމާއި ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކާއި ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ.