ވިޔަފާރި

ރާއްޖެއަށް އަލުން ދަތުރު ފަށަނީ ޑިމާންޑް ބޮޑުވެގެން: މިހިން ލަންކާ

ރާއްޖެއަށް އަލުން ދަތުރު ފަށަން ނިންމީ ސްރީލަންކާއަށް ދާ ދިވެހިންގެ ޑިމާންޑް ބޮޑުވުމުން ކަމަށް މިހިން ލަންކާ އިން މިއަދު ބުނެފި އެވެ.

ސްރީލަންކާގެ ބަޖެޓް އެއާލައިން، މިހިން ލަންކާ އިން މިމަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް ފަށާ ދަތުރުތަކާ ބެހޭ ގޮތުން މާބުލް ހޮޓެލްގައި މިއަދު މައުލޫމާތު ދެއްވަމުން އެ އެއާލައިންގެ ހެޑް އޮފް ކޮމާޝަލް ރޯޝަން ޕެރޭރާ ވިދާޅުވީ އަލުން ރާއްޖެއަށް އުދުހުންތައް ފެށީ ދިވެހިންގެ ޑިމާންޑް ބޮޑުވުމުން ކަމަށާއި، މި ދަތުރުތަކުގެ ސަބަބުން ދިވެހިންނަށް އަގުހެޔޮކޮށް ލަންކާއަށް ދަތުރުކުރެވޭނެ ކަމަށެވެ.

"މި ދަތުރުތައް މި ބާއްވަނީ ވެސް ހަފުތާ ބަންދާ ދިމާކޮށް މީގެ މަގުސަދަކީ ހަފުތާ ބަންދުގައި ލަންކާއަށް ދާން ބޭނުންވާ ދިވެހިންނަށް މަގު ތަނަވަސް ކޮށްދިނުން،" ރޯޝަން ވިދާޅުވި އެވެ.

މިހިން ލަންކާއިން މީގެ ކުރިންވެސް ރާއްޖެއަށް ދަތުރުތައް ބޭއްވި އެވެ. ނަމަވެސް ފަހުން ވަނީ މި ދަތުރުތައް ހުއްޓާލާފަ އެވެ.މިހިން ލަންކާއިން ރާއްޖެއަށް އަލުން ފަށާ މި ދަތުރުގައި ފްލައިޓް ބާއްވަނީ އަންގާރަ ދުވަހާއި ބުރާސްފަތި އަދި ހޮނިހިދު ދުވަހެވެ. އެގޮތުން މި ދަތުރުގައި ދެކޮޅު ޓިކެޓެއް ވިއްކަނީ 143 ޑޮލަރަށެވެ. އަދި އެއްކޮޅު ޓިކެޓެއް ވިއްކަނީ 85 ޑޮލަރަށެވެ.

މިހިން ލަންކާގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓަކީ އޭސް އޭވިއޭޝަން އެވެ.