ދުނިޔެ

ކޮރަޕްޝަންގެ މައްސަލާގައި ނަތަންޔާހޫ ކޯޓަށް

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ކުރާ ކޮރަޕްޝަންގެ މައްސަލަތައް ޖެރޫސަލެމްގެ ކޯޓެއްގައި މިއަދު އަލުން ފަށައިފި އެވެ.

ބޮޑުވަޒީރުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ މަކަރު ހެއްދެވުމާއި އޮޅުވާލެއްވުމާއި މަގާމުގެ ފައިދާ ނަހަމަ ގޮތުގައި ހިއްޕެވުން އަދި ރިޝްވަތާ ގުޅުންހުރި މައްސަލަތަކެވެ. މި ހުރިހާ މައްސަލައަކަށް ވެސް ބޮޑު ވަޒީރު ނަތަންޔާހު އިންކާރު ކުރައްވަ އެވެ.

ނަތަންޔާހޫއަށް ސަޕޯޓްކުރާ ގުރޫޕްތަކުން ކޯޓް ދޮށަށް އެއްވެ އަޑުގަދަ ކުރަމުން ދާއިރު ބޮޑުވަޒީރާ ދެކޮޅު އަޑުތައް ވެސް އަންނަނީ ގަދަވަމުންނެވެ. ބޮޑުވަޒީރަށް ބޮޑެތި ތުހުމަތު ކުރެވޭއިރު ދެން ރަނގަޅު ވާނީ މަގާމް ދޫކުރައްވައި އޮފީހުން ނުކުމެ ވަޑައިގަތުން ކަމަށް އެ ފަރާތްތަކުން ދަނީ ގޮވަމުންނެވެ.

ނަތައްޔާހޫއަށް ކުރެވޭ ތުހުމަތުތައް ކޯޓްގައި ސާބިތު ކުރުމަށްޓަކައި ފުރަތަމަ އަޑުއެހުމެއް އޮތީ މޭ 24، 2020 ގަ އެވެ. އަދި މިއަހަރު ފެބްރުއަރީ އަށެއްގައި ވެސް ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ.

ބޮޑުވަޒިރަށް މައްސަލެއްގައި ތުހުމަތު ކުރެވުނު ނަމަވެސް އިޒްރޭލްގެ ގާނޫން އޮންނަނީ މަގާމު ގެއްލޭ ގޮތަކަށް ނޫނެވެ. އެހެން ނަމަވެސް، ހައިކޯޓުން ގޮތެއް ކަނޑައަޅައި ކުށް ސާބިތުވާ ކަމަށް ނިންމައިފި ނަމަ މަގާމު ގެއްލިވަޑައިގަންނަވާނެ އެވެ. ހައިކޯޓާ ހަމަށް މި މައްސަލާ ދާނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.