ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު އަނެއްކާވެސް ނިންމައިފި އެވެ.
ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ އެވެ.
ދައުވާ އުފުލާފައިވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް ޖިހާދު ވަނީ ކޯޓުގައި އެދިވަޑައިގެންފަ އެވެ. އެހެންކަމުން މިއަދު މެންދުރުފަހު 2:30ގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަކީ މިމައްސަލައިގައި ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.
ޖިހާދު އެދިވަޑައިގަތީ މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހަށް ބޭސްފަރުވާއަށް ލަންކާއަށް ވަޑައިގަތުމުގެ ހުއްދަ އަށެވެ.
ޖިހާދުގެ ވަކީލް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން ވިދާޅުވީ ބޭސް ފަރުވާ އަށް ލަންކާއަށް ވަޑައިގަތުމުގެ ހުއްދައަކަށް ޖިހާދު އެދިވަޑައިގެންނެވީ ފޮރިން މިނިސްޓްރީގެ ހާއްސަ އުސޫލުގެ ދަށުން ކަމަށެވެ. އެއް ދުވަހަށް ކަރަންޓީނު ވެވޭ ގޮތަށް ސްރީލަންކާ އަށް ދަތުރުކުރުމުގެ އުސޫލެއް އޮންނަ ކަމަށާއި ބޭސް ފަރުވާ އަށް ވަޑައިގަތުމަށް ޖިހާދު އެދިވަޑައިގަންނަވަނީ އެ އުސޫލުގެ ދަށުން ކަމުގައިވެސް ވިދާޅުވި އެވެ.
މިމައްސަލާގައި ޖިހާދުގެ ވަކީލް ހިއްސާކުރެއްވި މައުލޫމާތާއި ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކަށް ރިއާޔަތްކުރެއްވުމަށްފަހު ގާޒީ ނިންމެވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ނުދިނުމަށެވެ. ޖިހާދަކީ ސިއްހީ ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަން އެނގިވަޑައިގަންނަވާ ކަމަށް ގާޒީ ވިދާޅުވި އެވެ. ނަމަވެސް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ބޭނުންވާ ކަމާ ގުޅޭ ލިޔުމެއް ނެތުމުން މިވަގުތަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދެވެން ނެތީ ކަމުގައިވެސް ވިދާޅުވި އެވެ. އެކަމަކު އެފަދަ ލިޔުމެއް ކޯޓަށް ހުށަހަޅުއްވައިފިނަމަ ހުއްދަ ދެއްވާނެ ކަމުގައިވެސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލަ ކުރިއަށް ދަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް ޖިހާދު މީގެ ކުރިން ވެސް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންނެވި އެވެ. ނަމަވެސް ދައުލަތުގެ އެދުމަށް ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގަތުން މަނާކޮށްފަ އެވެ. އެމައްސަލަ ޖިހާދުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވުމުން އެކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްފަ އެވެ. ފަހުން ދައުލަތުން އެމައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން ވެސް ނެރުނު އަމުރުގައި ބުނެފައިވަނީ ޖިހާދު ފުރުން މަނާކޮށް ދަށު ކޯޓުން ނެރުނު އަމުރު ގާނޫނާ ހިލާފު ކަމަށެވެ. އަދި ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓީ ފިއްލަވާފާނެ ކަމަށް ބެލެވޭތީ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވީ ނަމަވެސް ކޯޓުން އެކަމަށް ދެއްކި ހުއްޖަތް ރަނގަޅު ނޫން ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.
ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ، ޖިހާދަށް ނުދޭން އޭރު ކްރިމިނަލް ކޯޓުން ހުކުމްކުރީ ބޭރަށް ވަޑައިގަތުމަށް ޓިކެޓް ނަންގަވާ އަދި ހޮޓަލަށް ފައިސާވެސް ދައްކަވާފައި ވަނިކޮށެވެ. ރާއްޖެއިން ބޭރަށް ވަޑައިގަތުން ދެވަނަ ފަހަރަށް ވެސް ކްރިމިނަލް ކޯޓުން ހުއްޓުވާފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޓިކެޓް ނަންގަވާފައި ވަނިކޮށް ކަމަށް ޖިހާދު ވަނީ ވިދާޅުވެފަ އެވެ.
ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޖެނުވަރީ 18، 2013 ގައެވެ. ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ކުންފުންޏަށް ދިނުމަށް ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.