ފިނޭންސް މިނިސްޓްރީ

ޓެލެކޮމް ހިދުމަތުގެ ހުއްދަ އިތުރު ބަޔަކަށް ދިނުމުގެ ކުރިން ދިރާސާކުރަނީ

ޓެލެކޮމް ހިދުމަތް ދިނުމަށް އިތުރު ކުންފުންޏަކަށް ފުރުސަތު ދިނުމުގެ ކުރިން މާކެޓް އޮތް ގޮތެއް ދެނެގަންނަން ޖެހޭތީ ބަޔަކާ ހަވާލު ކޮށްގެން އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އަވަސް އިން ފިނޭންސް މިނިސްޓްރީއަށް ލިޔެގެން ހޯދި ޖަވާބުތަކެއްގައި އެ މިނިސްޓްރީން ބުނެފައި ވަނީ ޓެލެކޮމް ހިދުމަތް ދިނުމަށް އިތުރު ކުންފުންޏަކަށް ފުރުސަތު ދިނުމުގެ ކުރިން މާކެޓް ދިރާސާ ކުރުމާއި މާކެޓް ދަސް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން ބަޔަކާ ހަވާލު ކޮށްގެން ދިރާސާގެ މަސައްކަތެއް ކުރިއަށްދާ ކަމަށާއި ޓެލެކޮމް ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް ހުޅުވާލެވޭނެ ވަގުތެއް ކަނޑައެޅޭނީ މިހާރު ކުރިއަށްދާ ދިރާސާގެ ނަތީޖާގެ މައްޗަށް ކަމަށެވެ.

"ޓެލެކޮމް ހިދުމަތް ދިނުމަށް އިތުރު ކުންފުންޏަކަށް ހުޅުވާލުން ލަސްވަނީ އެކަމަށް ބޭނުންވާ މާކެޓް ސްޓަޑީ ހެދުމުގެ މަސައްކަތް ކުރިއަށްދާތީ،" މިނިސްޓްރީގެ ޖަވާބުގައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މީގެ ކުރިން ރާއްޖޭގެ ޓެލެކޮމް ދާއިރާއާ ބެހޭގޮތުން އެކަށީގެންވާ ދިރާސާތަކެއް ހަދާފައި ނުވާ ކަމަށެވެ. އެހެންކަމުން މި ދާއިރާއަށް އިތުރު ކުންފުންޏަކަށް ހިދުމަތް ދިނުމަށް ހުޅުވާލާނަމަ ބީލަމުގައި ބައިވެރިވާ ކުންފުނިތަކަށް ބޭނުންވާ މައުލޫމާތު ދިނުމަށާއި، މި ދާއިރާގެ މާކެޓްގެ މިހާރުގެ ހާލަތު ދެނެގަތުމަށް ދިރާސާއެއް ހެދުން މުހިއްމު ކަމަަށްވާތީ ކަމާ ގުޅޭ ވުޒާރާތަކުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ ދިރާސާތައް މި އަހަރުގެ ތެރޭގައި ނިންމާލެވިއްޖެނަމަ އިތުރު ކުންފުންޏަކަށް ޓެލެކޮމް ލައިސަންސް ދޫކުރުމަށްޓަކައި މި އަހަރުގެ ފަހުކޮޅު ބީލަމަށް ހުޅުވާލެވި، މި އަހަރު ނިމުމުގެ ކުރިން ބަޔަކަށް އެވޯޑު ކުރެވިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"[މިއަހަރު އިތުރު ކުންފުންޏެއް ކަނޑައެޅިއްޖެނަމަ] ކުންފުނިން ހިދުމަތް ދިނުން ފަށާނެ ތާރީހެއް އަންދާޒާ ކުރެވޭނީ ބީލަމުން ހޮވޭ ކުންފުންޏަކާ މަޝްވަރާ ކުރުމަށްފަހު،" ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓަށް އާމްދަނީ އިތުރު ކުރުމަށް ހުށަހެޅި އާ ކަންތައްތަކުގެ ތެރޭގައި ޓެލެކޮމް އޮޕަރޭޓިން ލައިސަންސް ދޫކުރުމާއި ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށް ވަނީ ހިމަނާފަ އެވެ. އެގޮތުން މިކަމުގެ ތެރެއިން މިއަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގައި މިހާރު ފޯނާއި އިންޓަނެޓުގެ ހިދުމަތް ދެމުން ގެންދަނީ ސަރުކާރު ހިއްސާވާ ދިރާގާއި އުރީދޫ މޯލްޑިވްސް އިންނެވެ. ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ފޯކަސް އިންފޯކޮމް ޕްރައިވެޓް ލިމިޓެޑުން ދަނީ އިންޓަނެޓްގެ ހިދުމަތް ދެމުންނެވެ.

ޓެލެކޮމް ހިދުމަތް ދިނުމަށް އިތުރު ކުންފުންޏަކަށް ފުރުސަތު ދިނުމުގެ މަސައްކަތް ސަރުކާރުން ފެށީ މިދާއިރާގައި ވާދަވެރިކަން އުފައްދާ، ހިދުމަތުގެ އަގު ހެޔޮ ކުރުމުގެ ބޭނުމުގަ އެވެ. ރާއްޖޭގައި ޓެލެކޮމް ހިދުމަތުގެ އަގު ބޮޑުވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.