ހިޔާ މަޝްރޫއު

ހިޔާ ފްލެޓްތަކުގެ ގުރުނެގުން ބުރާސްފަތީގައި

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ގުރުނެގުން އަންނަ ބުރާސްފަތި ދުވަހު ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 6720 ފްލެޓް ލިބޭ ފަރާތްތަކުގެ މެދުގައި އެމީހަކަށް ލިބެނީ ކޮން ފްލެޓެއްކަން ކަނޑައެޅުމަށް ގުރުނެގުން އަންނަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދާނެ ކަމަށެވެ.

އެޗްޑީސީ އިން ބުނީ އެންމެ ފުރަތަމަ ގުރުނަގާނީ އެޗް10 ގެ ލިސްޓުގައި ހިމެނޭ މީހުންގެ މެދުގައި ކަމަށެވެ. އެއީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓެގަރީ އެވެ. ގުރުއަތު ނަގާނީ އެ ލިސްޓުގައި ހިމެނޭ މީހުންގެ އައިޑީކާޑު ނަންބަރު ތަރުތީބުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ގުރު ނަގާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން އެންމެންގެ ގުރު ނަގައި ނިމެންދެންނެވެ.

ގުރަށްފަހު އެގްރީމަންޓްގައި ސޮއިކުރުމާއި ތަޅުދަނޑި ހަވާލުކުރާނެ ވަގުތު ފަހުން އިއުލާނު ކުރާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

މި މަހުގެ ތެރޭގައި ފްލެޓް ލިބުނު މީހުންނަށް ފްލެޓްތަކަށް ވަދެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވަނީ އެންމެ ފަހުން ސަރުކާރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ. އަދި މިމަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ފްލެޓްތަކުގެ ޑައުންޕޭމެންޓަށް ފައިސާ ދައްކަން ޖެހޭ އަދަދު ވެސް ހާމަކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.