އެޗްޑީސީ

ހިޔާ ފްލެޓްގައި ކެމަރާ ހަރުކުރުމުގެ މަސައްކަތް ފަށަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާފްލެޓް ތަކުގައި ސީސީޓީވީ ހަރު ކުރުމުގެ މަސައްކަތް އޮތީ އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލު އަވަސް އަށް ވިދާޅުވީ ޓަވަރު 13 އިން 16 އަށް ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު އޮތީ އަމަލީ މަސައްކަތް ފެށުމާ ހިސާބުގައި ކަމަށެވެ.

ޓަވަރު އެކަކުން 12 އަށް ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ސޯޝަލް ހައުސިން މަޝްރޫއެއްގެ ގޮތުގައި ހިންގި އެންމެ ބިޔަ މަޝްރޫއު ކަމަށްވާ "ހިޔާ ފްލެޓް" މަޝްރޫއުގެ 16 ޓަވަރުގައި 7،000 އަށް ވުރެ ގިނަ އެޕާޓްމަންޓް ހުރެ އެވެ. ނަމަވެސް ބައެއް އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކަށް އެޕާޓްމަންޓްތައް ނެގުމަށް ފަހު މީހުން ދިރިއުޅުން މިހާރު ދޫކޮށްފައިވަނީ 6،720 އެޕާޓްމަންޓެވެ.

ހިޔާ ފްލެޓުގެ ޓަވަރުތަކުގައި މީހުން ދިރިއުޅުން ފަށާފައިވާއިރު، އެތަނުގައި ޖުމްލަ 35،000 އަށް ވުރެ ގިނަ މީހުން މުސްތަގުބަލްގައި ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާ ކުރެވެ އެވެ.

އެ ސަރަހައްދުގެ ސެކުރިޓީ ބެލެހެއްޓުމަށް ހަތަރުވަނަ ޓަވަރުގައި ޕޮލިސް ސްޓޭޝަނެއް ވެސް މިހާރު ވަނީ ގާއިމްކޮށްފަ އެވެ.