ހިޔާ މަޝްރޫއު

ހިޔާ ފްލެޓުގައި 200 އަށްވުރެ ގިނަ އާއިލާ ދިރިއުޅެން ފަށައިފި

ރާއްޖޭގައި އެޅި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ހިޔާ ފްލެޓްގެ އެޕާޓްމަންޓްތަކަށް 200 އަށްވުރެ ގިނަ އާއިލާ ބަދަލު ވެއްޖެ އެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލު އަވަސް އަށް ވިދާޅުވި ގޮތުގައި މިހާތަނަށް ހިޔާ ފްލެޓަށް 200 އަށްވުރެ ގިނަ އާއިލާއިން ވަނީ ދިރިއުޅުން ބަދަލު ކޮށްފަ އެވެ. އަދި މިހާރު ވެސް ގިނަ އާއިލާތަކުން ފްލެޓައް ބަދަލުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅު މިހާތަނަށް 6،455 ފްލެޓް އެލޮކޭޓްކޮށް ގުރު ނަގައި، 6،215 ފަރާތަކަށް ސޮއިކުރަން ދައުވަތު ދީފައިވާނެ ކަމަށެވެ. އަދި ގުރު ނުނެގި އޮތީ 265 ފަރާތެއް ކަމަށެވެ. އޭގެ ތެރެއިން އަލަށް 17 ފަރާތެއްގެ ގުރުނެގުމަށް މިނިސްޓްރީން ފޮނުވާފައިވާތީ އެކަންތައް އަންނަ ހަފްތާގައި ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްފައިވަނީ 6084 މީހުނަށެވެ.

ހިޔާ ފްލެޓްގެ 7،000 އެޕާޓްމަންޓް ހުންނަ މިތަނުގައި 25 ބުރީގެ 16 ޓަވަރު ހުރެ އެވެ. މީގެތެއިން 10 ޓަވަރުގައި ހުންނަނީ 392 އެޕާޓްމަންޓެވެ. އަދި ބާކީހުރި ހަ ޓަވަރުގެ 492 އެޕާޓްމަންޓް ހުރެ އެވެ. މީގެ ތެރެއިން 10 ޓަވަރުގައި ތިން ލިފްޓް އަދި ބާކީހުރި ހަ ޓަވަރުގައި ހަތަރު ލިފްޓް ހުރެ އެވެ.

ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާއެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ދައްކަން ޖެހެ އެވެ.