ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއި ނުކޮށް ތިބި ފަރާތްތަކަ އިތުރު ފުރުސަތު އެޗްޑީސީން ހުޅުވާލައިފި އެވެ.
ހިޔާ އެއްބަސްވުންތަކުގައި ސޮއި ކުރުން އެޗްޑީސީން މީގެ ކުރިން ގެންދިޔައީ ޖުލައި 14 އިން މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެއްބަސްވުމުގައި ސޮއިކުރަން ބައެއް މީހުން ނުދެ އެވެ. އަދި ސޮއިކުރަން އެޗްޑީސީއަށް ނުގުޅާ މީހުން ވެސް ހިމެނެ އެވެ.
އެޗްޑީސީން މިއަދު ބުނީ އެއްބަސްވުމުގައި އެކި ސަބަބުތަކާއި ހުރެ ސޮއި ނުކުރެވުނު މީހުނަށް މިމަހު 28 އަދި 29 ގައި އިތުރު ފުރުސަތު ދޭނެ ކަމަށެވެ. އަދި އެމީހުން ސޮއި ކުރަން ގަޑިތައް ތާވަލުކޮށްފައިވާ ކަމަށާއި އެ ލިސްޓު އެޗްޑީސީގެ ވެބްސައިޓުން ފެންނާނެ ކަމަށެވެ.
ފްލެޓަށް ޒިންމާވާ ފަރާތުގެ ފޯމު އެޗްޑީސީއަށް ހުށަހަޅާފައިނުވާ ފަރާތްތަކުން އެފަރާތްތަކުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ހާޒިރުވާއިރު އެ ފޯމު ހުށަހަޅަން ޖެހެ އެވެ.
ހިޔާ ލެޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއި ކުރަން ފަށާފައި ވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ވަގުތު ކަނޑައަޅާފައިވަނީ ކޮންމެ ބައިގަޑިއިރަކުން 15 މީހުންނަށް ސޮއިކުރެވޭ ގޮތަށެވެ.