ކުރިއަށް އޮތް ރަމަޟާން މަހު މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ރޯދަ މަހު ތަރާވީސް ނަމާދު މިސްކިތްތަކުގައި ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
ރޯދަ މަހުގެ ފަހު 10 ގައި ދަމު ނަމާދު ވެސް މިސްކިތްތަކުގައި ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ ރޯދަ މަހު އަސުރު ނަމާދަށް ފަހު މާލެ ސަރަހައްދުގެ ހަަތަރު މިސްކިތެއްގައި ދީނީ ދަރުސްތައް ވެސް ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.
މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރިއަށް ގެންދާނެ ކަމަށް އިއުލާންކޮށްފައި މިވަނީ ކޮވިޑް 19އާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރެއިން ރޯދަ މަހު މިސްކިތްތަކުގައި ތަރާވީހު ނަމާދު ނުކުރެވިދާނެ ކަމަށް ކުރިން މިނިސްޓްރީން ބުނެފައި ވަނިކޮށެވެ.
މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރިއަށް ގެންދިއުމަށް ނިންމާފައިވީ ނަމަވެސް ކޮވިޑާ ގުޅިގެން މޮނިޓަރިންލާފައިވާ ރަށްތަކުގައި އެ އުސޫލުން އަމަލުކުރާނެ ކަމެއް ނުވަތަ ނުކުރާނެ ކަމެއް އަދި މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.