ގުޅިފަޅު

ގުޅިފަޅުން ދޫކުރާ ބިންތައް ކުދިވާނެ: އަސްލަމް

ގުޅިފަޅުން ދޫކުރަން ހަމަޖެހިފައިވާ 1200 ގޯތީގެ ބިންތަކުގެ ސައިޒު ކުޑަވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ގުޅިފަޅުން ދޫކުރާނީ 600 އަކަފޫޓުގެ ބިންތަކެއް ކަމަށެވެ. ގުޅިފަޅަކީ ވިޔަފާރި ބަނދަރަކަށް ހާއްސަ ކުރި ރަށެއް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެތަނުން ގޯތި ލިބޭނީ ހަމައެކަނި މާލޭގެ ރަށްވެހިންނަށް ކަމަށެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ 17000 މީހުން ތިބި ފާހަގަކުރެވޭ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރެއިން 33 ޕަސެންޓަކީ މާލޭ މީހުން ކަމަށްވާތީ ގޯތި ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މާލޭގެ ރަށްވެހިންނަށް ކަމުގައި ވިދާޅުވި އެވެ.

"... ބާކީ ތިބި 67 ޕަސެންޓަކީ މާލެ އަށް ހިޖުރަކޮށްގެން މާލޭގައި ދިރިއުޅޭ މީހުން. ސަރުކާރުގެ ފުރަތަމަ އަމާޒަކީ މާލޭ ރައްޔިތުންނަށް އިސްކަން ދީގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުން. އޭގެ މާނައަކީ ދެން ތިބި މީހުން މަތިން ހަނދާން ނައްތާލީއެކޭ ނޫން" އަސްލަމް ވިދާޅުވި އެވެ.

ގުޅިފަޅުން 1200 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި ނަމަވެސް އެކަން ކުރާނެ ވަކި ތާރީހެއް މިނިސްޓަރު ވިދާޅުވެ ދެއްވާފައެއް ނުވެ އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް މިހާރު ވެސް ސަރުކާރުން ކުރިއަށް ގެންދާ ކަމަށާއި 5000 ހައުސިން ޔުނިޓެއް އެޅުމުގެ މަސައްކަތް އިއުލާންކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 1000 ހައުސިން ޔުނިޓްގެ މައްސައްކަތް ފަށައިގެން މިހާރު ކުރިއަށްދާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ބާކީ 4000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމަށް އިންޑިއާގެ ދެ ކުންފުންޏަކާ އެކީ އެގްރިމެންޓެއްގައި ސޮއި ކުރެވި، މިހާރު ކުރިއަށް ދަނީ އެ ޔުނިޓްތަކުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތްތައް ކަމަށް ފާހަގަކުރެއްވި އެވެ.

އޭގެއިތުރުން 1،344 ޔުނިޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެތަންތަނަށް އަންނަ އަހަރުގެ ކުރީކޮޅު މީހުންނަށް ވަދެވޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ.