ފައްޔާޒް އިސްމާއީލް

"ކައުންސިލް ވިޔަފާރިން ދާއިރާއަށް އިގްތިސޯދީ ކުރިއެރުން ލިބޭނެ"

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ކުންފުނި އުފައްދައިގެން ވިޔަފާރި ކުރެވޭނެހެން އެކުލައިލި ގަވާއިދުގެ މައިގަނޑު މަގްސަދަކީ ދާއިރާތައް އިތުރަށް އިގްތިސޯދީ ގޮތުން ތަރައްގީ ކުރުން ކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކަށް ދެވޭ ފިޔަފާރި ކުރުމުގެ ބާރުގެ ސަބަބުން ދާއިރާގައި ނުފެށި ހުރި ރިސްކް ބޮޑު ވިޔަފާރިތައް ހިންގުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

ކޮންމެ ކަމެއްވެސް ކާމިޔާބު ވަނީ އެކަމަކާ ގުޅޭ އިގްތިސޯދީ ހަރަކާތްތަކެއް ހިންގައިގެން ކަން ފާހަގަކުރައްވައި ވިދާޅުވީ، މިއީ ވަށައިޖެހޭ ލާމަރުކަޒީ އުސޫލުގެ ދަށުން ދުރާލައި ވިސްނައިގެން އެކުލަވައިލި ގާނޫނެއް ކަމަށެވެ. އަދި މިއީ އެއްގޮތަކަށް ވެސް ރަށްރަށުގެ ވިޔަފާރި ވެރިންނާ ވާދައަށް ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އިކިނޮމިކް މިނިސްޓްރީ އިން މިހާރު ގެޒެޓް ކޮށްފައިވާ "ކައުންސިލްތަކުގެ ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއި އެކު ވިޔަފާރިކުރުމާއި ބެހޭ ގަވާއިދު" ގެ ދަށުން ހާއްސަކޮށް ކުދި ދާއިރާތަކަށް އޭގެ ނަފާ ވަރަށް ބޮޑަށް ލިބިގެންދާނެ ކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ.

"މިގެނެވުނު ބަދަލާ ގުޅިގެން ކައުންސިލްތަކަށް މިލިބެނީ އަސާސީ ހިދުމަތްތައް ވިޔަފާރީގެ އުސޫލުން ފޯރުކޮށްދިނުން. އަދި އިގްތިސޯދީ ގޮތުން އާ ނާރެސްތަކެއް އުފެއްދުމަށްޓަކައި ރިސްކް ނަގާ ބަޔަކަށް ކައުންސިލްތައް ވެގެންދާނެ. ދުރު މުސްތަގްބަލަކަށް އޭގެ މަންފާ ރަށްރަށަށް ކުރާނެ." މިނިސްޓަރު ވިދާޅުވި އެވެ.

ވިހި ޕަސެންޓަށް ވުރެ ބޮޑު ނުވާނެހެން ކައުންސިލްތަކަށް އަމިއްލަ ފަރާތްތަކާއި ގުޅިގެން ވިޔަފާރި ހިންގޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން އެކުލަވައިލި ގަވާއިދުގައި ބުނެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ގެޒެޓް ކުރެވުނު އެ ގަވާއިދުގައި ވާގޮތުގައި މިހާރު ކައުންސިލްތަކުން އަމިއްލަ ނަމުގައި ކުރާ ވިޔަފާރިތަކުގެ ތެރެއިން، އެ ދާއިރާއެއްގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި، ދާއިރާގެ ތެރޭގައި ވިޔަފާރީގެ ހަރަކާތްތައް ހިންގަން ބޭނުންވާ ނަމަ ކުރިއަށް އޮތް ނުވަ މަސްދުވަހުގެ ތެރޭ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީކުރަން ހުށަހަޅަންޖެހޭ ކަމަށެވެ.