ފައްޔާޒް އިސްމާއީލް

ޑޮލަރު އަގު ހެޔޮވެ އިގްތިސޯދަށް އިންގިލާބީ ބަދަލެއް އަންނާނެ: ފައްޔާޒު

Jan 8, 2022

ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުގެ އަގު ހެޔޮވެ ރާއްޖޭގެ އިގްތިސޯދަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައްޔާޒު ވިދާޅުވީ ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ވިޔަފާރިވެރިންނާއި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތަށް މަސައްކަތް ކުރެވުނީ ހިކުމަތްތެރިކަމާއެކު އަދި ތަފާތު ހާލަތްތަކުގައިވެސް ކަންކަން ކުރުމުގެ ގާބިލުކަމާއި ވިސްނުންތެރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރުގައިވެސް ހުރުމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ އުދަގުލުގެ ތެރޭގައި އިގްތިސާދު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުގެ އަގު ހެޔޮވެގެންދާނެ ކަމަށެވެ. ރާއްޖެއަކީ ބޭރުން ގެންނަ މުދަލަށް ބަރޯސާވާ ގައުމަކަށްވެފައި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމުން ރާއްޖެއަށް ވެސް އަސަރުކުރާނެ ކަމަށާއި ނަމަވެސް ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"މިވަބާގެ ތެރެއިން ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި. ދުނިޔޭގައި މުދަލުގެ އަގު އެދަނީ ބޮޑުވަމުން. އަޅުގަނޑުމެންނަށްވެސް އެކަމުގައި އަސަރުތަކެއް ކުރާނެ. ރާއްޖެއަކީ ހުރިހާ އެއްޗެއް އެތެރެކުރާ ގައުމަކަށްވުމުން މި ސަރުކާރުން މިކަމުގައި ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތަށް ހޯދައިދޭން މަސައްކަތް ކުރާނެ،" ފައްޔާޒު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް އެކަށީގެންވާ ދުވެލީގައި މަޝްރޫއުތައް ކުރިއަށް ނުގެންދެވޭ ކަމަށް ބުނެ ބައެއް މީހުން ފާޑުކިޔަމުންދާތީ މިނިސްޓަރު ފައްޔާޒު ވަނީ އެކަމަށް ރައްދުދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ 186 ރަށުގެ ތެރެއިން 100 އަށް ވުރެ ގިނަ ރަށުގައި ބަނދަރު ހެދުމުގެ މަސައްކަތް މިސަރުކާރުގައި ކުރިއަށްދާ ކަމަށެވެ. ރާއްޖޭގެ އެކި އަތޮޅުތަކުގައި 100 އަށް ވުރެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމަގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތާއި، އެތައް ރަށެއްގައި އާ އިންޖީނުގެތައް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިސަރުކާރުން ތަރައްގީގެ މަޝްހޫރުތައް ހިންގަން ކުންފުނިތަކާ ހަވާލުކުރާއިރު އެއީ ސަރުކާރުގެ ވާދަވެރި ކުންފުންޏެއްތޯ ނުބައްލަވާ ކަމަށެވެ. ނަމަވެސް މަޝްރޫއުތައް ކުރިއަށް ނުދާނަމަ އެގޮތަށް ހުރި މަޝްރޫއުތަކާ ހަވާލުވެ ތިއްބެވީ ވެސް ސަރުކާރުގެ ވާދަވެރި ކުންފުނިތައް ކަމުގައިވެސް ވިދާޅުވި އެެވެ. އޭގެފަހުގައި މިނިސްޓަރު ވަނީ މިސަރުކާރު "ސްލޯތޯ" ވިދާޅުވެ ސުވާލުކުރައްވާފަ އެވެ.

"މިހުރިހާ ކަމެއް ކުރަމުން މިދިޔައީ ކޮވިޑް ކިޔާ އެއްޗެއް ރައީސް އަށް ވެރިކަން ކުރަން ލިބުނު ތިން އަހަރު ތެރޭ ދެ އަހަރު އަދިވެސް އެކަން ގުނަމުން މިދަނީ. މީގެން މިފެންނަނީ ހަރުދަނާ ސިޔާސަތުތަކާއެކު ހަރުދަނާ ސިޔާސަތު ކުރިއަށް ގެންދިއުމުގެ ގާބިލްކަން ހުރި ވެރިއެއް ލިބިފައިވާކަން،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ މިސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ހެޔޮ ބަދަލުތައް އެހެން ގޮތަކަށް ބަދަލުކޮށްލަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. މިސަރުކާރުން އިންޓަނެޓް ވެސް އަގުހެޔޮކޮށްފި ކަމަށާއި އިންޓަނެޓްގެ އަގު ބޮޑުވެގެން މިއަދު މީހަކު ޝަކުވާ ނުކުރާ ކަމުގައިވެސް ވިދާޅުވި އެެވެ. މިސަރުކާރުން މިނިމަމް ވޭޖު ކަނޑައަޅައިދިނުމުން އެތައްހާސް މަސައްކަތްތެރިންނަށް މުސާރައިގެ ކުރިއެރުމެއްވެސް ލިބިގެން ގޮސްފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ރިސޯޓްތަކުގައި މަސައްކަތްކުރާ 13،000 ދިވެހި މުވައްޒަފުންނަށް 358 މިލިއަން ރުފިޔާ ލިބޭނެ އިތުރަށް މިހާރު. ދިވެހި ސަރުކާރު ނުވަތަ ދައުލަތުގައި މަސައްކަތްކުރާ 15،000 އަށް ވުރެ ގިނަ މުވައްޒަފުންނަށް 600 އަށް ވުރެ ގިނަ މިލިއަން ރުފިޔާ ކޮންމެ އަހަރަކު ލިބޭނެ. މިއީ ހަމައެކަނި ރިސޯޓްތަކާއި ސަރުކާރުގެ ވާހަކަ،" ފައްޔާޒު ވިދާޅުވި އެވެ.