ފައިޒާ-ބަޔޯންޓެކް ވެކްސިން އަންނަ އާދިއްތަ ދުވަހު ޖަހަން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ދެންމެ ބުނީ ފައިޒާ ވެކްސިން ދިނުން 11 އޭޕްރިލް ވާ އާދިއްތަ ދުވަހު ފަށަން ނިންމާފައިވާ ކަމަށެވެ. ވެކްސިން ދެވޭނީ ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް އެޕޮއިންޓްމެންޓް ދީގެން ކަމަށްވެސް ބުންޏެވެ.
ރާއްޖެއަށް ލިބިފައިވަނީ 5,850 ޑޯޒެވެ. ފައިޒާ-ބަޔޯންޓެކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އިން މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނިކޮށެވެ.
އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށް އެކަނި ކަމަށެވެ. ފައިޒާ ވެކްސިން ދޭނީ ހަށިގަނޑުގެ ދިފާއީ ނިޒާމު ދަށް މީހުންނަށެވެ. އެ ގޮތުން އުމުރުން 16 އަދި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގުމުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ މީހުންނަށް ވެކްސިން ދޭނެ އެވެ.
އަދި 18 އަހަރާއި 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށްވެސް ވެކްސިން ދޭން ވަނީ ނިންމާފައެވެ.
ފައިޒާ ވެކްސިން ދޭ ކެޓަގަރީތައް
- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
- ޑަޔަލިސިސް ގަވާއިދުން ހަދަމުންދާ މީހުން
- ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާ ހޯދަމުންދާ މީހުން
- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ނިޒާމު ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުން ކުރާ މީހުން
އެޗްޕީއޭއިން ވަނީ އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ނިޒާމު ބާރު ދެރަކުރާ ބޭސްތަކަކީ ކޮބައިކަން ހާމަކޮށްފައެވެ.
ފައިޒާ ވެކްސިނަކީ 16 އަހަރުން މަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާތީ 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ބަލި ހާލަތުގައިވާ ކުދިންނަށްވެސް ވެކްސިން ދޭނެ އެވެ.
16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ވެކްސިން ދޭނެ ކެޓަގަރީތައް
- ޑަޔަލިސިސް ގަވާއިދުން ހަދަމުންދާ ކުދިން
- ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާ ހޯދަމުންދާ ކުދިން
- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ނިޒާމު ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުން ކުރާ ކުދިން
- ދިގު މުއްދަތަކަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ ކުދިން
- ހަކުރު ބަލީގެ ކުދިން
- ތެލަސީމިއާ މޭޖާ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން
- ޑައުންސިންޑްރޯމް ހުންނަ ކުދިން
- ސިސްޓިކް ފައިބްރޯސިސް، ބްރޮންކޮއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިން
- އުފެދުމުގައި ހުންނަ ހިތުގެ ބަލިތައް (ކޮންޖެނިޓަލް ހާޓް ޑިޒީޒް) ހުންނަ ކުދިން (ސާޖަރީ ހަދާފައިނުވާ ކުދިން)