ކައުންސިލް އިންތިހާބުގެ ކެމްޕޭން މިއަދު ނިންމާލާއިރު އެމްޑީޕީ އޮތީ އިންތިހާބަށް ފުރިހަމަ އަށް ތައްޔާރުވެފަ އެވެ. ކޮވިޑްގެ އުދަގޫ ހާލަތުގައިވެސް ތަފާތު ގޮތްތައް ހޯދައި ކެމްޕޭން ކުރެވޭނެ ހުރިހާ މަގަކުން ދަތުރުކޮށް އެކަން ކުރި އެވެ. ކެމްޕޭނަށް މެނިފެސްޓޯއެއް އެކުލަވާލައި ރައްޔިތުންނަށް ސިޔާސަތުތައް ބުނެދިނެވެ. ކެންޑިޑޭޓުންނަށް ކެމްޕޭން ކުރާނެ ގޮތް ބުނެދީ އެމީހުން އިންތިހާބަށް ފަރިތަކުރި އެވެ. ކެމްޕޭންގެ މައުލޫމާތުތައް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނެވެ.
އެމްޑީޕީއަށް ކެމްޕޭންގައި ކުރެވުނު މަސައްކަތްތަކާ އެކު ބޮޑު އަގުލަބިއްޔަތަކުން މި އިންތިހާބު ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އެމްޑީޕީން ދެއެވެ. އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުގައި އެމްޑީޕީގެ ނައިބް ރައީސް ވަނީ ކައުންސިލް އިންތިހާބުގައި އެމްޑީޕީން އަމަލުކުރި ގޮތާއި ވިސްނުންތައް ގެންގުޅުއްވި ގޮތުގެ މައްޗަށް ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކަވާފަ އެވެ.
އެމްޑީޕީން މުޅިން ތަފާތު ތަޖުރިބާއެއް ކުރި ކެމްޕޭނެއް
މިއީ އެމްޑީޕީގެ 16 އަހަރުގެ ހަޔާތުގައި އެންމެ ތަފާތު ކެމްޕޭނެއް ކުރަން ޖެހުނު އިންތިހާބެވެ. އެތައް ސަތޭކަ ބަޔަކާ އެކު އެމްޑީޕީން މީގެކުރިން ބާއްވަމުން ދިޔަ ކެމްޕޭން ޖަލްސާތަކެއް މިއަހަރު ނުބާއްވަ އެވެ. ކޮވިޑް 19އާ ގުޅިގެން އަޅަންޖެހުނު ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އެމްޑީޕީގެ ކެމްޕޭން ހަރަކާތްތައް މަދުކޮށްލަން މަޖުބޫރުވީ އެވެ. އެތައް ސެތާކަ ބަޔަކާ އެކު އެމްޑީޕީން މީގެކުރިން ބާއްވަމުން ދިޔަ ކެމްޕޭން ޖަލްސާތަކެއް މިއަހަރަކު ނުބާއްވަ އެވެ. އެކި ރޭ ތަކަށް ބަހާލައިގެން ކެމްޕޭންގެ ބޮޑު ބައި ކުރިއަށް ގެންދިޔައީ ވާޗުއަލް ޝޯއެއްގެ ގޮތުގަ އެވެ. އެމްޑީޕީގެ "ރަށްވެހި ފަތިސް" އިޝްތިހާރުކޮށް ރައްޔިތުންނަށް ވިއްކާލީ އެ ޝޯތަކުގަ އެވެ.
އެމްޑީޕީގެ ކެމްޕޭން ނިންމާލުމުގެ ޖަލްސާ އއ. ރަސްދޫގައި ރޭ ކުރިއަށް ގެންދިޔަ ގޮތް ވެސް ތަފާތެވެ. އެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އިސް ބޭފުޅުންނާއި ސަރުކާރުގެ ބައެއް ވަޒީރުން ރަސްދޫ އަށް ވަޑައިގެންނެވި އެވެ. އެކަމަކު އެ ބޭފުޅުން ރަސްދޫ އަަށް ފައިބައިވަޑައިނުގެން މުޅި ދުވަސް ހޭދަކުރެއްވީ އެބޭފުޅުން މާލެއިން ރަސްދޫ އަށް ވަޑައިގަތުމަށް ބޭނުންކުރެއްވި ސަފާރީގަ އެވެ. ޖަލްސާގެ ޕޯޑިއަމް ވެސް ހުރީ ސަފާރީގަ އެވެ. އެކަމަކު ޖަލްސާގެ ހާޒިރީންގެ ގޮތުގައި ރަސްދޫގެ އެމްޑީޕީގެ ސަޕޯޓަރުން ތިބީ ބަނދަރު ތޮށިގަނޑުގެ ކައިރީގައި އަތުރާފައި ހުރި ގޮނޑިތަކުގަ އެވެ.
"މިއިންތިހާބަށް އަޅުގަނޑުމެން ކުރިމަތިލައިގެން ދާއިރު ވަރަށް ތަފާތު ތަޖުރިބާއެއް މިކުރަނީ. މުޅި ކެމްޕޭންގެ ވައްޓަފާޅިއާއި، އަޅުގަނޑުމެން އުޅެންވީ ގޮތާއި، ވޯޓް ހޯދަން ކުރާ މަސައްކަތާއި މިހުރިހާ ކަމެއް ހުރީ ބަދަލުވެފަ. މި ޕެންޑަމިކެއް ތެރޭގައި ކުރަންޖެހުނު ގޮތަކަށް މިކުރަނީ. އެހާ ފަސޭހަ ކަމެއް ނޫން،" ކުރަންޖެހުނު ތަޖުރިބާ ހިއްސާކުރައްވަމުން ޝިފާޒު ވިދާޅުވި އެވެ.
ކެމްޕޭން ކުރަންޖެހުނީ ކިތަންމެ ތަފާތު ގޮތަކަށް ނަމަވެސް ރައްޔިތުންނާ ހަމައަށް އެމްޑީޕީން ވާސިލްވެއްޖެ އެވެ. އެކަމުގައި ބޭނުންކުރެވެން ހުރި ހުރިހާ ގޮތްތަކެއް އެޕާޓީން ބޭނުންކުރި އެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދު އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓް ބައްދަލުކުރައްވައިފި އެވެ. ރައްޔިތުންގެ ގާތަށް ގޮސްގެން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވުމަކީ އެމްޑީޕީގެ އާންމު އުސޫލެވެ. އެކަންކޮށް މެނިފެސްޓޯ ވެސް އެކުލަވާލައި ރައްޔިތުންނަށް ދީފި އެވެ.
އެމްޑީޕީން މިހާރު ތައްޔާރުވަނީ މާދަމާ ބާއްވާ އިންތިހާބުގައި ވޯޓުލުމަށް ވޯޓްލާ މަރުކަޒުތަކަށް ރައްޔިތުން ގެންދިއުމަށް ހަމަޖައްސާފައިވާ އިންތިޒާމުތައް ތަންފީޒު ކުރުމަށެވެ. އެކަމާ ގުޅޭ އިދާރީ ކަންކަން ނިމި، އެ ޕާޓީގެ އޮފިޝަލުން މާދަމާ ހަރަކާތްތެރިވާނީ އެކަމުގައި ކަމަށް ޝިފާޒް ވަނީ މައުލޫމާތު ދެއްވާފަ އެވެ.
ސަރުކާރު ލަސްވިޔަސް ނަތީޖާ ރަނގަޅު ވާނެ
ކޮވިޑް 19އާއި ގުޅިގެން ރާއްޖެ ލޮކްޑައުން އަކަށް ދިއުމުން އިގްތިސޯދީ ގޮތުން ބޮޑެތި މައްސަލަތަކެއް ރާއްޖެ އަށް ދިމާވި އެވެ. ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ ބޮޑު ބައެއް ގެއްލިގެން ދިޔަ އެވެ. މިކަމުގެ ސަބަބުން ސަރުކާރުން ރާވާފައި ހުރި އެތައް މަޝްރޫއެއް މަޑުޖައްސާލަން މަޖުބޫރިވި އެވެ. އޮފީސްތަކުގެ ހިންގުމާއި ތައުލީމީ އިދާރާތަކުގައި ކިޔަވައިދިނުމުގެ އުސޫލު އޮންލައިން ކުރަން ޖެހުނެވެ. ކޮވިޑް 19އާއި ގުޅިގެން ދިމާވީ އިގްތިސޯދީ މައްސަލަތަކާއި ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި މިދިޔަ އަހަރު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ވެސް އެތައް މަހަކަށްް ފަސްކުރަން މަޖުބޫރުވި އެވެ. މިހުރިހާ ކަމަކަށް ފަހު މަޑުމަޑުން ގައުމު ހަމައަކަށް އެޅި އިގްތިސޯދީ އަދި އުމްރާނީ ތަރައްގީގެ އެތައް މަޝްރޫއެއް އެކި ހިސާބުތަކުގައި ދަނީ ހިންގަމުންނެވެ. އެހެންކަމުން މާދަމާ ބާއްވާ އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް ޝިފާޒު ޔަގީންކުރައްވަ އެވެ.
ޝިފާޒު ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީން އިންތިހާބުތަކުގައި ވޯޓު ހޯދަނީ ވަރުގަދަ ކެމްޕޭން ތަކެއް ކޮށްގެންނެވެ. ސަރުކާރުގެ މަޝްރޫއު ތަކަށް އެކަނި ބަރޯސާ ވެގެން ވޯޓް ހޯދުމަކީ އެމްޑީޕީގެ ވިސްނުމެއް ނޫން ކަން ވެސް ފާހަގަކުރެއްވި އެވެ. އަދި އެމްޑީޕީގެ ސަރުކާރެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ކަން އެއީ ރައްޔިތުންނަށް ޔަގީންކަމާ އެކު އެނގޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"މިޕާޓީ ދެއްކީމާ ނޫނީ އިވުނު އަޑެއް ނޫން ނަރުދަމާގެ އަޑަކީ. ތިބޭފުޅުންނަށް ނަރުދަމާގެ އަޑުއިވުނީ މިޕާޓީ އުފަންވީ ފަހުން. އޭރު ނޯންނާނެ ރާއްޖޭގައި މާލެ ނޫނީ ނަރުދަމާއެއް އޮތް ރަށެއް. އެކަމަކު މިއަހަރު ނިމޭއިރު ބޯފެނާއި ނަރުދަމާއެއްގެ ކޮންޓްރެކްޓެއް މަސައްކަތެއް ނުހިނގާ އެންމެ ރަށެއް ނޯންނާނެ މީހުން ދިރިއުޅޭ ރާއްޖޭގައި. އެހާ ވަރަށް ސަރުކާރުގެ މަސައްކަތްތައް ރާވާލެވި އަޅުގަނޑުމެންނަށް ކުރިއަށް އެބަގެންދެވޭ." ސަރުކާރުގެ މަޝްރޫއުތައް ބާރަށް ކުރިއަށްދާ ކަން ފާހަގަކުރެއްވި އެވެ.
ޝިފާޒު ވިދާޅުވީ އެމްޑީޕީ އަކީ "ހިޔާލީ ފޮލައެއްގައި ތިބަ ބައެއް ނޫން" ކަން ރައްޔިތުންނަށް މިހާރު އެނގޭ ކަމަށެވެ. އެހެންކަމުން މާދަމާގެ އިންތިހާބުގައި ރައްޔިތުންގެ އަތަށް ވޯޓް ކަރުދާސް ކޮޅު ދިނުމުން އެމްޑީޕީގެ ތިލަފަތަށް ނޫން އެއްޗަކަށް ވޯޓް ނުދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
މަޖިލީހާއި ސަރުކާރުގެ މެޖޯރިޓީއާ އެކު ކައުންސިލްތައް ވެސް ބޭނުން
އެމްޑީޕީން އަބަދުވެސް ދައުވާކުރާ ގޮތުގައި ލާމަރުކަޒީ ނިޒާމަކީ އެޕާޓީން ރާއްޖެ އަށް އުފަންކުރުވި ނިޒާމެކެވެ. އެކަން ކުރީ ކޮންމެ ރައްޔިތަކަށް ވެސް އެ ރައްޔިތަކު ދިރިއުޅޭ ސަރަހައްދުން ހުރިހާ ފަސޭހަތަކަކާ މަންފާ ތަކެއް ހޯދައިދިނުމަށެވެ. މައި ސަރުކާރަށް ބަރޯސާ ނުވެ ރައްޔިތު މީހާ ބާރުވެރިކުރުވުމަށެވެ. ޝިފާޒު ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުންގެ ޝައުގުވެރިކަން އެމްޑީޕީ އަށް ލިބުނީ ވެސް އެމަސައްކަތް ފެށުމުންނެވެ. ގާނޫނުއަސާސީގެ އެއް ބާބުގެ ގޮތުގައި ލާމަރުކަޒީ ނިޒާމަކުން ދައުލަތް ހިންގަން ލިޔުނީ ވެސް އެމްޑީޕީ އެވެ. އެއީ އެެމްޑީޕީން އަބަދުވެސް ބުނާ ވާހަކަ އެކެވެ. އެކަން އެމްޑީޕީން ކުރީ އޭރު ހާއްސަ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މަދު މެންބަރުންކޮޅެއްގެ ބުރަ މަސައްކަތުން ކަމަށް އެޕާޓީން ދެކެ އެވެ. ގާނޫނުއަސާސީން ލިބުނު ފުރުސަތުގެ ތެރެއިން ލާމަރުކަޒީ ގާނޫނު 2010 ވަނަ އަހަރު ފާސްކުރީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ދުވަސްވަރު އެވެ. މަޖިލީހުގައި އެމްޑީޕީގެ އަގުލަބިއްޔަތެއް ނެތުމުން އޭރު އެ ގާނޫނު ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެކަމަކު އެމްޑީޕީން އޭރު ބޭނުންވީ މިނިޒާމު ވުޖޫދަށް ގެންނަން ކަމަށްވާތީ އެ ޕާޓީން އެގޮތަށް ރުހުނީ ކަމަށް ޝިފާޒު ވިދާޅުވެ އެވެ.
އޭގެ ދުވަސްކޮޅެއް ފަހުން އެމްޑީޕީގެ ވެރިކަން ނިމި އަލުން އެމްޑީޕީގެ ވެރިކަމެއް ގާއިމުވެފައި މިވަނީ ހަތް އަހަރު ފަހުންނެވެ. އަލުން ވެރިކަން ލިބުމުން އެމްޑީޕީން ދެން މަސައްކަތް ކުރީ ބޮޑު އަގުލަބިއްޔަތަކުން މަޖިލީހުގެ މެޖޯރިޓީ ނެގުމަށެވެ. އެމްޑީޕީން އެކަން ވެސް ކޮށްފި އެވެ. އެހެންކަމުން ސަރުކާރާއި މަޖިލިސް ލިބުމާ އެކު އެމްޑީޕީގެ ބާރު އޮތް ސަރުކާރާއި މަޖިލީހުން އެންމެ ބޮޑު އިސްކަންދީގެން އެންމެ ފުރަތަމަ ކުރި ކަމަކީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ކައުންސިލް ތަކަށް ބާރުވެރިކަން ދިނުމެވެ. އެމްޑީޕީން ކޮންމެ ކައުންސިލް އިންތިހާބަކަށް ނިކުންނަނީ އާ ޝިއާރެއް ކަނޑައަޅައިގެންނެވެ. ނަމަވެސް އެމްޑީޕީގެ ލާމަރުކަޒީ ސިޔާސަތާއި، އަސާސްތަކަށް ބަދަލު ނުގެންނަ ކަމަށް ޝިފާޒު ވިދާޅުވި އެވެ. އެހެންކަމުން ކައުންސިލްތައް ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް އެމްޑީޕީން ކުރި މަސައްކަތް ފުރިހަމަ ވާނީ ކައުންސިލްތަކުގެ އަގުލަބިއްޔަތު ލިބި އާބާރުތަކާ އެކު މިނިޒާމަށް އަމަލުކުރަން އެމްޑީޕީއަށް ފުރުސަތު ދީގެން ކަމަށް ޝިފާޒު ގަބޫލުކުރައްވަ އެވެ. އެމްޑީޕީގެ ސަރުކާރެއް ގާއިމުކުރުމަށާއި މަޖިލިސް ހޯދުމަށް ކުރި މަސައްކަތާ އެކު މުޅި ނިޒާމު ވަށާޖެއްސޭނީ ލާމަރުކަޒީ ފިކުރު އުފަންކުރުވި ޕާޓީއަށް އެ ނިޒާމު ހިންގަން ރައްޔިތުން ހަވާލުކުރުމުން ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕޮލިސީގައި މިއީ އެކަތި އަނެކެއްޗާ ނުގުޅި އިންނަ އެއްޗެއް ނޫން. އެހެންވީމާ މި ފުރިހަމަ ވަނީ މި ތިން އިންތިހާބު [ރިޔާސީ އިންތިހާބު، އާންމު އިންތިހާބު، ކައުންސިލް އިންތިހާބު] ގައި އިންތިހާބުވާ މީހުން އެކީގައި މަސައްކަތް ކުރަން ފުރުސަތު ލިބުނީމާ. މި ތަންފީޒު ކުރަން މިކަން ނުދަންނަ ބަޔަކު އައިސްގެނެއް އަޅުގަނޑުމެން މިއެދޭ ހިސާބަކަށް ނުދެވޭ. އެއީ މިއިންތިހާބު އެމްޑީޕީއަށް މުހިއްމުވާ ސަބަބަކީ،" ކައުންސިލް އިންތިހާބު ބޭނުންވާ ސަބަބު ވިދާޅުވި އެވެ.
ހިޔާލުތަފާތުވެ ދުރުގައި ތިބި ޕާޓީގެ މެންބަރުންގެ ވޯޓު ހޯދުން
އެމްޑީޕީ އަކީ އެންމެ ގިނަ މީހުން ހިމެނޭ ސިޔާސީ ޕާޓީއަށް ވެފައި ހާމަކަން ބޮޑުކޮށް ކަންކަން ކުރާ ޕާޓީއެކެވެ. އެހެންވެ އެޕާޓީގައި ހިޔާލުތަފާތުވުން އުފެދުމުން އެކަން ފަސޭހައިން އެނގެ އެވެ. އެކަމަކު އެމްޑީޕީން ދެކޭ ގޮތުގައި އެޕާޓީގެ މެންބަރުންނަކީ މައްސަލައެއްގައި ހިޔާލުތަފާތުވުމުން އެކަމެއް އަމިއްލަ އަށް ހައްލުކޮށް ޕާޓީ އައިގެން ކުރިއަށްދާ ބައެކެވެ. ޝިފާޒު ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީގައި ގިނަ ބަޔަކު އުޅެނީ ވެސް އެޕާޓީ އަކީ ހިޔާލުފާޅުކުރުމުގެ ހައްގު ހޯދައިދިން ޕާޓީ އަށް ވާތީ އެވެ. އެކަމަކު ޕާޓީގެ އުސޫލުތަކާއި އަސާސްތައް ގެއްލޭ ގޮތަށް ބައެއް މެންބަރުންނަށް އަމަލުކުރެވޭ ކަންވެސް ފާހަގަކުރެއްވި އެވެ. އިންތިހާބެއްގައި ވޯޓު ހޯދަންޖެހިފައިވީ ނަމަވެސް ޕާޓީގެ އުސޫލުތަކާ ހިލާފަށް ކަންކަން ކުރާނަމަ އުސޫލުތަކުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. އެއީ އަމިއްލަ މަސްލަހަތަށް ވުރެ ޕާޓީގެ މަސްލަހަތު އިސްކުރަންޖެހޭތީ އަޅާ ފިޔަވަޅެއް ކަމަށްވެސް ވިދާޅުވި އެވެ.
"[ފިޔަވަޅު އަޅާ މީހުން] އޭނާ ވޯޓްލާން ގޮސްފައި އޭނާ އަށް ތިލަފަތް ފެނުނީމާ އޭނާގެ ވެސް މުޅި ހަޔާތް އޭނާވެސް ކުރި ބުރަ މަސައްކަތް މިއީ. ދެން އޭތި ބަޅު ރުކަކަށް ބަދަލުވާނެ ގޮތް ވުން. އަޅުގަނޑެއް ނުދަންނަން އިންސާނުންނަށް އެހެންވާ ކަމެއް،" އިތުބާރާ އެކު ޝިފާޒު ވިދާޅުވި އެވެ.
ތަޖުރިބާކާރު ވާދަވެރި ކެންޑިޑޭޓުގެ ބަދަލުގައި އަނަސް ހޮވަންވީ ކީއްވެ
ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ފޯރިގަދަ ކޮށް ފެންނަނީ މާލޭގެ މޭޔަރުގެ ގޮނޑި އެވެ. މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމުން ނެރެފައިވަނީ ހަތް އަހަރު ވަންދެން ހައުސިން މިނިސްޓަރު ކަން ކުރައްވާފައިވާ ޑރ. މުހައްމަދު މުއިއްޒު އެވެ. އޭނާ ވަނީ ރައީސް ޔާމީނާއި ރައީސް ވަހީދުގެ ސަރުކާރުގައި ވެސް ހައުސިން މިނިސްޓަރު ކަން ކުރައްވާފަ އެވެ. ސަރުކާރުގެ ހިދުމަތުގައި، ހިންގުމުގައި ގިނަ ތަޖުރިބާތަކެެއް ހޯއްދެވި އެވެ. ވެރިކަން ކުރާ އެމްޑީޕީން ނެރެފައިވަނީ ގާނޫނީ ވަކީލެއް ކަމުގައިވާ އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު އެވެ.
އެމްޑީޕީގެ ނައިބް ރައީސް ޝިފާޒު މި ދެ ބޭފުޅުންގެ ތަޖުރިބާ މާނަކުރާ ގޮތާއި މިނާ ގޮތް ވެސް ތަފާތެވެ. އޭނާގެ ނަޒަރުގައި މާލޭގެ މޭޔަރު ކަމަށް އަނަސް ހޮވަން އެމްޑީޕީން ނިކުމެ ތިބީ އެއީ ލާމަރުކަޒީ ނިޒާމު ގަބޫލުކުރާ އަދި އެ ނިޒާމަށް ފަރިތަ ބޭފުޅަކަށް ވާތީ ކަމަށެވެ. އެމްޑީޕީ އަށް އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ވަގުތު އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި ހުންނަވައިގެން ޕާޓީ ކޮޅަށް ޖަހައި ހިންގެވީ އަނަސް ގާބިލްވުމުން ކަމުގައި ޝިފާޒު ވިދާޅުވި އެވެ.
"އަނަސްގެ ތަޖުރިބާ އަކީ އަނަސްގެ ޕާޓީ އަކީ ލާމަރުކަޒު ޕާޓީ ވީމާ. މިޕާޓީ އުފަންކުރުވި ވިސްނުމެއް އުފަންކުރުވި ފިކުރެއް މިޕާޓީ ކުރި މަސައްކަތެއް، މިޕާޓީގެ މަސައްކަތެއް ކުރަން އަނަސް އެ ވަޑައިގަންނަވަނީ. މި ޕާޓީން މިކަން ކުރަން ދަންނަނީ. ދެން އަނަސްގެ ނެތް ތަޖުރިބާއެއް ވަކި އަޅުގަނޑެއް ގަބޫލެއް ނުކުރަން ދެން ހުންނެވި ބޭފުޅެއްގެ ހުރި ކަމަކަށް ވެސް،" ޑރ. މުއިއްޒުގެ ގާބިލްކަމާ ދޭތެރޭ ސުވާލު އުފައްދަވަމުން ޝިފާޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި މާލެ އަށް ހެދި ދެރަ ގޮތްތަކާއި، މާލެ ސިޓީ ކައުންސިލްގެ ބާރުތައް ނަގާ އެތަން ކުޑަކޮށްލި ހަނދާން ދިވެހި ރައްޔިތުންގެ ހިތްތަކުގައި އަބަދުވެސް ހުންނާނެ ކަމުގައި ޝިފާޒު ދެކެވަޑައިގަންނަވަ އެވެ. އެހެންކަމުން މާލޭގެ ރައްޔިތުން އަނަސް ނޫން ބޭފުޅަކު އިހްތިޔާރު ނުކުރާނެ ކަމުގައި ވެސް ޝިފާޒް ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުން ވޯޓްލާން ދިއުމަށް ތައްޔާރުވަމުންދާއިރު ދޭން އޮތް މެސެޖަކީ ކޮބައިތޯ؟
އެމްޑީޕީގެ ބައެއް މެންބަރުގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ހުއްޓަސް ތިލަފަށް ވޯޓު ދެއްވުމަށް ޝިފާޒު ވަނީ އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ވެސް އިލްތިމާސްކޮށްފަ އެވެ. އެމްޑީޕީން 14 އަހަރު މަސައްކަތް ކޮށްގެން ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނެސްދެވިފައިވާ ވަގުތުގައި އެމްޑީޕީގެ މެންބަރުން އެ ނިޒާމު ހިންގުމާ ހަވާލުމަށްވެސް އެދިވަޑައިގެންނެވި އެވެ.
"އެހެންވީމާ އެ ޖާގަ އަޅުގަނޑުމެންނަށް ލިބިފައި އޮތް ވަގުތު އަޅުގަނޑުމެންގެ އަތުން މީތި ދޫކޮށްލާކަށް ނުވާނެ. އެހެންވީމާ މާދަމާ ހުރިހާ ބޭފުޅުން ނިކުމެވަޑައިގެން ތިހުރި ހުރިހާ ކަމެއްގެ ތެރޭގައި ވެސް ގޮސް ތިލަފަތަށް ވޯޓް ޖައްސަވާ،" ޝިފާޒު ވިދާޅުވި އެވެ.
ކޮވިޑްގެ މިދިޔަ އުދަގޫ ދުވަސްތަކުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސަރުކާރާއި އަދި އެމްޑީޕީ ފަހަތަށް ޖެހިފައި ނުވާ ކަންވެސް ޝިފާޒު ފާހަގަކުރެއްވި އެވެ. އެހެންކަމުން އޭނާ އެދިވަޑައިގަތީ މި އިންތިހާބުގައި އެމްޑީޕީއަށް ބޮޑު އަގުލަބިއްތެއް ދިނުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.