ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

"ނަތީޖާ ނެރެދޭން އަނަސް ތައްޔާރު"

އެމްޑީޕީން މާލޭގެ މޭޔަރު ކަން ބޭނުންވަނީ މާލެ އަކީ ރާއްޖޭގެ ކެޕިޓަލް ސިޓީ އަށް ވާތީ އެވެ. ސަރުކާރާއި މަޖިލީހުގައި އެޕާޓީގެ ފުރިހަމަ ބާރުވެރިކަން އޮތުމުން ވެރިރަށް މާލެއަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެމްޑީޕީން ބޭނުންވެ އެވެ. މާލޭގައި ހުރި މައްސަލަތައް ހައްލުކުރުން އެއީ އެމްޑީޕީގެ އެންމެ ބޮޑު އެއް އަމާޒެވެ. އެހެންކަމުން މާލޭގެ މޭޔަރު ކަމުގައި އެމްޑީޕީގެ ބޭފުޅަކު އިންނެވުމަކީ އެޕާޓީން އަބަދުވެސް އެދޭ ކަމެކެވެ. އެއީ ޕާޓީގެ ތަސައްވުރާއި މެނިފެސްޓޯއާއި އެއްގޮތަށް މާލޭގެ މައްސަލަތަކަށް އަވަސް ހައްލުތަކެއް ހޯދުމުގެ ބޭނުމުގަ އެވެ. އެމްޑީޕީން މާލެއަށް ހާއްސަކޮށްގެން އެކުލަވާލި މެނިފެސްޓޯ ހަވާލުކޮށްފައި މާލޭގެ މޭޔަރު ކަމަށް އެޕާޓީން ނެރެފައި ހުރީ އަނަސް އަބްދުއްސައްތާރެވެ. ތައުލީމީ ޒުވާން ބޭފުޅެކެވެ. އެމްޑީޕީއަށް އުދަގޫ ދުވަސް ތަކަކު އެޕާޓީގެ ސެކްރެޓަރީ ޖެނަރަލްގެ ގޮތުގައި ހުންނަވައިގެން ޕާޓީ ހިންގީ އޭނާ އެވެ.
އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުގައި އަނަސް ވަނީ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވި ސަބަބުތައް ހިއްސާކުރައްވާފަ އެވެ. މާލޭގެ ރައްޔިތުންނަށް ހިދުމަތްކޮށް ދެއްވަން ބޭނުންވާ ގޮތްތައް އޮޅުންފިލުއްވައިދެއްވާފަ އެވެ. އޭނާ އަށް ވޯޓް ދޭން ޖެހޭ ސަބަބުތައް ތަފްސީލްކޮށްދެއްވާފަ އެވެ.

ފޯރިގަދަ ކެމްޕޭނަކަށްފަހު ހޮނިހިރު ދުވަހު ރައްޔިތުން ވޯޓްލާން ނިކުންނައިރު އަނަސްގެ ކެމްޕޭން މިހާރު ގޮސްފައިވާ ހިސާބެއް އޮޅުންފިލުއްވައިދެއްވިދާނެތޯ؟

އެނގިވަޑައިގަންނަވާނެ އެމްޑީޕީ އަކީ އަބަދުވެސް ތަފާތުކޮށް ކެމްޕޭން ކުރިއަށް ގެންދާ ޕާޓީއެއް. ޕާޓީގެ ގިނަ ސަޕޯޓަރުންނާ އެކު ފޯރިގަދަކޮށް ކުރިއަށް ގެންދާ ކެމްޕޭނެއް. ކޮވިޑާއި ގުޅިގެން އަޅުގަނޑުމެން މިޖެހުނީ ތަފާތު ގޮތަކަށް މިފަހަރު ކެމްޕޭން ކުރަން. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ފިޔަވަޅުތަކެއް އަޅައިގެން އަޅުގަނޑުމެންގެ ކެމްޕޭން ކުރިއަށް މިގެންދިޔައީ. މިދަތިތަކާއި ގޮންޖެހުންތަކާ އެކު ވެސް ކެމްޕޭން ވަރަށް ފޯރިއާ އެކުގައި ކުރިއަށް ގެންދެވިއްޖެ. ކެމްޕޭން ނިމުމާ ގާތްވެފައިވާތީ މިހާރު މިގެންދަނީ ކޯލް ސެންޓަރުތަކުން ގުޅުމާއި ދޮރުންދޮރަށް ހިނގުމުގެ މަސައްކަތް. އަޅުގަނޑުގެ މި ކެމްޕޭންގައި މާލެ ސިޓީގައި އެއްވެސް ގޮތަކުން ނުގުޅޭ އެއްވެސް މީހަކު ނުހުންނާނެ. ގޮންޖެހުންތަކާ އެކު ވެސް ކެމްޕޭންގައި ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖުތައް ވާނީ ފޯރުކޮށްދެވިފައި. އަޅުގަނޑުމެން ކައުންސިލުން ކޮށްދޭނެ ކަންކަން ތަފާތު ޕްލެޓް ފޯމްތަކުގައި އަޅުގަނޑުމެން ވާނީ ހިއްސާކޮށްފައި. ގޮންޖެހުމާ އެކު ވެސް ވަރަށް ފުރިހަމަ އަށް ކެމްޕޭން ކުރިއަށް ގެންދެވުނު ކަން މިއީ ފެންނަން އޮތް މަންޒަރެއް.

މާލޭގެ މޭޔަރަކީ ވަރަށް ގިނަ ޒިންމާތަކާއި ބާރުތަކެއް ލިބިވަޑައިގަންނަވާނެ ބޭފުޅެއް. އެފަދަ މަގާމަކަށް ތައުލީމާއި ތަޖުރިބާ ވަރަށް މުހިއްމު. އަނަސްއާ ބަލާއިރު ވާދަވެރި ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުއިއްޒުގެ ތައުލީމާއި ތަޖުރިބާ ބޮޑު. އެއީ މިއިންތިހާބު ކާމިޔާބު ކުރުމަށް އަނަސްއަށް ކުރިމަތިވެދާނެ މައްސަލަ އަކަށް ނުވާނެތޯ؟

ސިޔާސީ މައިދާނުގައި އަޅުގަނޑު މެން ދެމީހުންނަށް ވެސް ކުރެވިފައި ހުރި މަސައްކަތުގައި ނަތީޖާ އަދި އަމާޒަށް ދެވިފައި ހުރި މިންވަރަށް ބެލީމާ ތިސުވާލުގެ ޖަވާބު ލިބޭނެ. އަޅުގަނޑުގެ ރެކޯޑް ފެންނާނެ. ތިވިދާޅުވިހެން ވޭތުވެދިޔަ ފަސް އަހަރު އަޅުގަނޑު މިއީ އެމްޑީޕީގެ އެސްޖީގެ މަގާމުގައި ވަރަށް ގޮންޖެހުން ބޮޑު ދުވަސްކޮޅެއްގައި ހުރި މީހެއް. އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެސްޖީގެ މަގާމާ ހަވާލުވެވަޑައިގެންތާ ކުރީކޮޅު ރައީސް ނަޝީދު ހައްޔަރުކުރި. ނުހައްގުން ޝަރީއަތް ކުރައްވާ ޖަލަށްލެވުނު. އެހެންނަމަވެސް އޭގެފަހުން މިނިވަންކުރުމުގެ މަސައްކަތްތަކެއް ކުރެވި އެކަން ކާމިޔާބު ކުރެވުނު. ދެން އައީ، ފެނިގެން އައީ ސިޔާސީ ވާދަވެރި ފަރާތްތައް ހިފާ ހައްޔަރުކުރުމުގެ މަސައްކަތްތައް، އެއްވެސް އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގު ހިފެހެއްޓުން. މިހެން ގޮސް ބައިވަރު މިނިވަންކަން، އަސާސީ ހައްގުތައް ހަނިކުރެވިގެން ނިގުޅައިގަނެވިގެން ދިޔަ މަންޒަރު އަޅުގަނޑުމެންނަށް ފެނުނީ. އަދި އޭރު އެމްޑީޕީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ، މިދެންނެވި ހައްގުތައް ނެގެހެއްޓުމާއި ރައްކާތެރިކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވިގެން ދިޔަ.

ހާއްސަކޮށް އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅުއްވާ އެކަންކަން ތަންފީޒު ކުރުމަށްޓަކައި އެންމެ އިސްކޮށް ހުންނެވި އެއް ފަރާތަކީ އަޅުގަނޑުގެ ވާދަވެރިޔާ. އެއީ އޮޅުވާލެވޭނެ ހަގީގަތެއް ނޫން. އެކަމަކަށް މަތީ ތައުލީމާ ތަޖުރިބާ ބޭނުމެއް ނުވޭ. އަސާސީ ހައްގެއް ހަނިކޮށް ނިގުޅައިގަތުމަށްޓަކައި މަތީ ފާހެއް އޮތަސް ނެތަސް އެކަމަކީ ވަރަށް ވިޔާ ނުދާ ކަމެއް. އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ވެސް ނޫން. އަދި އެއީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ކަމެއް. އަސާސީ ހައްގުތައް މިރާއްޖޭގެ ތާރީހުގައި އެންމެ ބޮޑަށް ހަނިކުރި ސަރުކާރުގައި އެކަން ތަންފީޒު ކުރަން އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅެއް އަޅުގަނޑުގެ ވާދަވެރިޔަކީ. އަޅުގަނޑަކީ އެއާ ދެކޮޅަށް، އެ ހައްގުތައް ނެގެހެއްޓުމަށް މަސައްކަތް ކުރި މީހެއް. ސިޔާސީ ހަރަކާތްތައް ހިންގުމަށް އޭރު ކާނިވާ ސަރަހައްދު ހޯދަން ވަރަށް މަސައްކަތް ކުރެވުނު. އެތަން ދޫކުރަން ހުއްދަ ދޭން ހައުސިން މިނިސްޓްރީގައި ހުންނެވީ އަޅުގަނޑގެ ވާދަވެރިޔާ. ހުއްދަ ނުދީގެން އަޅުގަނޑުމެން ގޮސް އެމިނިސްޓްރީގައި ނުނިކުމެ ތިބިން. އެހެން ތިބީމާ ހުއްދަ ދީފައި އެކަމަކު ވަގުތު ޖެހޭއިރު އޮންނަނީ ހުއްދަ ބާތިލްކޮށްފައި. އެކަން ކުރީ އަޅުގަނޑު ވާދަވެރިޔާ. ރައްޔިތުންގެ ހަނދާނުން އަޅުގަނޑުގެ ވާދަވެރިޔާ އެ އަމަލުތައް ފިލައިގެން ނުދޭ.

އެމްޑީޕީގެ ރޭވިގެން ސިޔާސީ ހަރަކާތް ހިންގާ ޖަގަހަތައް އޮފީސް ތައް އެއީ ވަރަށް މުހިއްމު ތަނެއް. އެމްޑީޕީގެ މާލޭގެ ޖަހަގަ މިހުންނަނީ އާޓިފިޝަލް ބީޗް ކުރިމަތީގައި. އެންމެ ގިނަ ވާދަވެރި ހަރަކާތްތައް ހިންގީ އެތަނުގައި. އެހެންނަމަވެސް އަޅުގަނޑުގެ ވާދަވެރިޔާ ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން އެތަން ދައުލަތަށް ނަގާނެ ކަމުގެ އިންޒާރު ދިން. އެ ސިޓީ ލިބުނީވެސް އަޅުގަނޑު އަތަށް އޭރު. އެ ސިޓީގައި އޮންނަނީ އެމްޑީޕީގެ ޖަގަހަ ދައުލަތަށް ނަގަންޖެހިދާނެ ކަމަށް. އެހެންވީމާ އަޅުގަނޑުގެ ވާދަވެރިޔާ އެއީ ކިތަންމެ މަތީ ފާހެއް ނަގައިގެން ހުންނެވި ބޭފުޅަކަށް ވިޔަސް އަސާސީ ހައްގުތައް ނިގުޅައިގަތުމަށް މަސައްކަތް ކުރެއްވި ބޭފުޅެއް. މާލޭގެ އެތައް ރައްޔިތެއް ބޯހިޔާވަހިކަމުން މަހްރޫމްކުރި. މާލޭގައި ހިނގާ ބިގާވެ އުޅޭ ފަރާތްތަކަށް އެހާ ދަތިކުރި. ރައްޔިތުންގެ ފައިސާ އިން ކުރި ކަމެއް ރަނގަޅު ކުރަން ތަކުރާރުކޮށް އެކަމެއް ކުރަންޖެހުނު ރައްޔިތުންގެ ފައިސާއިން. މާލޭގައި ނެރެއް ކަނޑައިގެން އެތައް ގިނަ ގުނަ ދޯންޏަކަށް ލޯންޏަކަށް ގެއްލުންތަކެއް ވެގެން ދިޔަ. އެހެންވީމާ ކިތަންމެ މަތީ ފާހެއް އޮތަސް އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައިވަނީ މިހާތަނަށް ހައްގުތައް ހަނިކޮށް އެކަން ތަންފީޒުކުރުމަށްޓަކައި ހުންނެވި ފަރާތެއްގެ ގޮތުގައި [ވާދަވެރިޔާ]. މާލޭއަށް އެތައް ގިނަ ގެއްލުންތަކެއް ދެއްވާފައި ހުރި ފަރާތެއްގެ ގޮތުގައި.

އަނަސްގެ މެނިފެސްޓޯ އެކުލަވާލެއްވުމުގެ ކުރިން މާލޭގެ ރައްޔިތުންގެ ގާތަށް ވަޑައިގަތުމުން ރައްޔިތުން ފާހަގަކުރި އެންމެ ބޮޑެތި މައްސަލަތަކަކީ ކޮބައިތޯ؟ އަދި އެ މައްސަލަތައް ހައްލުކުރަން ވިސްނަވާ ގޮތަކީ ކޮބާ؟

މެނިފެސްޓޯ ހަދަނީ ރައްޔިތުން ގާތަށް ގޮސް ރައްޔިތުންގެ ކަންބޮޑުވުން އަޑުއަހައިގެން. އަޅުގަނޑުމެން އިސްކަންދެނީ ބޯހިޔާވެހިކަމަށް. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ސިޔާސަތެއް ހާއްސަކޮށްގެން އެންމެ ފުރަތަމަ އެކަން ފެށީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި. އެ ސިޔާސަތުގެ ދަށުން ހައްގުވެރި އެތައް ފަރާތަކަށް ދީފައިވާ ބޯހިޔާވަހިކަމުގެ އެތައް ފުރުސަތެއް ދެން އައި ސަރުކާރުތަކުން ވަނީ ނިގުޅައިގެންފަ. މިކަމުގައި ވެސް އިސްކޮށް ހުންނެވީ އަޅުގަނޑުގެ ވާދަވެރި ފަރާތް.

އެބޭފުޅުން ދެހާސް ބާރައިން ފެށިގެން މިއަދާ ހަމައަށްވެސް މަހުރޫމް ކުރުމުން މާލޭގެ ރައްޔިތުން އެތިބީ މަގުމަތީގައި. ހައްގުވެރިންނަށް ބޯހިޔާވަހިކަމެއް ދެވުނު ނަމަ މިހާރުގެ ހާލަތަށް އެއްވެސް ކަމެއް މާލޭގައި ނުދާނެ. މައްސަލަތައް ހައްލުކޮށްދޭން އަލުން ސަރުކާރާ ހަވާލުވެފައި މިތިބީ އަޅުގަނޑުމެން ބައިވެރިވާ ސަރުކާރެއް. އެމްޑީޕީގެ ފުރަތަމަ ސަރުކާރު އޮތް ވަރަށް ވުރެ މިހާރު ބޯހިޔާވަހިކަމުގެ ހާލަތު ގޯސްވެފައި ތިބި ރައްޔިތުންތަކެއް މާލޭގައި އެބަތިބި. ގާތްގަނޑަކަށް 3000 ވަރަކަށް އެފަދަ އާއިލާ ތިބި ފާހަގަކުރެވިފައި.

އެކަން ހައްލުކުރަން ގަސްދުކުރަނީ މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް ކައުންސިލް ހައުސިން ޔުނިޓްތަކެއް ހަދަން. ސަރުކާރުން މިހާރު އެބައޮތް އިއުލާންކޮށްފައި އެފަދަ ޔުނިޓްތަކެއް ހަދާފައި ސިޓީ ކައުންސިލާ ހަވާލުކުރާނެ ކަމަށް. ދިރިއުޅުމުގެ ހާލަތު އެންމެ ގޯސް މީހުންނަށް މިބުނާ ފްލެޓްތައް ކުޑަ ކުއްޔަކާ އެކު ހަމަޖައްސައި ދޭން އަޅުގަނޑުމެން މިއުޅެނީ. މިދަންނަވާ މީހުންނަކީ އާއިލާގެ އެންމެންގެ އާމްދަނީ އެއްކޮށްލުމުން 17،000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އާމްދަނީއެއް ލިބޭ މީހުން. މިދެންނެވި ފަދަ ހާލަތްތަކުގައި ތިވި ފަރާތްތަކަށް ދައުލަތުން ކޮންމެވެސް އެހީވާން ޖެހޭ ހާލަތުން އަރައިގަތުމަށްޓަކައި. ސަރުކާރުން ދެން ކުރިއަށް ގެންދާ ހައުސިން ސްކީމެއްގެ ތެރެއިން އެބޭފުޅުންނަށް އަގުހެޔޮކޮށް ފްލެޓެއް ލިބެންދެން ކުރިން ބުނި ކައުންސިލް ހައުސިން ޔުނިޓްތަކުގައި ރަމްޒީ ކުއްޔެއް ދައްކަވައިގެން އެ ބޭފުޅުންނަށް ތިބެވޭނެ. އެކަމަކު މިދަންނަވާ ކައުންސިލް ފްލެޓް ތަކަކީ އެއްވެސް ބަޔަކަށް މިލްކުކުރެވޭނެ ފްލެޓްތަކެއް ނޫން. މިދަންނަވާ ފްލެޓްތަކަށް އަބަދުވެސް އަންނާނީ އެންމެ ނިކަމެތިން.

ކައުންސިލް ފްކެޓްތަކާ ސިޓީ ކައުންސިލުން ހަވާލުވުމަށްފަހު ރައްޔިތުންގެ ހާލަތު ބަލާފައި މި ފްލެޓްތަކަށް މީހުން ވައްދާނީ ސިޓީ ކައުންސިލުން. އަޅުގަނޑުގެ ވާދަވެރިޔާ އަކީ ހާލަތު ބަލައިގެން ރައްޔިތުންނަށް ފްލެޓް ދިން ބޭފުޅެއް ނޫން. ފާހަގަވި ކަމެއް އެއީ މި ބޭފުޅުން ފްލެޓް ލިސްޓް އާންމުކުރި އިރު ލިބުނު މީހުންގެ ނަންވެސް ލިސްޓްގައި ނުޖަހާ ހުރީ. އޭރުވެސް އަޅުގަނޑުމެން އެދުނިން ފްލެޓް ލިސްޓްގައި ނަންތައް ހާމަކުރަންޖެހޭނެ ކަމަށް. މަޖިލީހަށް ވެސް އަޅުގަނޑުމެން އޭރު އެމައްސަލަ ވެއްދިން. މިހާރު އަޅުގަނޑުމެންނަށް އެބަ އެނގޭ ގާތް މީހުންނަށް އާއިލާ މީހުންންނަށް ސަރުކާރުގެ ޕާޓީގެ އިސް މީހުންނަށް ފްލެޓްތައް ބަހާލާފައި ހުރި ގޮތް.

ކުރިއަށް އޮތް ކައުންސިލަކީ މިދެންނެވި ބޯހިޔާވަހިކަމުގެ ބޮޑު މައްސަލަ ހައްލުކުރަން އިންތިހާބު ކުރާ ކައުންސިލަކަށް ވެގެންދާނެ. އެކަމަކު އަޅުގަނޑުގެ ވާދަވެރިޔާ ފަދަ ބޭފުޅަކު މާލޭގެ މޭޔަރު ކަމަށް އިންތިހާބު ކޮށްގެން ރައްޔިތުންގެ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުނުކުރެވޭނެ. އެހެން ނޫނީ އަބަދުވެސް ފެންނާނީ ޕާޓީގެ އިސް މީހުންނަށް، ގާތް މީހުންނަށް ފްލެޓް ބަހާ ތަން. ދެން ވެސް ފެންނަނީ ނަން ނުޖަހާ ނުހައްގުން މީހުންނަށް ފްކެޓް ދޭން މަސައްކަތް ކުރާ ތަން. އެހެންކަމުން މިފުރުސަތު މިއިންތިހާބުގައި ދެވޭކަށް ނެތް. މިއިންތިހާބު ބޮޑު އަގުލަބިއްޔަތަކުން އެމްޑީޕީން ކާމިޔާބު ކުރާނެ.

އިންތިހާބު ވުމަށްފަހު ވައުދުތައް ހަގީގަތަކަށް ހަދައިނުދޭ މައްސަލަ މިއީ ރައްޔިތުން ކަންބޮޑުވުމާ އެކު ފާހަގަކުރާ ކަމެއް. އަނަސްގެ މެނިފެސްޓޯގައި ހުރި ވައުދުތައް ހަގީގަތަކަށް ވާނެ ކަމުގެ ޔަގީންކަންދޭ ސަބަބުތަކަކީ ކޮބައިތޯ؟

އަޅުގަނޑުމެން ދައްކާ ވާހަކަތަކާއި، ސަރުކާރުގެ އަމަލުތަކާއި، މަޖިލީހުން ފާސްކުރާ ބިލްތަކަށް ބެލީމާ އެނގޭނެ އަޅުގަނޑުމެން މިމަސައްކަތް ކުރަނީ ރައްޔިތުންނަށްވީ ވައުދުތައް ފުއްދަންކަން. ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް އަޅުގަނޑުމެން މިމަސައްކަތް ކުރަނީ. މާލެ ސިޓީ އިހްތިސާސްގައި މިއޮތީ މާލެ، ހުޅުމާލެ، ވިލިމާލެ. އަޅުގަނޑު އަބަދުވެސް ބުނަން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ވެސް ހިންގަން ވާނީ މާލެ ސިޓީ ކައުންސިލުން ކަމަށް. އަޅުގަނޑުމެން މި ކެމްޕޭންގައި މި ވާހަކަދެއްކެވި ފަހުން ސަރުކާރުން އެބައޮތް އިންތިހާބަށް ފަހު ހުޅުމާލެ މާލެ ސިޓީ ކައުންސިލާ ހަވާލުކުރާނެ ކަމަށް ބުނެފަ. ކައުންސިލް ފްލެޓް ވާހަކަ އަޅުގަނޑުމެން ދެއްކުމުން ސަރުކާރުން މިހާރު އެބައޮތް ކައުންސިލް ފްލެޓްތަކެއް ހަދާ ސިޓީ ކައުންސިލާ ހަވާލުކުރަން ނިންމާފައި.

އެމްޑީޕީ އަކީ ލާމަރުކަޒީ ނިޒާމު ދަންނަ ބައެއް. އެމްޑީޕީ އަކީ މިނިޒާމަށް ފަރިތަ ބައެއް. އަޅުގަނޑުމެން މި ނިޒާމު ގެނައުމަށްޓަކައި ކަމާ ގުޅޭ ގާނޫނު މަޖިލީހަށް ހުށަހަޅާ ފާސްކުރިން. އެހެންވީމާ މި ނިޒާމަށް ފަރިތަ މީހުންނަށް މިނިޒާމު ނަގަހައްޓާ މީހުންނަށް އެނގޭނީ މިނިޒާމުގެ ތެރެއިން ރައްޔިތުން އެދޭ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން. ވާދަވެރިންގެ ވައުދުތައް ބަލާލީމާ އޮޅޭ ކުރިމަތިލައިގެން އުޅޭ އިންތިހާބާ ދޭތެރޭވެސް. ސުވާލުވެސް އުފެދޭ އެބޭފުޅުންގެ ކެމްޕޭނާ ދޭތެރޭ.

ކައުންސިލްގެ ދައުރަކީ ހަމައެކަނި ލިޔެކިޔުން ހުށަހަޅައިގެން ކަންކަން ކުރުމެއް ނޫން. އެ ކަންކަން ކައުންސިލަށް ލިބިގެންވާ ބާރުގެ ތެރެއިން ތަންފީޒު ވެސް ކުރަންޖެހޭ. މަޖިލީހުން މިވަނީ މިހާރު މިވަނީ ކައުންސިލްތަކަށް ބާރު ލިބޭ ގޮތަށް ބާރުވެރިކަން ދީފަ. ކައުންސިލްތަކަށް މިހާރު މާލީ މިނިވަންކަން އެބައޮތް. ބިޔަ ބޮޑު ބަޖެޓެއް ހޯދޭނެ ގޮތް އެބައޮތް. ރަށްވެހި ހިދުމަތްތަކުން ލިބޭ މަންފާތައް ސީދާ ކައުންސިލަށް ލިބެން އެބައޮތް މިހާރު. ސަރުކާރަށް ކޮންމެ ކަމެއް ހުށަހަޅައިގެން ސަރުކާރުގެ ތެރެއިން ކަންކަން ކުރަން އުޅޭ ކެންޑިޑޭޓަކަށް ކަންކަން ކުރާނެ ގޮތެއް، ފަށައިގަންނާނެ ގޮތެއް ނޭނގޭނެ. ކައުންސިލާ ހަވާލުވެފައި އަޅުގަނޑުމެން ކޮންމެހެން އެންމެ ފުރަތަމަ ބައްދަލުވާންވީ ރައީސުލްޖުމްހޫރިއްޔާ އަކާ ނޫން. ބައްދަލުވާންވީ ސީދާ ރައްޔިތުންނާ. އެއީ އަޅުގަނޑުމެން ހިދުމަތް ދޭން ތިބި ބަޔަކީ ރައްޔިތުން.

އަޅުގަނޑު މާލޭގެ މޭޔަރު ކަމަށް އިންތިހާބު ވެއްޖެނަމަ ކައުންސިލަށް ހޮވުމަށްފަހު އެންމެ ފުރަތަމަ ބައްދަލުވުމުގައި ނިންމާނީ ރައްޔިތުންނާ ބައްދަލުކުރާނެ ދުވަސް. މިބައްދަލުވުމުގައި މާލޭގެ ތަރައްގީގެ ޕްލޭނާއި މާލޭގެ ބިންތަކުގެ މައްސަލަ ހައްލުކުރާނެ ގޮތަކާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ހޯދާނަން. ރައްޔިތުންނާ ގާތުން އަޅުގަނޑުމެން ކަންކަން ކުރާނީ. ލާމަރުކަޒީ ގާނޫނު އެނގޭ ބަޔަކަށް މިކަން ވާނީ. ނިޒާމު ނޭނގޭ މީހުންނަށް މިކަމެއް ނުވެވޭނެ. ކަންކުރާނެ ގޮތެއް އެބޭފުޅުންނަކަށް ނޭނގޭނެ.

މިހާރު މިއޮތް މާލެ ސިޓީ ކައުންސިލްގެ މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އެބަހުރި. މިކަމާ ގުޅިގެން ބައެއް ހިދުމަތްތައް ދިނުމަށް ދަތިތަކެއް ހުރިކަން ބައެއް ކައުންސިލަރުން ފާހަގަކުރައްވާ. މާލޭގެ މޭޔަރު ކަމަށް އަނަސް އިންތިހާބުވެއްޖެ ނަމަ ކައުންސިލަށް ހޮވޭ އެހެން ކައުންސިލަރުންނާ އެކު ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގައި ހުރި ގާބިލް ކަމަކީ ކޮބައިތޯ؟

ސިޔާސީ މީހުންގެ މެދުގައި ހިޔާލުތަފާތުވުން ހުންނާނެ. އެމްޑީޕީގައި ސިޔާސީ ބަހުސް ގިނަވާނެ. އެކަމަކު ހިޔާލުތަފާތުވުންތަކަށް ފަހު އެއްގަލަކަށް ވެސް އަރާނެ. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ހިޔާލުތަފާތުވާ މީހާވެސް އެދެނީ އޭނާގެ ހިޔާލު ކަން. މިކެމްޕޭންގައި ވެސް އަޅުގަނޑުމެންނަށް އެކަން އެބަ ފާހަގަވޭ. މާލޭގެ މޭޔަރު މިފަހަރު މި ހޮވަނީ މާލޭގެ ހުރިހާ ރައްޔިތުންގެ ވޯޓުން. އެހެންވީމާ އެއީ މާލޭގެ ހުރިހާ ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެ ބޭފުޅެއް. މޭޔަރާ އެކު މާލެ ސިޓީ ކައުންސިލަށް އިންތިހާބު ކުރާ 17 ކައުންސިލަރުންނާ އެކު މިހާރު ވެސް އަޅުގަނޑު މިދަނީ ވަރަށް ގާތުން މސައްކަތް ކުރަމުން. ދަތިތައް ހޯދައި ބަލައި ހައްލު ހޯދައިދޭން މިދަނީ މަސައްކަތް ކުރަމުން.

މިހާރުގެ ކައުންސިލްގައި ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް ބިޔަ ދެ މަޝްރޫއެއް މިކައުންސިލުން ވެސް ހިންގައިފި. ސިޔާސީ ހިޔާލީ ތަފާތުވުން އޮތުމަކީ މައްސަލައެއް ނޫން. އެއީ ކަންކަން ހައްލުކުރަން ހެޔޮ ކަމަކަށް ވެސް ވާނެ. ފާރަވެރިވެސް ވެވޭނެ ކަމެއް އެއީ. 2018 ގެ ރިޔާސީ އިންތިހާބަށް ފަހު އޭރުގެ ސަރުކާރުން މާލެ ސިޓީ ކައުންސިލުން ނަގާފައި ހުރި ބާރުތައް މިސަރުކާރު ވެރިކަމަށް އައިސް އިއާދަކޮށްދިނުމުން މިހާރުގެ ކައުންސިލުން ހިންގި ބޮޑު އެއް މަޝްރޫއަކީ ލޮނުޒިޔާރަތް ޕާކް. ހިޔާލުތަފާތުވުންތަކާ އެކު ގެނެސްދީފައި އޮތް ވަރަށް ރަނގަޅު ޕާކެއް އެއީ. މާލޭގެ މަގުތައް ތަނަވަސް ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަސައްކަތް ވެސް އެދަނީ ކުރިއަށް. ހިޔާލުތަފާތުވިޔަސް ކަންކަން ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަކަށް ނުދެކެން. ކަންކަން ކުރެވޭނެ. މަޖިލީހުގައި ވެސް މެޖޯރިޓީ އޮވެ، ހިޔާލުތަފާތުވޭ. އެކަމަކު އެއްގަލަކަށް އަރާ މުހިއްމު މައްސަލަތަކުގައި.

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލާން ތައްޔާރުވަމުންދާއިރު އެމްޑީޕީގެ ވަރަށް ހިދުމަތްތެރި ބޭފުޅުން ޕާޓީއާ ދުރުގައި އެބަތިބި. އިންތިހާބެއް ކާމިޔާބު ކުރުމަށް އެންމެ ވޯޓެއް ވެސް މުހިއްމުވާއިރު ހިޔާލުތަފާތުވުން ހުރި ބޭފުޅުންގެ ވޯޓު ހޯދިދާނެތޯ؟

އެމްޑީޕީއަށް ވަރަށް ގިނަ ދުވަހު ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅުންތަކެއް މިވަގުތު ޕާޓީއާ މެދު ހިޔާލު ތަފާތުވުންތަކެއް ހުރި ކަން އަޅުގަނޑު ގަބޫލުކުރަން. އެބޭފުޅުންގެ ހިޔާލުތަކާއި ކަންބޮޑުވުންތަކަށް އަޅުގަނޑު ފުރިހަމައަށް އިހްތިރާމު ކުރަން. ހިޔާލު ތަފާތުވުން ހުރި ބައެއް ބޭފުޅުންނަކީ އަޅުގަނޑު އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު އަދާކުރެއްވި އުނދަގޫ ދުވަސްތަކަށް ވުރެ، މާއުނދަގޫ ހިތްދަތި މާއުދަނގޫ ދުވަސްތަކެއްގައި ޕާޓީއަށް ބޮޑެތި ގުރުބާނީތަކެއްވެ ވަޑައިގެންނެވި ބޭފުޅުން. "އެބޭފުޅުން ވަނީ މި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި އެމްޑީޕީއާ އެކީގައި ބޮޑެތި ގުރުބާނީތަކެއް ވެފައި. އޭގެތެރެއިން ބައިވަރު ބޭފުޅުން ވަނީ ޖަލުގައި އެތައް މުއްދަތެއް ހޭދަ ކުރައްވާފައި.

އާއިލާއާ ދުރުގައި، ގައުމުން ބޭރުގައި އެތައް އަހަރުތަކެއް ބައެއް ބޭފުޅުން ހޭދަ ކުރެއްވި. ގިނަ ބޭފުޅުންނަކީ އެބޭފުޅުންގެ އަނބިން ނުވަތަ ފިރިން ނުވަތަ ދަރިން ނުވަތަ މައިންބަފައިން ޖަލުގައި ނުވަތަ އެކި އަނިޔާތައް ތަހައްމަލް ކުރި ބޭފުޅުން. އެހެންވީމާ އަޅުގަނޑަށް ޔަގީން އެ ބޭފުޅުން ޕާޓީއާ ދޭތެރޭ، މިކަންކަމާ ދޭތެރޭ ވިސްނަވާނެ. ވިސްނަވާފައި އޭޕްރީލް 10 ވަނަ ދުވަހު އެބޭފުޅުން ނިންމަވާނީ އެންމެ ރަނގަޅަށް ކަމާ ދޭތެރޭ އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން. ޕާޓީއަށްޓަކައި ގުރުބާނީތަކެއްވީ އެފަދަ ބޭފުޅުންނަށް އަޅުގަނޑު އިހްތިރާމު ކުރާތީ އެފަދަ އެއްވެސް ބޭފުޅަކާ ޖަދަލު ކުރެއްވުމުގެ ގޮތުން އެއްވެސް ކަމެއް އަޅުގަނޑު ނުކުރާނަން. އަޅުގަނޑު މިހުރީ ހިޔާލު ތަފާތުންތައް ހައްލު ކޮށްގެން ހުރިހާ ބޭފުޅުންނާ ގުޅިގެން ކުރިއަށް ދިއުމަށް. މާލޭގެ ރައްޔިތުންގެ އިހްސާސްތަކާއި އުއްމީދުތައް އެނގޭނީ އެމްޑީޕީއަށް.

ވޯޓްލާން ނިކުތުމުގެ ކުރިން މާލޭގެ ރައްޔިތުންނަށް ދެއްވަން އޮތް މެސެޖަކީ ކޮބައިތޯ؟

މިފަހަރުގެ އިންތިހާބު ތަފާތު. މުޅި ރައްޔިތުންގެ ވޯޓުން މޭޔަރު މިހޮވަނީ. ލާމަރުކަޒީ ނިޒާމުވެސް ކުރިއަށް ވުރެ ފުރިހަމަ ވާނެ ދެން އަންނަ އިންތިހާބަށްފަހު. ކުރީ ސަރުކާރުން ކައުންސިލްތައް ކުޑަކޮށްލީމާ އަޅުގަނޑުމެންގެ ކޮމިޓީތަކުގައި އެ ކަން ހައްލުކުރާނެ ގޮތްތައް ދިރާސާކޮށް ކުރެވޭނެ ކަންކަން އޭރު ބެލިން. ދެން ވެރިކަމަށް އައިސް އަޅުގަނޑުމެން މަޖިލީހާއި ސަރުކާރުގެ ތެރެއިން އެކަންކަން އިސްލާހުކޮށް ކައުންސިލްތަކަށް އަލުން ބާރުތައް މިދިނީ. ރައްޔިތުންގެ ބާރުވެރިކަން ކައުންސިލްތަކުން ދެން ފެންނާނެ. މޭޔަރަށް މާލޭގެ ވަކި ދާއިރާއެއް މުހިއްމެއް ނުވާނެ. އެ ސަބަބަށްޓަކައި އަޅުގަނޑުމެންނަށް އަޅުގަނޑަށް މިއިންތިހާބު މުހިއްމުވާނެ.

މޭޔަރު ހުންނާނީ ސީދާ ރައްޔިތުންނާ ގުޅިފައި. އެހެންވީމާ މޭޔަރު ކަމަށް އިންތިހާބު ކުރަން މިޖެހެނީ ލާމަރުކަޒީ ނިޒާމު ވެސް ދަންނަ މީހެއް. މި ނިޒާމު ގަބޫލުކުރާ މީހެއް. ރައްޔިތުން ހަނދާން ނުނެތޭނެ މި ސިޓީގެ ބާރުތައް އަތްމައްޗަށް ނަގައިގެން މިސިޓީ ފަނާކޮށްލި ފަރާތުގެ ނަމެއް. ބޯހިޔާވަހިކަމުން މަހްރޫމް ކުރި މީހެއްގެ މަތިން މާލޭ ރައްޔިތުން ހަނދާން ހުންނާނެ. އެފަރާތެއް ފެނުނީމާ މާލޭގެ ރައްޔިތުންނަށް އެނގޭނެ. މާލޭގެ ރައްޔިތުން އިރާދަކުރެއްވިއްޔާ އޭޕްރީލް 10 ވަނަ ދުވަހު ތިލަފަތަށް ވޯޓް ޖައްސަވާނެ. އަޅުގަނޑުމެން މިއިންތިހާބު އިރާދަކުރެއްވިއްޔާ ބޮޑު ތަނުން ކާމިޔާބު ކުރާނަން.