ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންގޮސް ގާނޫނުއަސާސީން ލިބިދޭ އަދި ހިފަހައްޓާފައި ހުރި ހުރިހާ ހައްގުތަކެއް އިއާދަކުރަން އެމެރިކާ އިން ގޮވާލައިފި އެވެ.
އިއްޔެގެ ތާރީހުގައި އެމެރިކާއިން ނެރުނު ކުރު ބަޔާނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ހާލަތާމެދު ކަންބޮޑުވާ ކަމަށާއި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމާއި އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގެ ހައްގުގެ އިތުރުން، ގާނޫނާ ހިލާފަށް މީހުން ހައްޔަރުކުރުމާއި ޒާތީ ދިރިއުޅުމަށް އަރައިގަތުމުން ރައްކާތެރިކޮށްދޭ އުސޫލުތައް ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ހިފެހެއްޓިފައިވާ ކަމަށެވެ.
އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން މަދަނީ އަދި އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ހަނިވެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެމެރިކާ އިން ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އިހުތިރާމް ކުރުމަށް ވެސް ގޮވާލައިފަ އެވެ. މީގެ އިތުރުން ސިޔާސީ ދައުވާތައް ކުރުމާއި އެފަދަ ބޭނުމުގައި މީހުން ހައްޔަރުކުރުން ހުއްޓާލުމަށް ވެސް ގޮވާލާފައިވެއެވެ.