ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން މާދަމާ އެ މަނިކުފާނާ ސުވާލު ކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ރައީސް ޔާމީނާއި މާދަމާ ސުވާލު ކުރަން ނިންމާފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީނާ ސުވާލު ކުރުން އޮތީ މާފުށީ ޖަލުގަ އެވެ.
ޖަމީލް ވިދާޅުވީ ރައީސް ޔާމީނާ މާދަމާ ސުވާލު ކުރަން ހަމަޖައްސާފައިވާއިރު އަދިވެސް ވަކީލުންނަށް މާފުއްޓަށް ދެވޭނެ ގޮތެއް ނެތް ކަމަށާ އެކަމާ ގުޅޭ އެއްވެސް އިންތިޒާމެއް ވެސް ހަމަޖައްސާފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް މިއީ،" ޖަމީލް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގުތައް މިނިވަން ނޫން ކަމަށާ ފުލުހުންގެ އިދާރާ މިހާރު ސިފަވަނީ އެމްޑީޕީން ބޭނުންވާ ގޮތަކަށް މަސައްކަތް ކުރާ އިދާރާއެއްގެ ގޮތުގައި ކަމަަށް ޖަމީލް ކުރިން ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީނާއި ގުޅޭގޮތުން ފުލުހުން ބަލަމުން ދަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ބަލަމުން ދާ އިތުރު ރަށެއްގެ މުއާމަލާތަކާއި ގުޅޭ މައްސަލައެކެވެ. އެ މައްސަލައިގެ ތަހުގީގަށް މީގެ ކުރިން ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައި ވެއެވެ.
ރައީސް ޔާމީނާއި ގުޅޭ މައްސަލައެއްގެ ތަހުގީގު ކުރިއަށްދާއިރު މިހާރު ވެސް އެމަނިކުފާނު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ މަނީ ލޯޑަރިންގެ މައްސަލައެއްގަ އެވެ. އެ މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓްގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން ދަށު ކޯޓްގައި އިތުރު ދެ މައްސަލައެއް މިހާރުވެސް ހިނގަމުންދެއެވެ. އެއީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އެވެ.