ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން އަންނަ އަންގާރަ ދުވަހު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އަންގާރަ ދުވަހުގެ މެންދުރު ފަހު ފުލުހަށް ހާޒިރުވާން ރައީސް ޔާމީނަށް އަންގާފައިވާ ކަމަށެވެ. އެމަނިކުފާނު ހާޒިރުކުރަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
ޔާމީނާއި ގުޅޭ އާ މައްސަލައެއްގެ ތަހުގީގު ފަށާފައިވާއިރު މިހާރުވެސް އެމަނިކުފާނު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ މަނީ ލޯޑަރިންގެ މައްސަލައެއްގައެވެ. މީގެ އިތުރުން ދަށު ކޯޓްގައި އިތުރު ދެ މައްސަލައެއް މިހާރުވެސް ހިނގަމުންދެއެވެ. އެއީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.
ޖަމީލް ވިދާޅުވީ މިހާތަނަށް އުފުލި ދައުވާތަކުގެވެސް އެއްވެސް އަސާސެއް ނެތް ކަމަށާ ދައުވާތަކުގެ ބޭނުމަކީ އިދިކޮޅުގެ އަޑު ކަނޑުވާލުން ކަމަށެވެ. އެކަން ކުރަނީ ސަރުކާރު ނާގާބިލަން ރައްޔިތުންނަށް ފަޅާ އަރާފާނެތީ ބިރުން ކަމަށްވެސް ވިދާޅުވިއެވެ. އަދި އިތުރު މައްސަލަތައް އުފައްދަނީވެސް އެ ބޭނުމުގައި ކަމަަށް ވިދާޅުވިއެވެ.