އިއްޔެ މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބާއި ގުޅިގެން ނަތީޖާއަށް އަސަރު ކުރާނެ ފަދަ ޝަކުވާއެއް ހުށައަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އިންތިހާބާއި ގުޅިގެން ޝަކުވާތައް ލިބިފައިވާ ކަމަށާ ހުރިހާ ޝަކުވާތަކެއް ބަލާ ޖަވާބު ދޭނެ ކަމަށެވެ. ޝަރީފް ވިދާޅުވީ ނަތީޖާއަށް އަސަރު ކުރާނެ ފަދަ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.
މައިގަނޑު ގޮތެއްގައި ހުށައަޅާފައި ވަނީ މަނާ ގަޑީގައި ކެންޕެއިން ކުރި ކަމަށް ބުނާ ބައެއް މައްސަލަތަކާއި ރައީސް ނަޝީދު ކެންޑިޑޭޓުންނާއެކު ވޯޓްލާ މަރުކަޒުތަކަށް ވަޑައިގެންނެވި ކަމަށް ބުނާ މައްސަލައަކާއި ވޯޓް ލެއްވުމަށް ފަހު އެމްޑީޕީން ހޯއްދަވާނެ ކަމަށް ލަފާކުރައްވާ ކާމިޔާބާ ގުޅޭގޮތުން ރައީސް ސޯލިހު ވާހަކަ ދެއްކެވި ކަމަށް ބުނާ ޝަކުވާ އެކެވެ.
"މިއިން އެެއްވެސް ޝަކުވާއަކީ ނަތީޖާއަށް އަސަރު ކުރާނެ ޝަކުވާތަކެއް ނޫން،"
ޝަރީފު ވިދާޅުވީ މިވަގުތު ވެސް ހަތަރު ވޯޓެއް މުޅީން ގުނާ ނިމިފައިނުވާ ކަމަށާއި ހުރިހާ ވޯޓް ފޮއްޓެއް ގުނާ ނިމި މަރުކަޒުގައި ނަތީޖާ އިއުލާނު ކުރުމަށް ފަހު ކޮމިޝަނުން ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ މަސައްކަތް ކުރަމުންދަނީ މިއަދު ހަވީރުގެ ވަގުތަށް ފަހު، ވަގުތީ ނަތީޖާ އިއުލާނު ކުރަން ފެށުމަށެވެ.
"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ އިރުއޮއްސުމުގެ ކުރީން ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށަން. އިރާދަ ކުރެއްވިއްޔާ ހަވީރުގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށާނެ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ މިހާރު ގުނާ ނިމި ވޯޓް މަރުކަޒުގައި ނަތީޖާ އިއުލާނު ކުރެވިފައި ނުވަނީ ގދ ގެ ދެ ފޮއްޓަކާއި މާލޭގައި ބެހެއްޓި ދެ ވޯޓް ފޮއްޓެއް ކަމަށެވެ.