ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފައިޒާ

ފައިޒާ ވެކްސިން ދޭން ފަށައިފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ފައިޒާ-ބަޔޯންޓެކް ވެކްސިން ޖަހައިދޭން ފަށައިފި އެވެ.

ފައިޒާ ވެކްސިން ދޭނީ ރަޖިސްޓްރީ ކޮށް އެޕޮއިންމެންޓް ހައްދާފައިވާ މީހުންނަށް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މިއަދު 9:00 ގައި ވެކްސިން ޖަހައި ދޭން ފަށައިފައި ވަނީ ހުޅުމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

ރާއްޖެއަށް ލިބިފައިވަނީ 5,850 ޑޯޒެވެ. ފައިޒާ-ބަޔޯންޓެކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އިން މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނިކޮށެވެ.

އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށް އެކަނި ކަމަށެވެ. ފައިޒާ ވެކްސިން ދޭނީ ހަށިގަނޑުގެ ދިފާއީ ނިޒާމު ދަށް މީހުންނަށެވެ. އެ ގޮތުން އުމުރުން 16 އަދި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގުމުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ މީހުންނަށް ވެކްސިން ދޭނެ އެވެ.

އަދި 18 އަހަރާއި 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށްވެސް ވެކްސިން ދޭން ވަނީ ނިންމާފައެވެ.

ފައިޒާގެ ފުރަތަމަ ޑޯޒް މިއަދު ފެށިއިރު މިހާރު އަންނަނީ ޗައިނާގެ ސިނަފޯމް ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ދެމުންނެވެ. ސިނަފޯމްގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ދޭނެ އެވެ. ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިންނެވެ. މިހާރު ވެކްސިންގެ ދެވަނަ ޑޯޒް ދެމުން އަންނަނީ ކޮވިޝީލްޑް ޖެހި މީހުންނަށެވެ.