ވެރިރަށުގައި އޮންނަ މައި ސަރުކާރަށް ހުރިހާ ބާރުތަކެއް ޖަމާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ ވާހަކައަކީ މީގެ އެތަށް އަހަރެއް ކުރީން ފެށިގެން ދިވެހީންވެސް ދައްކަމުން އަންނަ ވާހަކައެކެވެ. ރައީސް އަމީންގެ ދައުރާއި ރައީސް ނާސިރުގެ ދައުރުގައިވެސް އެ އަޑުތައް އާންމުންގެ ފަރާތުން އިވެއެވެ. ސިޔާސީ ލީޑަރުން އެ ނިޒާމަށް ވަކާލާތު ކުރައްވަމުން ގެންދެވިއެވެ. ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެ ނިޒާމުން "ބައިބައިވުން" އުފައްދާ ކަމަށް ވިދާޅުވެ އުވާވެސް ލެއްވިއެވެ. އޭގެ ފަހުން ރައީސް މައުމޫންގެ ވެރިކަމުގައި އަލުން އެ ނިޒާމުގެ ބަހުސްގެ ފަށާ ލާމަރުކަޒު ކުރުމުގެ މަސައްކަތް އޮތީ ފެށިފައެވެ. ބައްދަލްވުންތަކާއި ހިޔާލު ހޯދުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސް ނިޒާމަށް ފަރިތަ ރައްޔިތުންތަކެއް އުފެއްދުމަށް ތަފާތު ޕްރަގްރާމްތައްވެސް ހިންގުނެވެ.
ރައްޔިތުންނަށް ފުރިހަމަ ބާރުވެރިކަން ލިބިފައިވާ ލާމަރުކަޒީ ނިޒާމެއް ރާއްޖެއަށް ތައާރަފުކުރުމަކީ އެމްޑީޕީގެ އެޖެންޑާގައި ވަރަށް ކުރީގައި އޮތް މަސައްކަތެކެވެ. ލާމަރުކަޒީ ގާނޫނެއް ވުޖޫދުވެ ކައުންސިލްތަކުގެ އިންތިހާބުތައް ބޭއްވެން ފެށީއްސުރެ އެމްޑީޕީއަށް ރަނގަޅު ނަތީޖާތަކެއް ލިބެމުންދެއެވެ. އަދި ނިޒާމު ފުރިހަމަކުރުމަށް އެ ޕާޓީން ގެންދިޔައީ އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ.
2010 ވަނަ އަހަރު ބޭއްވި ފުރަތަމަ ކައުންސިލް އިންތިހާބަށް ފަހު މިދިޔަ ހުކުރު ދުވަހު ބާއްވާފައިވަނީ ހަތަރުވަނަ އިންތިހާބެވެ. މިއީ މިހާތަނަށް ބޭއްވުނު އެންމެ ތަފާތު އިންތިހާބެވެ. އިންތިހާބު ތަފާތުވި ވަރަށް ގިނަ ސަބަބުތައް ވެއެވެ. އެންމެ ބޮޑު ތަފާތަކީ އިންތިހާބުން ނިކުތް ނަތީޖާއެވެ. ލާމަރުކަޒީ ނިޒާމުގެ ހަގީގީ ބެލެނިވެރިކަމަށް އެންމެ ބޮޑަށް ދައުވާ ކުރަމުންދާ އަދި އެ ނިޒާމަށް އެންމެ ފަރިތަ އެމްޑީޕީއަށް ލިބިގެންދިޔަ ބޮޑު ނާކާމިޔާބެވެ. ވެރިކަމުގައި އޮވެ މާލެ ސިޓީން ލިބުނީ ލަދުވެތި ނަތީޖާއެކެވެ.
ލާމަރުކަޒު ނިޒާމު ނުވެސް ދަންނަ އަދި އެ ނިޒާމަށް އިންތިހާ ގެއްލުމާއި އަނިޔާދިން ކަމަށް އެމްޑީޕީން ތުހުމަތު ކުރާ ޕީޕީއެމްގެ އެންމެ ކެންޑިޑޭޓެއްވެސް އެމްޑީޕީއަށް ބަލި ނުކުރެވުނެވެ. ޕީޕީއެމުން ކެންޑިޑޭޓުން ނެރުނު 14 ދާއިރާވެސް ހޯދީއެވެ. މާލޭގެ މޭޔަރު ކަމާއި ވިލިމާލެ އާއި ހުޅުމާލެ ހޯދީވެސް ޕީޕީއެމުންނެވެ.
އިންތިހާބުން ސަރުކާރު ހިންގާ އެމްޑީޕީއަށް ބޮޑު ނާކާމިޔާބެއް ލިބި ވެރިރަށުގެ ކައުންސިލް ގެއްލިގެން ދިޔައީ ލާމަރުކަޒީ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނެސް އެ ނިޒާމު މުޅީން ފުރިހަމަ ކުރަން އެމްޑީޕީން ވަރަށް ބޮޑަށް ތައްޔާރުވެ އޮއްވައެވެ. ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި މުހިންމު އިސްލާހުތައް ރައީސް ސޯލިހް ސިފަކުރެއްވީ ރަށްތަކުގެ ހަގީގީ މިލްކުވެރިކަން އެ ރަށްރަށުގެ ރައްޔިތުންނަށް ލިބިގެން ދިއުމުގެ ގޮތުގައެވެ. ކައުންސިލްތަކަށް ވިޔަފާރި ކުރުމުގެ ފުރުސަތު ދީ، އަމިއްލައަށް އިންވެސްޓަރުން ހޯދައިގެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ މަގު ގާނޫނުން ފަހިކޮށްދީފިއެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނެ ނިޒާމެއް ތައާރަފުކޮށް ކައުންސިލްތައް ބާރުވެރި ކުރުވުމަށް މައި ސަރުކާރުން ވަނީ އެތަށް ބާރެއް ކައުންސިލުތަކަށް ދޫކޮށްލާފައެވެ.
ނަމަވެސް އިންތިހާބުގެ ނަތީޖާ އައި ގޮތުން އާ ގާނޫނު ތަންފީޒުވާނީ ކިހާވަރަކަށްތޯ ބައެއް މީހުން ސުވާލު އުފައްދައެވެ. ކައުންސިލްތަކަށް ހަގީގީ ބާރުވެރިކަން ދޫކޮށްލަން ސަރުކާރަށް ކެރޭނެތޯ އިދިކޮޅުގެ މެންބަރުންވެސް ވަނީ ސުވާލު ކުރައްވާފައެވެ. އަދި ގާނޫނަށް ގެނައި ބަދަލުތައް ރަނގަޅަށް ތަންފީޒު ނުވާނަމަ އެ އިސްލާހުތައް އުވާލާނެ ކަމަށް އެމްޑީޕީގެ މެންބަރަކު ދާދި ފަހުން ވިދާޅުވި ކަމަށް ބުނެ އެ ސުވާލު ތަކުރާރުކޮށް ދަނީ އުފައްދަމުންނެވެ.
ނަމަވެސް އިންތިހާބުގެ ނަތީޖާ ސާފުވުމުން ސަރުކާރާއި އެމްޑީޕީ ފެނުނީ ކުރީންވެސް ދައްކަމުން އައި ވާހަކަ ތަކުރާރު ކުރެއްވި މަންޒަރެވެ. މިއީ ފުރިހަމަ ލާމަރުކަޒީ ނިޒާމަކަށް އުންމީދު ކޮށްގެން ތިބި ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކެވެ. އިންތިހާބަށް ފަހު ރައީސް ސޯލިހް ވަނީ ހޮނިހިރު ދުވަހުގެ ރޭ ސިޓީތަކުގެ މޭޔަރު ކަަަމަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންނަށް ފޯނުން ގުޅުއްވާފައެވެ. އަދި ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތައް ހަރުދަނާ ވެގެންދާ މަންޒަރު ދެކެވަޑައިގަންނަވަން އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދިނުމުގައި ފުރިހަމައަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ ފަހުން އާދިއްތަ ދުވަހު އެމަނިކުފާނު ވަނީ ނޫސްބަޔާނެއް ނެރުއްވާވެސް އެ ޔަގީންކަން ތަކުރާރު ކުރައްވާފައެވެ. އެ ބަޔާނުގައި އިންތިހާބުން ހޮވިވަޑައިގެންނެވި ބޭފުޅުންނާއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި ފުރިހަމަ އެއްބާރުލެއްވުން ލިބޭނެ ކަމަށް އެމަނިކުފާނު އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އިންތިހާބުގައި ރައްޔިތުން ލީ ވޯޓާއި ރައްޔިތުންގެ އިހްސާސްތައް ފުރިހަމައަށް ސަރުކާރުން ބަލައިގަންނަ ކަމަށް ވިދާޅުވިއެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް ދެއްވިއެވެ.
ކައުންސިލް އިންތިހާބާ ދިމާކޮށް ވާދަވެރިންނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ބޭފުޅަކީ އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެންޕެއިން ލީޑުކުރެއްވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނަކީ ލާމަރުކަޒީ ނިޒާމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޕީޕީއެމަކީ އެ ނިޒާމަށް ފަރިތަ ނޫން އަދި ލާމަރުކަޒު ކުުރުމަށް އިންތިހާ ދެކޮޅު ބައެއް ކަމަށް އެމަނިކުފާނު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
މާލޭ ސިޓީ ކައުންސިލް އެމްޑީޕީ ނޫން ބަޔަކަށް ދީފިނަމަ ލާމަރުކަޒީ ނިޒާމުގެ ދުވަސް މުޅީން ދިޔައީ ކަމަށް އެތަށް ފަހަރަކު ވިދާޅުވިއެވެ. އެކަން ރައްޔިތުންނަށްވެެސް ސާފު ކަމަށް ވިދާޅުވެ ފަސޭހަކަމާއެކު ގޮނޑިތައް ނަގާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާ އައީ ހީކުރި ގޮތާއި މުޅީން ހިލާފަށެވެ.
މާލޭ ސިޓީން ލިބުނު ބޮޑު ނާކާމިޔާބަށްފަހު ރައީސް ނަޝީދު ވަނީ އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ. އެ ބައްދަލްވުމުގައި ނޫސްވެރިން އެންމެ ބޮޑަށް ކުރިމަތި ކުރީ ލާމަރުކަޒު ނިޒާމަށް ދެންވާނެ ގޮތަކާމެދު ގައެވެ. ސަރުކާރާއި އެމްޑީޕީން އަމަލު ކުރާނެ ގޮތަކާމެދުގައެވެ. ރައީސް ނަޝީދުވެސް ވަރަށް ޝައުގުވެރިކަމާއެކު އެ ސުވާލުތަކަށް ޖަވާބު ދެއްވިއެވެ. އުންމީދު އާ ކޮށްދެއްވާ އެމްޑީޕީން ވަކާލާތު ކުރަމުން އައި ކަންކަމުގެ ގަދައަށް ހިފަހައްޓައިގެން ތިބި ކަމުގެ ޔަގީންކަން ދެއްވިއެވެ.
އެމްޑީޕީއަށް ނާކާމިޔާބުވީ ނަމަވެސް ލާމަރުކަޒީ ނިޒާމު އުވައެއް ނުލާނަން. ސިޓީ ކައުންސިލް މެމްބަރުންގެ އަޣުލަބިއްޔަތުން ކަމެއް ނިންމައިފި ނަމަ އެކަމަށް އަޅުގަނޑު އިހުތިރާމް ކުރާނަން. ލާމަރުކަޒީ ނިޒާމް އަޅުގަނޑުމެން ގެނައީ ވަރަށް ދުވަހު އެކަމާ އުޅުމަށް ފަހު. މިގޮތަށް ނުވެއްޖިއްޔާ އެހެން ގޮތެއް ހޯދާނީ،"
އެމަނިކުފާނު ވިދާޅުވި ގޮތުގައި ހުރިހާވެސް އަމާޒަކީ ގާނޫނުގައިވާ ގޮތުގެ މަތިން ނިޒާމު ހިނގަމުން ދިއުމެވެ.
"މާލޭ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތު ކޮންމެ ގޮތަކަށް އޮތް ކަމުގައިވީނަމަވެސް އެމްޑީޕީގެ އަމާޒަކަށްވާނީ މާލޭ ސިޓީ ކައުންސިލް ލާމަރުކަޒީ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަދި ގާނޫނުގައިވާ ގޮތުގެ މަތިން ރަނގަޅަށް ހިންގަމުން ދިއުން. އެނގިވަޑައިގަންނަވާނެ މި ޕާޓީގެ ވަރަށް ބޮޑު އަމާޒެއް، މަގުސަދެއް އެއީ މުއައްސަސާތައް ބިނާކުރުން. އަޅުގަނޑުމެން މިހާރުވެސް މަސައްކަތް ކުރާނީ މާލޭ ސިޓީ ކައުންސިލް މުއައްސަސާއެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި ކުރަންޖެހޭ މަަސައްކަތްތައް މި ޕާޓީން ކުރުން،" ނަޝީދު ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތު ކޮންމެ ގޮތަކަށް އޮތް ކަމުގައިވީނަމަވެސް އެމްޑީޕީގެ އަމާޒަކަށްވާނީ މާލޭ ސިޓީ ކައުންސިލް ލާމަރުކަޒީ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަދި ގާނޫނުގައިވާ ގޮތުގެ މަތިން ރަނގަޅަށް ހިންގަމުން ދިއުން. އެނގިވަޑައިގަންނަވާނެ މި ޕާޓީގެ ވަރަށް ބޮޑު އަމާޒެއް، މަގުސަދެއް އެއީ މުއައްސަސާތައް ބިނާކުރުން. އަޅުގަނޑުމެން މިހާރުވެސް މަސައްކަތް ކުރާނީ މާލޭ ސިޓީ ކައުންސިލް މުއައްސަސާއެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި ކުރަންޖެހޭ މަަސައްކަތްތައް މި ޕާޓީން ކުރުން،މުހައްމަދު ނަޝީދު | އެމްޑީޕީގެ ރައީސް
އިންތިހާބުގެ މިހާރުގެ ނަތީޖާތަކުން އެމްޑީޕީއަށް މާލޭ ސިޓީން ކަށަވަރީ ފަސް ގޮނޑިއެވެ. އިދިކޮޅު ޕާޓީތަކުގެ 14 މެންބަރުން ކައުންސިލްގައި ތިއްބަވާނެ އެވެ. އެހެންވީމަ ވަރަށް ސާފު އަގުލަބިއްޔަތެއް އޮތީ އެމްޑީޕީއަށެވެ. ނަމަވެސް ރައީސް ނަޝީދު އިއްޔެ ވިދާޅުވީ އެމްޑީޕީގެ "ފިކުރަށް" އާދެވޭ މެންބަރުންނާއެކު މަަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ. އަދި ވިދާޅުވީ މާލޭގެ މޭޔަރަށް ދެއްވަން ޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ސިޔާސީ ޕާޓީތައް ބައެއް ފަހަރު ވެރިކަމުގައި އަދި ވާދަވެރިންގެ ގޮތުގައި ތިބޭނެ ކަމަށާ މެޖޯރިޓީ ލިބި މައިނޯރިޓީގައި ތިބެން ޖެހޭ ފަހަރުވެސް އަންނާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއިން އެއްވެސް ހާލަތެއްގައި އެމްޑީޕީގެ ހަގީގީ ފިކުރު، އެ ޕާޓީން ވަކާލާތު ކުރާ ކަމެއް ދޫކޮށްނުލައްވާނެ ކަމަށް ވިދާޅުވިއެވެ.
ކޮވެއްޔަށް ވީގޮތް ވެ ނިމިފަ މި އޮތީ. ހާލި ހެދީ އަޅުގަނޑުމެން، ކާޅު. ދެން ޕީޕީއެމް އިން އައިސް އެތަނަށް ބިސް އަޅާފަ މި އޮތީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީކީ އަޅުގަނޑުމެން ބުޅާ ހެދިފައި ހާލި ވައްޓާލަން ދުއްވައިގަންނަންވީ ކަމެއް ނޫންމުހައްމަދު ނަޝީދު | އެމްޑީޕީގެ ރައީސް
އަލީ ނިޔާޒުގެ ވާހަކަ ސާފުކޮށްދެއްވި
ކައުންސިލް އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ އިސްލާހުތައް މި ސަރުކާރުން ބަދަލުކޮށްފާނެ ކަމުގެ ތުހުމަތު ބައެއް ފަރާތްތަކުުން އުފެއްދި އެއް ސަބަބަކީ މި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ދެއްކެވި ވާހަކަފުޅެވެ. ނިޔާޒަކީ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރެވެ. އަދި ލާމަރުކަޒީ ގާނޫނަށް ގެނައި މުހިންމު އިސްލާހުތައް ހުށައެޅުއްވި މެންބަރުވެސް މެއެވެ.
އެ ޖަލްސާގައި ނިޔާޒު ވިދާޅުވީ މަސައްކަތް ކުރައްވަނީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެންނަން ކަމަށެވެ. އަދި އެކަން ތަންފީޒުވާ މަންޒަރު ފެންނަން ޖެހޭ ކަމަށެވެ. އެކަން އެހެން ނުވާނަމަ އެ ނިޒާމު ނަމެއްގައި އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އެ ހާލަތަށް ގޮސްފިނަމަ އަލަށް ގެނައި އިސްލާހުތައް އުވާލަން ހުށައަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނައުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެ މަސައްކަތް ހިނގާތަން އަޅުގަނޑުމެން ދައްކަން ޖެހޭނެ. އެހެން ނޫން ކަމަށް ވާނަމަ އަޅުގަނޑު އިރާދަކުރެއްވިއްޔާ އައިސް މި އިސްލާހު. އަށްވަނަ އިސްލާހުގައު ހުރި ކަންތައްތައް އުވާލަން އަޅުގަނޑު ހުށަހަޅާނަން އިނގޭތޯ އެ މަސައްކަތްތައް ނުކުރެވޭ ކަމަށް ވަންޏާ. އޭރުން ރާއްޖޭގައި މިނިޒާމެއް ނޯންނާނެ." މިމަހުގެ ހަ ވަނަ ދުވަހު އޮތް ޖަލްސާގައި ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒުގެ އެ ވާހަކަފުޅަކީ މިފަހަރުގެ އިންތިހާބުން ނިކުމެފައިވާ ނަތީޖާ ނިކުމެއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތްތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވަނީ ނިޔާޒު ދެއްކެވި ވާހަކަފުޅު ސާފުކޮށްދެއްވާފައެވެ. ނަޝީދު ވިދާޅުވީ ނިޒާމު ރަނގަޅަށް ނުހިނގައިފިނަމަ އުވާލައްވާނެ ކަމަށް ނިޔާޒު ވިދާޅުނުވާ ކަމަށެވެ. ނިޔާޒު ވިދާޅުވީ ފަހުން ގެނައި ބަދަލުތަކާއެކުވެސް ކައުންސިލް ނިޒާމު ފުރިހަމަކޮށް ނުހިނގައިފިނަމަ އެހެން ގޮތްތަކެެއް ހޯއްދަވަން ޖެހޭ ކަމުގެ ވާހަކަ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ރަނގަޅަށް ނިޒާމު ނުހިނގައިފިނަމަ އުވާލާނެ ކަމަކަށް ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު ވިދާޅެއް ނުވޭ އިނގޭތޯ. އަޅުގަނޑު ރިޔާސަތުގައި އިންދާ އަލީ ނިޔާޒު އެ ވާހަކަ ދެއްކެވީ. ކޮންޓެސްޓުން އޭތި ނަގާކަށް ނުވާނެ. ނިޔާޒު ވިދާޅުވީ ވަރަށް ދުވަސްވެއްޖޭ މިކަމާ އުޅޭތާ، ކޮންމެ ފަހަރަކުވެސް މިކަން ކުރެވޭތޯއޭ އަޅުގަނޑުމެން މި އުޅެނީ. ދެން މިގޮތަށްވެސް މިކަންވާން ނެތިއްޖެއްޔާ އެހެން ގޮތަކަށްވެސް މިކަން ކުރަންޖެހޭނެ. އެހެންވީމަ އަޅުގަނޑު ނުދެކެން އަލީ ނިޔާޒުގެ ހިތުގައިވެސް އަދި ރޫހުގައިވެސް ވާކަމަކަށް މި ނިޒާމު ބަލިކަށިކުރުން ނުވަތަ އުވާލުން،" ނިޔާޒުގެ ވާހަކަތައް ތަފްސީލުކޮށްދީ ނަޝީދު ވިދާޅުވިއެވެ.
މުއިއްޒު ހުންނެވީ ސަރުކާރަށް އެއްބާރުލުން ދެއްވަން
އިންތިހާބުން ބޮޑު ތަފާތަކުން އަނަސްގެ މައްޗަށް ކުރި ހޯއްދަވާ މާލޭގެ މޭޔަރު ކަމުގެ މަގާމު ކަށަވަރުވެވަޑައިގަތުމުން މުއިއްޒު ވަނީ ޕީޕީއެމްގެ އޮފީހަށް ރޭ ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާފަ އެވެ. ޕީޕީއެމްގެ އޮފީހަށް މުއިއްޒު ވަޑައިގެންނެވީ މާލޭ ސިޓީން ކާމިޔާބު ހޯއްދެވި ޕީޕީއެމްގެ ކެންޑިޑޭޓުންނާއެކުގަ އެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވާ މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުންގެ ބަސް އިއްވައިފި ކަމަށާ އެމަނިކުުފާނުގެ އަމާޒަކީ ނަތީޖާ ނެރުމަށް ގަދައަޅާ މަސައްކަތް ކުރެއްވުން ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން ރައްޔިތުންނާއެކު މަސައްކަތް ކުރާހާ ހިނދަކު ސަރުކާރާއެކު މަސައްކަތް ކުރުމުގައި ދެމި ހުންނަވާނެ އެވެ. ސަރުކާރުން ބޭނުންވާ ކަންތައްތައް ހާސިލްކުރުމަށް އިސްނަގައި ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންތައްތައް ކުރިއަށް ގެންދާނެ އެވެ. ނަމަވެސް ރައްޔިތުންނަށް އެކަމުން ގެއްލުން އޮތް ކޮންމެ ކަމެއްގައި ސަރުކާރާ ދެކޮޅަށް ތެދުވެ ކުރަން ޖެހުނު މަސައްކަތެއް ކުރައްވާނެ އެވެ.
"އަޅުގަނޑު ދޭ ޔަގީންކަމަކީ ޕީޕީއެމްގެ ފަރާތުން ހޮވިވަޑައިގެންނެވި ކައުންސިލަރުންނަށް، އެހެން ޕާޓީތަކުގެ ފަރާތުން ހޮވުނު ކައުންސިލަރުންްނަށް ޖުމްލަކޮށް ހޮވިވަޑައިގެންނެވި 18 ކައުންސިލަރުންނާއެކީގައި ޓީމެއްގެ ގޮތުގައި ނަތީޖާ ނެެރެދެވޭނެ ވަރުގަދަ މަސައްކަތްތަކެއްކޮށް މާލޭގެ ރައްޔިތުން އުފާކޮށްދޭނަމޭ. އިރާދަކުރެއްވިއްޔާ އެކަން ކުރާނަމޭ" މުއިއްޒު ވިދާޅުވި އެވެ.
އިންތިހާބުން ނިކުތީ ކޮންމެ ނަތީޖާއެއް ނަމަވެސް ދެ ފަރާތުންވެސް އަޑުއިވިގެން ދަނީ އުންމީދީ ވާހަކަތަކެވެ. ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ތަންފީޒުވާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ރައްޔިތުންގެ ހިތްތަކަށް ހިތްހަމަޖެހުން ލިބޭ ފަދަ ވާހަކަތަކެވެ. ނަމަވެސް މިއީ ރައްޔިތުން އުފާވެ، ހިތްހަަމަޖެހޭ ފަދަ ވާހަކައެއް ސިޔާސީ ބޭފުޅުން ދައްކަވާ ފުރަތަމަ ފަހަރެއް ނޫނެވެ. ކޮންމެ ގޮތަކަށް އަމަލު ކުރެއްވިޔަސް އެ ބޭފުޅުން އަބަދުހެން ދައްކަވަނީ ރައްޔިތުން އުފާވާނެ ވާހަކަތަކެވެ. ރައްޔިތުން ހިތްހަމަ ޖެހޭނެހާ ވާހަކަތަކެވެ.
މިފަހަރު ނަތީޖާ އަކީ ރައްޔިތުންގެ ކުރިމަތީ މިދިޔަ އެތަށް އަހަރެއް ވަންދެން ދެއްކި ވާހަތަކުގެ އިހުލާސްތެރިކަން ޓެސްޓް ކޮށްލެވޭނެ ނަތީޖާއެކެވެ. ސަރުކާރާއި އެމްޑީޕީން ދެއްކި ވާހަކަތަކެވެ. އިދިިކޮޅު ކޯލިޝަނާއި އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކެވެ. ލާމަރުކަޒީ ނިޒާމަކީ "ތިމަންނާމެން"ގެ އެއްޗެއް ކަމަށް ކުރަމުންދާ ދައުވާގެ ހަގީގަތް މިފަހަރު ސާފުވާނެ އެވެ. އެހެންވީމަ މިއީ ދެ ފަރާތަކަށްވެސް އޮތް ވަރުގަދަ އިމްތިހާނެކެވެ. ހާއްސަކޮށް ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި އެމްޑީޕީއަށެވެ. މި އިމްތިހާނުން ފެއިލްވެއްޖެނަމަ ތާއީދު ގެއްލި އިތުބާރު ގެއްލުނީއެވެ. ފާސްވެއްޖެނަމަ ތާއީދު އިތުރުވެ އިތުބާރު ބޮޑުވީއެވެ.