ކޮވިޑް-19 އިގެ ޝިކާރައަކަށްވެ އެތައް ސަތޭކަ ބަޔަކު މި ދުނިޔެއާ ވަކިވެގެންދާ ހިތްދަތި މަންޒަރަކީ ކޮންމެ ދުވަހަކު ވެސް އެތައް އާއިލާއަކުން ކުރަމުންދާ ހިތްހަލާކުވާ ފަދަ ތަޖުރިބާ ތަކެކެވެ. ނަމަވެސް އިންޑިޔާގެ ނާގްޕޫރުގައި މިދިޔަ ބުރާސްފަތި ދުވަހު މަރުވި މާބަނޑު މީހާގެ ވާހަކަ އިތުރަށް ހިތްދަތި ވާހަކައަކަށްވީ އޭނާގެ ބަނޑުގައި އަށް މަހުގެ ކުއްޖަކު އޮތުމުންނެވެ.
ތިރީހުގެ އަހަރުތައް ގުނަމުންދިޔަ މާބަނޑު މީހާއަށް ކޮވިޑް ޖެހުނުއިރު ބަނޑަށް 32 ހަފުތާ އެވެ. އޭނާއާއި ދަރިފުޅު މަރުން ސަލާމަތް ވޭތޯ އަންހެންމީހާ ވަރަށް ތިން ހަފުތާ ވަންދެން މަރާ ހަނގުރާމަކުރި އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ސަބަބުން އޭނާގެ ފުރާނަ ދިޔައީ އެވެ. އަންހެންމީހާގެ ފުރާނަ ދިއުމުގެ ކުރިން އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ނެގުމުގައި ޑޮކްޓަރުން ވަނީ ކާމިޔާބު ހޯދާފަ އެވެ.
އޭނާ ދެން ދުނިޔޭގައި ނޯންނާނެކަން ޔަގީންވުމާއެކު ޑޮކްޓަރުން ވަގުތުން ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގީ އެވެ.
ޑޮކްޓަރުން އަންހެންމީހާގެ ހެދީ ޕެރިމޯޓަމް ސިޒޭރިއަން ސެކްޝަނެކެވެ. މިގޮތަށް ސިޒޭރިއަން ހަދައި ދުވަސް ނުފުރާ ފިރިހެންކުއްޖެއް ވިހޭތާ މަދު މިނެޓުކޮޅެއް ތެރޭގައި އެ ތުއްތު ދަރިފުޅުގެ މަންމަ ވަނީ ފަހު ނޭވާ ލާފަ އެވެ.
ނާގްޕޫރުގައި ދިރިއުޅޭ މި އަންހެންމީހާއަކީ މުމްބައިގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ އަމިއްލަ ރަށް ނާގްޕޫރަށް ދިޔައީ ވިހައިގެން ގަދަވެގެން އެނބުރި މުމްބައިއަށް ދާން ނިންމައިގެނެވެ. ކަންދިމާވި ގޮތުން ނާގްޕޫރަށް އަންހެންމީހާއަށް ދެވުނުއިރު ވެސް އޭނާގެ ހަށިގަނޑަށް ވަނީ ކޮރޯނާވައިރަސް ވަދެފަ އެވެ.
ކޮވިޑް-19 ޖެހި އޭނާގެ ހާލު މާ ބޮޑަށް ގޯސްވީ މި ހިނގާ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހު އެވެ. އޭނާގެ ހިތް ހުއްޓި ވެންޓިލޭޓަރު ގުޅައިގެން އެ ދުވަހުން ފެށީގެން ފަރުވާ ދޭން ފެށި އެވެ.
އެންމެ ފަހުން އޭނާގެ ނުވަތަ ބަނޑުގައިވާ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެވޭނެ އޮތް ހަމައެކަނި ގޮތަކީ އިމަޖެންސީކޮށް ސިޒޭރިއަން ހަދައިގެން ކަން ޑޮކްޓަރުންނަށް ޔަގީންވުމުން ޕެރިމޯޓަމް ސިޒޭރިއަން ސެކްޝަނެއް ހެދީ އެވެ.
ސިޒޭރިއަން ހަދަން މާބަނޑު މީހާ އޮޕަރޭޝަން ތިއޭޓަރަށް ވެސް ގެންދެވޭގޮތް ނުވުމުން ޑޮކްޓަރުން އެމީހާގެ ސީ-ސެކްޝަން ހެދީ އައިސީޔޫގައި އޭނާ ބާއްވާފައި އޮތް އެނދުގައި އޮތް ގޮތަށް ބާއްވައިގެންނެވެ.
ކްރިޓިކަލް ކެއާ ކޮންސަލްޓަންޓް ޑރ. ވިރެންދުރަ ބެލޭކަރް ވިދާޅުވި ގޮތުގައި ކޯވިޑް ޖެހުނު ދުވަހުން ފެށިގެން ވެސް ބަލިމީހާގެ ހާލު އޮތީ ވަރަށް ނާޒުކުވެފަ އެވެ.
އޭނާގެ ރިޕޯޓުތަކާ ހަވާލާދީ ޑޮކްޓަރު ވިދާޅުވީ މާޗް މަހުގެ މެދެއްހާ ހިސާބުގައި އޭނާއަށް ކޯވިޑް ޖެހުމަށްފަހު ހާލު މަޑުމަޑުން ދިޔައީ ދަށަށެވެ. އަދި އެޕްރީލް ހަތެއްގައި މާ ހާލު ބޮޑުވީ އެވެ.
ޑޮކްޓަރުން ވިދާޅުވަނީ ސެކަންޑް ވޭވްގައި ޖެހޭ ކޯވިޑްގެ ނުރައްކާ އިތުރުކަމުން މާބަނޑު މީހުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. މާބަނޑު މީހުން އުޅޭ ގޭގޭގައި ދިރިއުޅޭ އެންމެން ވެސް އަބަދުވެސް އުޅެން ޖެހޭނީ މާސްކް އަޅައިގެން ކަމަށާއި އަދި މާބަނޑު މީހާ ގެންގުޅެން ޖެހޭނީ ރައްކާތެރި މާހައުލެއްގައި ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ. މާބަނޑުވުމުން ވައިރަލް އިންފެކްޝަންތައް ޖެހުމުގެ ފުރުސަތު މާބޮޑަށް އިތުރުވެ އެވެ. މާބަނޑު އަންހެނުންނަށް ނުރައްކާ އިތުރުވަނީ މި ސަބަބާ ހެދި އެވެ.