ދުނިޔެ

ބައިޑަންގެ ކްލައިމެޓް އެންވޯއީ ޖޯން ކެރީ މިހަފުތާގައި ޗައިނާއަށް

ޖޯން ކެރީ ޗައިނާއަށް ވަޑައިގަންނަވަނީ އެވެ. މިއީ އެމެރިކާގެ ރައީސްކަމާ ޖޯ ބައިޑަން ހަވާލުވެ ވަޑައިގެންނެވި ފަހުން ސަރުކާރުގެ މި ފެންވަރު އޮފިޝަލަކު ޗައިނާއަށް ކުރައްވާ ފުރަތަ ދަތުރެވެ. ޖޯން ކެރީ ޗައިނާއަށް ވަޑައިގަންނަ ވާނީ ބައިޑަންގެ ކްލައިމެޓް އެންވޯއީ ގޮތުގަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކެރީ މަޝްވަރާ ކުރައްވާނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ކަމަށެވެ. އަދި ސިނާއީ މަސައްކަތްތަކުގެ ސަބަބުން މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ކަމަށެވެ.

ޗައިނާގައި އޮފިޝަލުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކެރީ ދެން ވަޑައިގަންނަވާނީ ސައުތު ކޮރެއާ އަށެވެ. ކެރީގެ މި ދަތުރުފުޅު ބޭނުމަކީ މި މަހުގެ 22 އިން 23 އަށް ބާއްވަން ހަމަޖެހިފައި އޮތް ބައިޑަން ވާޗުއަލް "ލީޑާސް ސަމިޓް އޮން ކްލައިމެޓް" އަށް ތައްޔާރުވެ ވަޑައިގަތުމެވެ.

މިއަހަރު ފަހުކޮޅު އޮންނަ ޔޫއެން ކްލައިމެޓް ސަމިޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމަކީ ވެސް ބައިޑަން ކްލައިމެޓް ސަމިޓްގެ ބޭނުމެކެވެ.

އެމެރިކާ ގަބޫލުކުރާ ގޮތުން މޫސުމަށް އަންނަ ބަދަލުތަކާ މެދު ޗައިނާއާ ރަޝިއާ ފަރުވާ ކުޑަ އެވެ. ދުނިޔޭގައި ކުރެވޭ މިފަދަ ކޮންމެ ކަމަކަށް އިސްނަގައި މެޑެލި ޖެހުމަކީ އެމެރިކާއިން އަދަބު ވެސް ކުރާ ކަމެކެވެ. އެމެރިކާއަށް ވުރެ ކުރިން އެހެން ގައުމަކުން މިފަދަ ކަމަކަށް އިސްނަގައިފި ނަމަ އެއީ ކުރުމަށް ވުރެ ނުކުރުން ރަނގަޅު ކަމެއް ކަމަށް އެމެރިކާ ދެކެ އެވެ.