ޝާހްރުކް ހާން

އާލިއާ އާއި ޕަރިނީތީގެ ފިލްމެއް ޝާހްރުކް ޕްރޮޑިއުސްކުރަނީ؟

Nov 7, 2015

މީގެ ދުވަސްކޮޅެއް ކުރިން ޒުވާން ބަތަލާ އާލިއާ ބަޓް ވަނީ "ދިލްޗާ ހަތާހޭ"ގެ އާ ފިލްމެއް އަންހެން ލީޑްތަރިން ހިމަނައިގެން އުފައްދާނަމަ، އެފިލްމު ޝްރަދާ ކަޕޫރާއި ޕަރީނީތީ ޗޯޕްޅާ އާއެކު ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ބެލެވޭ ގޮތުގައި އާލިއާ ދެކެމުން އަންނަ ހުވަފެން ގާތްގަނޑަކަށް މިވަނީ ހަގީގަތަކަށްވެފަ އެވެ.

އެންމެފަހުގެ ހަބަރުތައް ބުނާގޮތުން، ސުޕްސްޓާ ޝާހްރުކް ޚާން ވަނީ ލީޑްރޯލުން އާލިއާ އާއި ޕަރިނީތީ ފެނިގެންދާ ބަތަލާއިންނަށް ހާއްސަ ފިލްމެއް ޕްރޮޑިއުސްކުރުމަށް ނިންމާފަ އެވެ.

މިފިލްމު ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ ޝާހްރުކްގެ ގާތް އެކުވެރިއެއް ކަމަށްވާ ޑައިރެކްޓަރު އަދި ކޮރިއޮގްރާފާ ފަރާ ޚާން ކަމަށްވެ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ޝާހްރުކް މިހާރު ޝޫޓްކުރަމުން އަންނަ ފިލްމު "ދިލްވާލޭ"ގެ މަންޒަރުތައް ނެގުމަށް ގޯއާގައި ހަރަކާތްތެރިވަމުން އަންނަނިކޮށް، ފަރާ އާއި ޝާހްރުކް ގޮއާގައި ވަނީ މިފިލްމާއި ބެހޭގޮތުން ވާހަކަދައްކާފަ އެވެ.

އެގޮތުން މިހާރު ފަރާ އަންނަނީ މިފިލްމުގެ ސްކްރިޕްޓްގެ މަސައްކަތްކުރަމުން ކަމަށްވެ އެވެ.

ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތަކުން ބުނެފައިވާކަމަށް ނޫސްތަކުގައިވާ ގޮތުން، ފަރާ މިފިލްމުގެ ލީޑްރޯލުގައި ހިމަނަން ބޭނުންވަނީ އާލިއާ އާއި ޕަރިނީތީ އެވެ.

ޝާހްރުކް ޕްރޮޑިއުސްކޮށް، ފަރާ ޑައިރެކްޓްކުރާ ފިލްމަކުން ޕަރީނީތީ އަށް ފުރުސަތެއް ލިބިއްޖެނަމަ މިއީ ޕަރިނީތީގެ އޮއްސެމުން އަންނަ ކެރިއަރު އަލުން ކޮޅަށް ޖެހުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށްވާނެ އެވެ.

މިފިލްމުގެ ނަމަކީ ކޮބައިކަން އަދި މިއީ ކިހިނެއްވާ ފިލްމެއްކަން ފިލްމު އުފައްދާ ފަރާތުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

މިފަހުން ފަރާ އޭނާ ދެން އުފައްދާ ފިލްމެއް ޕްރޮޑިއުސްކުރާނީ ޝާހްރުކް ކަމަށް ބުނެފައިވާއިރު، އެންމެ ބޮޑަށް ބުރަވެވެނީ އެއީ މިފިލްމު ކަމަށެވެ.

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ދެބެއިންގެ ދެދަރި ކޮއްކޮ، ޕަރިނީތީ ޗޯޕްޅާ ބޮލީވުޑަށް ތައާރަފުވީ އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނި ޔާޝް ރާޖް ފިލްމްސްގެ ކުޑައިގެ ދަށުން ކަމުގައި ވިޔަސް، އޭނާ އަށް މާބޮޑު ކާމިޔާބީއެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

މިދިޔަ އަހަރު ނިކުތް ޕަރިނީތީގެ ދެފިލްމު، "ދާވަތޭ އިޝްގް" އާއި "ކިލް ދިލް" ވެސް ފްލޮޕްވެފައިވާިއރު، އޭގެފަހުން ޕަރިނީތީ އެންމެ ފިލްމެއްވެސް ރިލީޒްވެފައެއް ނުވެ އެވެ. އަދި ފިލްމެއްގެ ހުށަހެޅުމެއްވެސް ލިބިފައެއް ނުވެ އެވެ.

ޕަރިނީތީ ކުޅޭ ފިލްމެއް ޕްރިޔަންކާވެސް ޕްރޮޑިއުސްކުރަން ނިންމާފައިވާ ކަމުގެ އަޑުތަކެއް މިދޭތެރެއިން އެރި ނަމަވެސް ބެލެވޭ ގޮތުގައި ޕަރިނީތީގެ ތަރި އަލުން މެދު އުޑުގައި ފިޔަޖަހާލާނީ ޝާހްރުކްގެ ފިލްމަކުންނެވެ.