ސަލަފް ޖަމިއްޔާ

މި އަހަރު ސަލަފުން ގެނެސްދެނީ "ސިލޭހަ"

ކޮންމެ ރޯދަ މަހަކު ޖަމިއްޔަތުއްސަލަފުން ގެނެސްދޭ ދަރުސް ސިލްސިލާ މިއަދު ހަވީރު ފެށުމަށް ނިންމައިފި އެވެ.

އެ ޖަމިއްޔާއިން 2015 ވަނަ އަހަރުން ފެށިގެން ފުރުގާން މިސްކިތުގައި ކުރިއަށް ގެންދާ ދަރުސް ސިލްސިލާއަކީ އާންމުންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ ސިލްސިލާއެކެވެ. ކޮންމެ އަހަރަކުވެސް ތަފާތު މައުލޫތަކަށް ކުރިއަށް ގެންދާ މި ދަރުސް ސިލްސިލާ މިއަދު ހަވީރު ފެށުމަށް ނިންމާފައިވާއިރު ފުރަތަމަ ދަރުސް ދެއްވާނީ އައްޝަައިހް އަބްދުއްސަލާމް ބިން ދާވޫދު އެވެ. މިއަދުގެ ދަރުސް ހާއްސަ ކުރެވިފައިވަނީ "ވުޟޫ ދުއާ" މި މައުލޫއަށެވެ. މިއަހަރުގެ މުޅި ސިލްސިލާ ހާއްސަކޮށްފައިވަނީ ދުއާ އަށެވެ.

އަސުރު ނަމާދަށް ފަހު ކުރިއަށް ގެންދާ މި ދަރުސް ސިލްސިލާގައި މި އަހަރުވެސް ވަރަށް ގިނަ އިލްމުވެރިން ދަރުސް ދެއްވާނެ އެވެ. ކޮންމެ ދުވަހަކަށް ހާއްސަ ވަކި މައުލޫއެއް ކަނޑައަޅާފައިވެއެވެ.

މި އަހަރު ދަރުސް ދެއްވާ އިލްމުވެރިން

  • އައްޝައިހް އަލީ ޒާހިރު ބިން ސައީދު
  • އައްޝައިހް ހަސަން މޫސާ ފިކުރީ
  • އައްޝައިހް އަބްދުއްސަލާމް ބިން ދާއޫދު
  • އައްޝައިހް އަހުމަދު ސަމީރު
  • އައްޝައިހް ނިމާލް މުހައްމަދު
  • އައްޝައިހް ޝިހާމް މުހައްމަދު
  • އައްޝައިހް މުޖްތަބާ ހަމީދު
  • އައްޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހީމް

ޖަމިއްޔަތުއް ސަލަފުން ވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހު ދަރުސް ސިލްސިލާ ފެށުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަމުގެ ހުއްދަ ލިބުން ލަސްވުމާއި ގުޅިގެން ދަރުސް ސިލްސިލާ ފެށުން ލަސްވީއެވެ. ހުއްދަ ލިބުން ލަސްވުމާއި ގުޅިގެން އެކަން ސަމާލު ކަަމަށް ގެނައުމުން އިސްލާމިކް މިނިސްޓްރީން ބުނީ ހުއްދަ ތައްޔާރުކޮށް ނުފޮނުވި އޮތީ އިދާރީ އޮޅުމެއްގެ ސަބަބުން ކަމަށެވެ.

ދިވެހިންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ބޮޑު މަަސައްކަތެއް ކުރާ ޖަމިއްޔަތުއް ސަލަފަކީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ގެންދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ދިވެހިން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރަމުންނެވެ. ޓީވީ އާއި ރޭޑިއޯ ޕްރަގްރާމްތައް އުފައްދާ އަދި ސަލަފުގެ ސޯޝަލް މީޑިއާ ވަސީލަތްތައް ބޭނުންކޮށްގެންވެސް ޕްރަގްރާމްތައް އުފައްދައިގެން ގެނެސްދެއެވެ. އަދި މާލެ އާއި އެކި ރަށްރަށުގައި ސިލްސިލާކޮށް ދީނީ ދަރުސްތައް ކުރިއަށް ގެންދިއުމާއި އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ހާއްސަކޮށްގެންވެސް އެކި ޕްރަގްރާމްތައް ކުރިއަށް ގެންދެއެވެ. އަވަސްއާ ގުޅިގެން "ތަސްލިޔާ" ގެ ނަމުގައިވެސް ސަލަފުން ގެންދަނީ ހާއްސަ ޕްރަގްރާމެއް ގެނެސް ދެމުންނެވެ.