ސަލަފް ޖަމިއްޔާ

ރައީސް ސޯލިހު މަގާމުން ދުރުކުރަން ސަލަފު ޖަމިއްޔާއިން ގޮވާލައިފި

May 6, 2023
7

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަގާމުން ދުރުކުރުމަށް ޖަމިއްޔަތުއްސަލަފުގެ ރައީސް އައްޝައިހް އަބްދުﷲ ބިން މުހައްމަދު ގޮވާލައިފި އެވެ.

ސަލަފްގެ ރައީސް އައްޝައިހް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަކީ ގައުމީ މަސްލަހަތެއް ކަމަށެވެ.

"ޗާގޯސް މައްސަލައިގައި ގައުމާއި ރައްޔިތުންނަށް ހިޔާނާތްތެރިވެފައިވާތީ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަކީ ގައުމީ މަސްލަހަތެއް،" އޭނާ ވިދާޅުވި އެވެ.

ޝައިހް އަބްދުﷲ ވިދާޅުވި ގޮތުގައި ޗާގޯސް މައްސަލައަކީ ރާއްޖޭގެ ޖިއޮގްރަފީ އިމާ ގުޅިފައިވާ ސަރަޙައްދީ، ސިޔާދަތީ، ސީރިއަސް މައްސަލައެކެވެ.

އެ މައްސަލަ ބެލެންޖެހޭނެ ކަމަށާއި ގައުމުގެ އިމަކީ ބޮޑު އަމާނާތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދީނީ ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ސަލަފު ޖަމިއްޔާއިން ސިޔާސީ ކަންކަމުގައި ވަރަށް ބޮޑަށް ފާޑު ކިޔައި ބަޔާންތައް ނެރޭކަން ފާހަގަކުރެވެ އެވެ.