އަބްދުﷲ ޝާހިދު

އިންޑިއާގެ ފޮރިން މިނިސްޓަރު ޝާހިދުއާ ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރް އާއި މިއަދު ނިއުދިއްލީގައި ބައްދަލުކުރައްވައިފި އެވެ.

2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގެ ފަހުން މިނިސްޓަރު ޝާހިދު ނިއުދިއްލީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ޖައިޝަންކަރާއި މިއަދު ބައްދަލުކުރެއްވީ ހައިދަރްއާބާދު ހައުސްގައެވެ. މިނިސްޓަރު ޝާހިދު ވަނީ އިންޑިއާއިން ކިޔުއްވި ހޫނު މަރުހަބާއަށާއި ބަހައްޓަވާ މެހުމާންދާރީއަށް ޖައިޝަންކަރަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތާއި ވެކްސިން ޕްރޮގްރާމްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ޕެންޑެމިކްގެ ތެރޭގައި އިންޑިއާއިން ދިވެހި ރައްޔިތުންނަށް ވެދެއްވި އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާރަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ. އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ ޖައިޝަންކަރު ވަނީ ދިވެހިރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އިންޑިއާއިން ވެދެމުން އަންނަ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދެވާނެކަނުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ، އެއްވެސް މެދުކެނޑުމެއް ނެތި ރާއްޖެއަށް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މި ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ބައިނަލްއަގްވާމީ މުޖްތަމައުގައި ގުޅިގެން މަސައްކަތްކުރުމާއި ރާއްޖޭގައި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްދާ މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.